އަނެއްކާ ވެސް އިވިގެން މިދިޔައީ، ދިވެހިރާއްޖޭގެ ވަރީގެ ނިސްބަތް މައްޗަށް ޖެހުނު ވާހަކައެވެ. އަހަރަކަށް ފަހު އަހަރެއްގައި އަދަދު އިތުރުވަމުން އައިއިރު، 2019 މިވަނީ ބޮޑު ތަފާތެއް ދައްކާފައެވެ. 2018 ވަނަ އަހަރަށް ވުރެ 2019 ވަނަ އަހަރު ރާއްޖޭގައި ކުރެވުނު ވަރީގެ ނިސްބަތް 60 އިންސައްތަ މަތިވުމަކީ ހައިރާންވެ އަންތަރީސް ވާން ޖެހުނު ކަމެކެވެ. ރާއްޖޭގައި ހަމަ އެހާ ވެސް ވަރި ގިނަ ހެއްޔެވެ؟
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ހާމަކޮށްފައިވާ، ދިވެހިރާއްޖޭގައި ކުރެވޭ ކައިވެންޏާއި ވަރީގެ ތަފާސް ހިސާބުގައި ވާގޮތުން، 2018ވަނަ އަހަރު ކޮށްފައި ވަނީ 3166 ވަރިއެވެ. އަދި 2019 ވަނަ އަހަރު 5117 ވަރިކޮށްފައިވެއެވެ މިއީ ސާބަހާއެކު ރަން މެޑަލި ދޭވަރު ކަމެއް ނޫންތޯއެވެ؟. ދިވެހިރާއްޖޭގެ ކޯޓުތަކުގައި ރަޖިސްޓްރީ ކުރެވިގެން 2018 ވަނަ އަހަރު ކައިވެނި ކޮށްފައި ވަނީ 5290 ކައިވެންޏެވެ. އަދި 2019 ވަނަ އަަހަރު ކޮށްފައި ވަނީ، 6509 ކައިވެންޏެވެ. މިއީ އިންސައްތައިން ބަލާނަމަ، 23 އިންސައްތަ މަދު އަދަދެކެވެ.
މިއީ އަސްލުވެސް ދުނިޔޭގެ ރެކޯޑެކެވެ. އެންމެ ވަރި ގިނަ ގައުމުގެ ރެކޯޑު އޮތީ ދިވެހިރައްޖޭގައެވެ. އަލަކަށް ނޫނެވެ. 2014 ވަނަ އަހަރުން ފެށިގެންނެވެ. ދުނިޔޭގެ ރެކޯޑު ފޮތުގައި ވަނީ، ރާއްޖޭގައި ކޮންމެ 1000 ރައްޔިތަކަށް އަހަރަކު 10.97 އިންސައްތަ ވަރި، ނިސްބަތުން ބަލާނަމަ ކުރާ ކަމަށެވެ. ރާއްޖެ ފިޔަވާ ދެވަނައަށް އެންމެ ވަރި ގިނަ ގައުމަކީ ބެލަރޫސް އެވެ. އެ ގައުމުގެ ވަރީގެ ރޭޓަކީ ކޮންމެ 1000 މީހަކަށް އަހަރަކު 4.63 ވަރި އެވެ. މި ލިސްޓުގައި ތިންވަނައިގައި ވަނީ އެމެރިކާ އެވެ. އެ ގައުމުގެ ވަރީގެ ރޭޓްގެ ގޮތުގައި ރެކޯޑްކުރެވިފައި ވަނީ ކޮންމެ 1000 މީހަކަށް 4.34 ވަރި އެވެ. މީ ފަހުރުވެރިވާންޖެހޭ ރެކޯޑެއް ނޫނެވެ. ލަދުވެތިވަންޖެހޭ ވަރަށް ހަޑި ރެކޯޑެކެވެ.
އިސްލާމްދީން ދެކޭގޮތުގައި ކައިވެންޏަކީ އަންހެނަކާއި ފރިހެނަކާއި ދެމެދު ޖަހައިލެވޭ މުޤައްދަސް ގޮށެކެވެ. ގަދަފަދަ ޢަހުދެކެވެ. ހަމަހަމަކަމާއި، އެކަކު އަނެކަކަށް އިޙުތިރާމްކުރުންމަތީ ދެމިއޮންނަންޖެހޭ އުފާވެރި ކައިވެންޏަކީ އިސްލާމްދީން ބޮޑު އަހަންމިއްޔަތެއް ދޭ އެއްޗެކެވެ. އެކަމަކު ހުރިހާ ކައިވެންޏަކީ ކާމިޔާބު އެއްޗަކަށް ހެދުމަކީ މުސްތަޙީލް ކަމެކެވެ. އިންސާނުންގެ ތަބީޢަތަށް ބަލާއިރު ވަރިކުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެނެވެ. އެކަމަކު އެއީ ވަރިވެސް އޭގެ ތަބަޢީ ގޮތަށް ކުރާނަމައެވެ. ނުވަތަ ތަބަޢީ މިނަކަށް އެކަންތައް މުޖްތަމަޢުގައި އޮންނަ ނަމައެވެ.
