ރައީސް މުޢިއްޒަކީ ރައްޔިތުންގެ ނިންމުންތަކަށް އިޚްތިރާމްކުރައްވާ ނަމޫނާ ވެރިއެއްކަމަށް ބާރަށު ދާއިރާގެމެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންގެ އަޑު ގާތުން އައްސަވާ، އަދި ރައްޔިތުންގެ ނިންމުންތަކަށް ފުރިހަމައަށް އިޚްތިރާމްކުރައްވާ ޑިމޮކްރެޓިކް ވެރިއެއްގެ ގޮތުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ސިފަކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ރައީސް މުޢިއްޒަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދެއްވުމަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށާއި، އެކަން އެމަނިކުފާނު އަމަލުން ދައްކަވަމުން ގެންދަވާ ކަމަށެވެ. އަދި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ފަރިތަ، ޑިމޮކްރަސީގެ އުސޫލުތަކަށް ލޯބިކުރައްވާ ވެރިއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
މި ނިޒާމުގައި ރައީސް ތިޔަ ދައްކުވައި ދެއްވީ ރައްޔިތުންގެ ނިންމުމަށް ވެރިޔަކު އިޚްތިރާމް ކުރައްވާ މިންވަރު. އެއީ މާތް ސިފައެއް،“ ޝުޖާއު ވިދާޅުވި
ޝުޖާއުގެ ޕޯސްޓުގައި ކުރިން އޭނާ މަސައްކަތް ކުރެއްވި ވެރިއަކަށް ނުސީދާކޮށް ފާޑުވިދާޅުވަމުން ވިދާޅުވީ، އެ ބޭފުޅާއަށް އެންމެ އުނދަގޫ ކަމަކަށް ވެފައި އޮންނަނީ ރައްޔިތުންގެ ނިންމުންތަކަށް އިޚްތިރާމް ކުރުން ކަމަށެވެ. އޭގެ ބަދަލުގައި އެ ބޭފުޅާ ރައްޔިތުންދެކެ ރުޅި އައިސް، ފުސްމޫނު ދައްކަވާ ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.
ނަމަވެސް ރައީސް މުޢިއްޒު މިއަދު ދައްކަވަނީ ރައްޔިތުންނަށް ކުރައްވާ އިޚްތިރާމާއި ލޯބީގެ ރިވެތި ނަމޫނާއެއް ކަމަށް އޭނާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ރައީސް ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅަށް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުން، ރައީސްގެ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދުކުރައްވާނެ ކަމުގެ ޔަގީންކަން ޝުޖާއު ވަނީ ދެއްވާފައެވެ.
އަދި މި ޕޯސްޓު ނިންމަވާ ލައްވަމުން އެ މަނިކްފާނު ހުންނެވޗީ ގަދަކޮށް ރައީސްއާއި އެކުކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

