އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އަނެއްކާވެސް އިންޒާރެއް ދެއްވައިފިއެވެ. ޓްރަމްޕް ވިދާޅުވީ، ”އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް“ އީރާނަށް މިހާރު އޮތީ އެންމެ ދެ ދުވަހުގެ މުހުލަތެއް ކަމަށެވެ.
ހޮނިހިރު ދުވަހު ޓްރަމްޕްގެ ’ޓްރުތް ސޯޝަލް‘ ގައި ޝާއިއުކުރި ކުރު ބަޔާނުގައި، އީރާން މަތިން އެމެރިކާގެ އެފް-15 މަތިންދާބޯޓެއް ވައްޓާލުމާ ގުޅިގެން ގެއްލިފައިވާ ޕައިލެޓް ހޯދުމުގެ މަސައްކަތާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ. މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށި ފަހުން، އެމެރިކާގެ އަސްކަރީ ބޯޓެއް ވައްޓާލި ފުރަތަމަ ފަހަރަކީ މިއީ ކަމަށްވާއިރު، އީރާނުން ވަނީ އެކަމުގެ ޒިންމާ އުފުލާފައެވެ.
މީގެ އިތުރުން، ހޯރްމޫޒް ކަނޑުއޮޅި ކައިރިން އެމެރިކާގެ އޭ-10 މަރުކާގެ ބޯޓެއް ވައްޓާލާފައިވާ ކަމަށްވެސް އީރާނުން ހުކުރު ދުވަހު ބުނެފައިވެއެވެ. މިއީ އީރާނުގެ ވައިގެ ސަރަހައްދު އެމެރިކާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް ކަމަށް ޓްރަމްޕް ކުރިން ވިދާޅުވި ވާހަކަފުޅާ މެދު ސުވާލު އުފެދޭ ކަމެކެވެ.
ޓްރަމްޕްގެ މި ފަހަރުގެ އިންޒާރު ބިނާވެފައިވަނީ، މާރިޗު 26 ވަނަ ދުވަހު އޭނާ ކަނޑައެޅުއްވި 10 ދުވަހުގެ މުހުލަތުގެ މައްޗަށެވެ. އެ މުހުލަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެއެވެ.
”އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް ދިން 10 ދުވަހުގެ މުހުލަތު ހަނދާން އެބަހުރި ހެއްޔެވެ؟“ ޓްރަމްޕް ލިޔުއްވާފައިވެއެވެ. ”ވަގުތު މިދަނީ ހުސްވަމުން – އެމީހުންގެ މައްޗަށް ނަރަކައިގެ އަޒާބު އޮހިގަތުމަށް ބާކީ އޮތީ އެންމެ 48 ގަޑިއިރު. ކަލާނގެއަށް ހަމްދު ހުރި!“ ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އީރާނުގެ އަސްކަރިއްޔާގެ ޖެނެރަލް އަލީ އަބްދުﷲ އަލިއާބާދީ ވިދާޅުވީ، މިއީ ގޮތް ހުސްވެފައިވާ، ނުތަނަވަސް އަދި ބުއްދި ގަބޫލުނުކުރެވޭ ފަދަ މޮޔަ އަމަލެއް ކަމަށެވެ. އަދި މި މެސެޖުގެ ސާދާ މާނައަކީ އެމެރިކާއަށް ނަރަކައިގެ ދޮރުތައް ހުޅުވިގެންދިއުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެދުކެނޑިފައިވާ މަޝްވަރާތައްޓްރަމްޕް ވަނީ އީރާނުގެ އިންޖީނުގެތަކަށާއި، ތެޔޮ ރައްކާކުރާ މަރުކަޒުތަކުގެ އިތުރުން ފެން ސާފުކުރާ ނިޒާމުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް މި ހަފުތާގައި ދެއްވާފައެވެ. ބުދަ ދުވަހު ގައުމާ މުހާތަބު ކުރައްވަމުން އޭނާ ވިދާޅުވީ އީރާން ”ހިލަ ޒަމާނަށް“ ފޮނުވާލާނެ ކަމަށެވެ.
ނަމަވެސް، އާންމު ރައްޔިތުން ބޭނުންކުރާ ވަސީލަތްތަކަށް ހަމަލާދިނުމަކީ ޖެނީވާ ކޮންވެންޝަނާ ހިލާފު، ހަނގުރާމައިގެ ކުށެއް ކަމަށް ބުނެ 100 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ގާނޫނީ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސުލްހައިގެ ވާހަކަތަކާ ގުޅޭގޮތުން އެމެރިކާއާއި އީރާނުން ދައްކަނީ އިދިކޮޅު ވާހަކަތަކެކެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ ”ބުއްދިވެރިނޫން“ ޕްލޭން ބަލައިނުގަތް ނަމަވެސް، ޑިޕްލޮމެޓިކް މަޝްވަރާތަކަށް އީރާން އަދިވެސް އޮތީ ހުޅުވިފައި ކަމަށެވެ. އީރާނުން ބޭނުންވަނީ އެ ގައުމުގެ މައްޗަށް މަޖުބޫރުކޮށްފައިވާ އުދުވާނީ ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމަ

