މިދިޔަ އަހަރު ރާއްޖޭގެ އޮޕަރޭޓް ކުރި ރިސޯޓުތަކުގެ އެވްރެޖު އޮކިއުޕެންސީ ހުރީ 74.1 ޕަސެންޓް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ މިދިޔަ އަހަރުގެ ޓޫރިސްޓު އެރައިވަލް ރިޕޯޓުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި 157 ރިސޯޓު އޮތް އިރު، އޭގެ ތެރެއިން އޮޕަރޭޓް ކުރަމުން ގޮސްފައި ވަނީ 146 ރިސޯޓެވެ. އަދި މި ތަންތަނުގެ އެވްރެޖު އޮކިއުޕެންސީއަކީ 74.1 ޕަސެންޓެވެ ކަމަށް އެ ރިޕޯޓުގައި ވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މުޅި އަހަރު އެންމެ ބޮޑަށް އޮކިއުޕެންސީ ރަނގަޅު ވެފައި ވަނީ މިދިޔަ އަހަރުގެ ވެސް ޓޫރިޒަމްގެ މައި ސީޒަންގަ އެވެ. ހާއްސަކޮށް އާ އަހަރާއި ކްރިސްމަސް ހޮލިޑޭސްއާ ދިމާކޮށް އޮކިއުޕެންސީ ރޭޓް ވަނީ 84.9 ޕަސެންޓަށް އުފުލިފަ އެވެ.
އަދި ފެބްރުއަރީ މަހު އޮކިއުޕެންސީ ރޭޓް 94 ޕަސެންޓަށް އުފުލިފައި ވެއެވެ. އޮކިއުޕެންސީ އެންމެ ދަށްވެފައި ވަނީ އަހަރުގެ މެދު ތެރޭގަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޮކިއުޕެންސީ ރޭޓް ވަނީ 56 ޕަސެންޓަށް ވެއްޓިފައިވެ އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެއީ 1.7 މިލިއަން މީހުނެވެ.