މުސްލިމުން ކައިވެނި ކުރަން އަންގަވާފައި އޮންނަނީ ވަރިކުރާކަށްނޫނެވެ. ޚުދު ވަރިކުރަން ހިތުން ނިޔަތްގަނެ، މީނާގެ ފޮނިބޮއެފައި ދުވަސްކޮޅަކުން ވަރިކޮށްލާނަމޭ، ނުވަތަ އޭނާގެ އަތުން ކޮންމެވެސް ލާރިގަނޑެއް ހޯދައިގެން އެހެން ފިރިހެނަކާއި އިންނާނީއޭ ހިތަށް އަރުވައިގެން ކައިވެނި ކުރުމަކީ ބޮޑު ޙަރާމް ކަމެކެވެ. މިފަދަ ކަންތަކަށް އޮންނަ މަގުބަންދު ކުރުމުގެ ގޮތުން އިިސްލާމްދީނުގައި ވަނީ މުތުޢާ ކައިވެނިވެސް ޙަރާމް ކުރައްވާފައެވެ. ކަމުގެ އަސްލަކީ ކައިވެންޏެވެ. ވަރިއަކީ ކައިވެންޏަށް އަންނަ އިސްތިސްނާއެކެވެ. މީގެ އިދިކޮޅަށް ކަންތައްވާނަމަ އެ ތަނެއްގައި ކޮންމެވެސް އިޖުތިމާޢި މައްސަލަތަކެއް އުޅެނީއެވެ.
ވަރިކުރަންޖެހޭ ހިސާބަށް ކަންތައްގޯސްވުމުން ޖެހެނީ ދެމީހުންގެ ޢާއިލާއިންވެސް ދެމީހަކު މެދުވެރިކޮށް ވާހަކަ ދައްކައި މައްސަލަ ޙައްލު ކުރުމެވެ. މިހާރަކަށް އައިސް ވާހެން މައްސަލައެއް ޖެހޭއިރަށް އަނެއްފަރާތުގެ ޢާއިލާއިން ވަދެގަނެ މައްސަލަ ނުބައިން ނުބަޔަށް ބަދަލު ކުރުމެއް ނޫނެވެ. އަލުން ދެމީހުންނަށް ނުއުޅެވޭނެ މަރުޙަލާ އަކަށް ކަންތައްދިއުމުން، ދެމީހުންގެ ޙައްޤުވެސް އިސްލާމްދީނުގައި ރައްކާތެރިކުރެއެވެ.
ވަރިއާއި ބެހޭގޮތުން އައިސްފައިވާ ގިނައާޔަތްތަކުގެ ތެރެއިން އެއްއާޔަތަކީ “ ބަޤަރާ ސޫރަތުގެ 229 ވަނަ އާޔަތެވެ. الطَّلَاقُ مَرَّتَانِ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ وَلَا يَحِلُّ لَكُمْ أَنْ تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا إِلَّا أَنْ يَخَافَا أَلَّا يُقِيمَا حُدُودَ اللَّهِ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ اللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا افْتَدَتْ بِهِ تِلْكَ حُدُودُ اللَّهِ فَلَا تَعْتَدُوهَا وَمَنْ يَتَعَدَّ حُدُودَ اللَّهِ فَأُولَئِكَ هُمُ الظَّالِمُونَ
މާނައަކީ: ”ވަރިކުރުންވަނީ ދެފަހަރުއެވެ. ދެން އެކަނބަލުން ހެޔޮރަނގަޅު ގޮތުގައި ބައިތިއްބާށެވެ. ނުވަތަ ހެޔޮރަނގަޅު ގޮތުގައި ދިޔަދޭށެވެ. އަދި އެދެމަފިރިންނަށް ﷲ ކަނޑައަޅުއްވާފައިވާ ޙައްދުތަކުގެ ތެރޭގައި ނުތިބެވޭނެކަމަށް ފެނިއްޖެއްޔާމެނުވީ، ކަލޭމެން ފިރިން އެކަނބަލުންނަށް ދީފައިވާ އެއްވެސް އެއްޗެއް އަތުލުމަކީ ހުއްދަ ޙަލާލް ކަމެއްނޫނެވެ. ނަމަވެސް އެދެމަފިރިއަކަށް ﷲގެ ކިބައިން ކަނޑައެޅިގެންހުރި ޙައްދުތަކުގެ ތެރޭގައި ނުތިބެވޭނެކަމަށް ކަލޭމެން ޙާކިމަށް ފެނިއްޖެ ހިނދެއްގައި، އެކަނބަލުން އެއެއްޗެއް ދިގެން ވަރިވުމަށްޓަކައި ދޫކޮށްފި އެއްޗަކާއިމެދު މަނާއެއްނެތެވެ. މިއީ ﷲގެ ކިބައިން ކަނޑައެޅިގެންހުރި ޙައްދުތަކެވެ. ފަހެ މިޙައްދުތައް ފަހަނައަޅައި ނުދާހުށިކަމެވެ. އަދި ދަނެވެ. ﷲގެ ކިބައިން ހުރި ޙައްދުތައް ފަހަނައަޅައިދާމީހުން، ފަހެއެއީ ތިމާމެންގެ އަމިއްލަ ނަފްދުތަކަށާއި އަނެކުންނަށް އަނިޔާވެރިވެއްޖެ މީހުންނެވެ.“
ވަރިކުޅައުންވަނީ ދެފަހަރުއެވެ. ދެން އެކަނބަލުން ހެޔޮރަނގަޅުގޮތުގައި ބައިތިއްބާށެވެ. ނުވަތް ހެޔޮރަނގަޅުގޮތުގައި ދިޔަދޭށެވެ.
