ވޯޓު ދިނުމުގެ ގާނޫނީ ހައްގު ހެޔޮ ގޮތުގައި ބޭނުންކޮށް، އެ ޒިންމާ އަދާކުރުމުގައި އެއްވެސް ފަރާތަކުން ހުށަހަޅާ ރިޝްވަތުގައި ނުހިފައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އެ ހައްގުގެ ބޭނުން ހިފުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފިއެވެ.
އިންތިހާބާއި ގުޅިގެން އޭސީސީން ބުނީ، އިންތިހާބާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކާއި، މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރާ ޝަކުވާތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެހެނިހެން ގޮތްގޮތުން އެ ކޮމިޝަނުގެ ސަމާލުކަމަށް އަންނަ މައްސަލަތައް ވެސް ތަހުގީގުކުރަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ހާމަކުރެއެވެ.
ކޮމިޝަނުން އިތުރަށް ބުނި ގޮތުގައި، އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަކީ ޖިނާއީ މައްސަލަތައް ކަމަށް ވާތީ، އެ މައްސަލަތައް ބެލުމުގައި އަމަލުކުރަމުންދަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުތަކަށްކަމަށެވެ. މީގެ ބޭނުމަކީ އިންތިހާބުގެ ނަޒާހާތްތެރިކަން ކަށަވަރުކޮށް، ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުން ކަމަށް އޭސީސީން ބުނެއެވެ.
އިންތިހާބުގެ އިންސާފުވެރިކަން ދެމެހެއްޓުމަށްޓަކައި، ކެމްޕޭނު ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން އެންމެހައި ފަރާތްތަކުން ދުރުހެލިވުމަކީ ނުހަނު މުހިއްމު އ3ިސްކަމެއްދީގެން ކުރަންޖެހޭ ކަމެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.
އޭސީސީން ވަނީ، ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް މީހަކަށް ރިޝްވަތު ހުށަނޭޅުމަށާއި، ކޮންމެ ރައްޔިތަކުވެސް ލިބިފައިވާ ވޯޓުލުމުގެ ހައްގު ތެދުވެރިކަމާއެކު ގައުމީ މަސްލަހަތު އިސްކޮށް ބޭނުންކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

