އެއްދުވަހެއްގައި ދެ އިންތިހާބު ދެ ވޯޓު ކަރުދާސްކޮޅެއް ބޭނުންކޮށްގެން ބޭއްވުމާއި، ދެ އިންތިހާބު އެއްކޮށްލުމަކީ ހާސްބައި ތަފާތު ދެކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯ އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ ޔޫތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ޔޫތު ލީޑަރޝިޕް ވޯކްޝޮޕެއްގައި ޒުވާނުންނަށް މައުލޫމާތު ދެއްވަމުންނެވެ.
ނިހާން ވިދާޅުވީ ކުރިއަށް އޮތް ރިފަރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން އެކި ފަރާތްތަކުން ތަފާތު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި އެއްދުވަހެއްގައި ދެ ވޯޓު ބާއްވާ ވާހަކައާއި އިންތިހާބު އެއްކޮށްލާ ވާހަކަ ދެކެވޭއިރު، މިއީ މުޅިން ތަފާތު މާނަ ނުކުންނަ ދެ ޖުމްލަކަން އޭނާ ފާހަގަކުރެއްވިއެވެ.
”އެއްދުވަހެއްގައި ދެ އިންތިހާބެއް ދެ ވޯޓު ކަރުދާސްކޮޅުގައި ބޭއްވުމާއި، ދެ އިންތިހާބެއް އެއްކޮށްލުމާއި މިއީ ހާހަކާއި ސުމަކާއި ދޭތެރޭގެ ތަފާތު އޮތް ކަމެއް،“ ނިހާން ވިދާޅުވިއެވެ.
މިކަމާ ގުޅޭ ގާނޫނީ އޮނިގަނޑަށް އަލިއަޅުއްވާލައްވަމުން ނިހާން ވިދާޅުވީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބުނާ ވަކި ހާލަތްތަކެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އުމުރަށް ބަދަލެއް ގެނެސްފިނަމަ އެއީ ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު އޮތް 20 ވަނަ މަޖިލީހުން މި ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވައިފިނަމަ، ދައުރުން ގާތްގަނޑަކަށް 6 މަސް ދުވަސް އުނިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސިޔާސީ ޕޯޑިއަމްތަކާއި އެކި ޕްރޮގްރާމްތަކުގައި ބައެއް ފަރާތްތަކުން އިންތިހާބު އެއްކުރަނީ ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، މިއީ ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބު ކަމަށް ނިހާން ވިދާޅުވިއެވެ. މިއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ނިހާން އިތުރަށް ވިދާޅުވީ، ޒުވާނުން މިފަދަ ކަންކަމުގައި ހޭލުންތެރިވާން ޖެހޭ ކަމަށާއި، ކަންކަން ހިނގާ ގޮތް ބަލާ ހޯދަން ޖެހޭ ކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް ދޫކޮށްލުމުގެ ބަދަލުގައި، މިއީ ކީއްވެގެން ނަގާ ވޯޓެއްތޯއާއި މިކަމުގެ ހަގީގަތަކީ ކޮބައިތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެ ނިހާން ވަނީ ޒުވާނުންނަށް އިލްތިމާސް ކުރައްވާފައެވެ.