އެއްމީހުންނަށް ހީވެފައި އޮންނަނީ އިސްލާމްދީނުގައި ކައިވެނި ރޫޅުމުގެ ބާރު ލިބިފައިވަނީ ހަމައެކަނި ފިހެނުންނަށް ކަމަށެވެ. ނަމަވެސް ޙަޤީޤަތް އޮތީ މިއާއި ވަރަށް ދުރުގައެވެ. ކައިވެނި ރޫޅާލުމުގެ ބާރު އަންހެނުންނަށްވެސް ލިބިދީފައިވެއެވެ. އެއަށްމިކިޔަނީ ޚުލްޢު އެވެ. އަންހެނަކު ފިރިމީހާގެ އަނިޔާ ލިބިލިބި، ހިތްހަމަނުޖެހޭ، ޢަޒާބެއްގައި މުޅި ޢުމުރު ހޭދަކޮށްލަން ފަހަރެއްގައިވެސް އިސްލާމްދީން ނުރުހެއެވެ. އަނބިމީހާ ކޯޓަށްގޮސް އޭނާ ވަރިކުރަންބޭނުންވާ މަޤްބޫލު ސަބަބެއް ދެއްކުމުން، ނުވަތަ އުޅެވެން ނެއްކަން ޘާބިތުކުރުމުން ވަރިވެވިދާނެއެވެ.
”ކަލޭވަރި ކޮށްފިން“ މިފަދަ ޖުމްލައަކުން ނުވަތަ އެނުންވެސް ގޮތަކަށް ވަރިކުރުމަކީ ހުއްދަ ކަންތައްތަކުގެ ތެރެއިން ﷲ އެންމެ ނުރުއްސަވާ ކަންކަމުގައި ކީރިތިރަސޫލާގެ ޙަދީޘްފުޅެއްގައި ވެއެވެ. ހަމައެފަދައިން ސަބަބަކާއި ނުލައި ނުވަތަ ހަވާނަފްސަށްޓަކައި ”އަހަރެން ވަރިކުރާށެ“ ބުނާ އަންހެނަކަށް ސުވަރުގޭގެ ވަސްވެސް ދުވާ ހިސާބަށް ނުުދެވޭނެކަމަށް ވިދާޅުވެ، މިކަމުން އަންހެނުންވެސް އެއްކިބާވެގަތުމަށް އަމުރުކުރައްވައެވެ.
ވަރިކުރުމަކީ މުޖުތަމަޢުގައި ތަފާތު އިޖުތިމާޢީ ބަލިމަޑުކަން ފެއްޓުމުގެ މައިގަނޑު އެއްސަބަބެވެ. އޭގެތެރޭގައި ދަރިންނަށް ލިބޭ ގެއްލުމަކީ އެންމެ ބޮޑުގެއްލުމެވެ. އަދި ހުރިހާ ގެއްލުންތަކުގެ ފެއްޓުމެވެ. ދެމަފިރިން އަމިއްލަ ދަރިންގެ މުސްތަޤްބަލާއިމެދު ނުވިސްނާތާގައި، ދީނުގައި މިހާބޮޑަށް ނުކުރުމަށް އަންގަވާފައިވާ ކަމަކަށްވަތީ ވަރި ނުކުރާނަމަވެސް ކިތަންމެހާވެސް ރަނގަޅެވެ.

