ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑު އުފުލުމަށް ބާއްވަމުންދާ ސިލްސިލާ އެއްވުންތަކާއި ހަރަކާތްތަކުގައި ބައެއް މީހުން ޤާނޫނާ ޚިލާފު ކަންކަން ކޮށް ރައްޔިތުންނާއި ދަޢުލަތުގެ މުދަލަށް ގެއްލުން ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާއެކު ހާއްސަކޮށް ޒުވާނުން ކެކި އަރައި، އެ ކަމާ ދެކޮޅަށް އިހްތިޖާޖް ކުރަން މާލެ އާއި ރަށްރަށުގައި ދަނީ އެއްވުންތައް ބާއްވަމުންނެވެ. އަދި އެފަދަ ކުށް ކުރާ މީހުނަށް ދެވެން އޮތް ހަރުކަށި އަދަބެއް ދިނުމަށް ދަނީ ގޮވާލަމުންނެވެ.
ރޭގެ ވަގުތެއްގައި ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި މުއައްސަސާތައް ޒިންމާދާރު ކުރުމަށް ބާއްވާ އެއްވުންތަކުގައި ބައެއް މީހުން ޤާނޫނާ ޚިލާފު އަމަލުތައް ހިންގައި އެހެން މީހުންގެ ހައްގުތަކަށް އުނިކަން ދީ، ބިރުވެރިކަން އުފެދޭ އަމަލުތައް ތަކުރާރު ކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެ ގޮތުން މީހުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓަލު ފަދަ ތަންތަނަށް އެއްވެ އަޑުގަދަކޮށް ހަޅޭއްލަވައި، މީހުންނާއި ދައުލަތުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނުން ފަދަ، ގާނޫނީ ހަމަތަކާއި އުސޫލުތަކާ ހިލާފު އަމަލުތައް ކުރިމަތި ކުރުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެ ފަދަ އަމަލުތަކަކީ ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ދާއިރާތަކުން ބޭރު އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެއްވެ އަޑު އުފުލުމުގެ މަގްސަދާ ވެސް ހިލާފު ކަމަކަށް ވުމުން އެފަދަ އަމަލުތައް ހިންގައި ތަކެއްޗާއި މީހުނަށް ގެއްލުން ނުދިނުމަށް ފުލުހުން ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފަ އެވެ.
ފުލުހުން ބުނީ ބައެއް މީޑިއާތަކުން ވެސް އެފަދަ ކަންކަމާ ގުޅޭ ގޮތުން ހަބަރު ފެތުރުމާއި މިފަދަ މައްސަލަތަކުގެ ތުހުމަތު ކުރެވޭ ފަރާތްތައް އަނިޔާކޮށް ގޯނާ ކުރުމަށް ހިތްވަރުދީ އަދި އެއީ އެފަދަ ފަރާތްތަކާ މެދު ކަންކަން ކުރަން ޖެހޭ ގޮތް ކަމަށް ދެއްކުމަށް މަސައްކަތް ކުރާ ކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ކޮންމެ ފަރުދަކާ މެދު ވެސް ޤާނޫނުގައިވާ ގޮތުގެ މަތިން އަމަލުކޮށް އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރި ކުރުމަކީ ފުލުހުންގެ މަސްއޫލިއްޔަތެއް ކަމަށާއި، މި ފަދަ މައްސަލަތައް ބަލައި ތަހުގީގުކޮށް، ކުށް ކުރާ މީހުނާ މެދު ގާނޫނާ އެއް ގޮތަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގައި އެންމެން ވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ، ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ހިންގާ ހަރަކާތްތަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށެވެ. .

