އެމްޑީޕީގެ އެތެރޭގައި އުފެދުނު ބޮޑު ހިޔާލުތަފާތުވުންތަކަށް ފަހު، ޕާޓީގެ ލީޑަރުން ސުލްހަވެ ޕާޓީގެ ޗެއާޕާސަންކަމުން އަބްދުލްޣަފޫރު މޫސާ ވަކިކުރުމަށް ހުށަހެޅި މައްސަލަ އަނބުރާ ގެނައުމަށް އެއްބަސްވެއްޖެ އެވެ.
މައްސަލަތައް ހައްލުކޮށް ކުރި މަޝްވަރާތަކުގެ ދަށުން، ވަގުތީ ޗެއާޕާސަން ޣަފޫރު މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ އަނބުރާ ގެނައުމަށާއި، މަގާމުން ވަކިކުރި އިސް ދެ ބޭފުޅުންގެ މަގާމު އިއާދަކުރުމަށް ވަނީ ނިންމާފައެވެ.
މިދޔަ ހޮނިހިރު ދުވަހު އޮތް ކައުންސިލް އިންތިހާބަށް ފަހު، އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ގޯސްވެ، ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް އޮތީ ހުށަހަޅާފަ އެވެ. އަދި އިންތިހާބުގެ ކާމިޔާބީއަކީ ވަކި މީހެއް ނުވަތަ ވަކި ބައެއްގެ މަސައްކަތެއް ނޫންކަމަށް ބުނެ ވެސް ބަހުގެ ހަމަލާތައް ރައްދު ކުރި އެވެ.
މައްސަލަ ގޯސްވެ މަގާމުން ވަކިކުރީ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބްރޭ) އާއި ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު މައުރޫފެވެ. މި ދެ ބޭފުޅުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުންނެވެ.
މި މައްސަލަ ހޫނުވީ، އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގެ އެޖެންޑާއާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. ރައީސް ނަޝީދާއި ފައްޔާޒުގެ ފެކްޝަނުން ތުހުމަތުކުރި ގޮތުގައި، އެ ބޭފުޅުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދިނުމަށް ފަހު ވަގުތު އެޖެންޑާއަށް ބަދަލު ގެނައީއެވެ. އެކަމާ ހިތްހަމަނުޖެހިގެން ދެ ބޭފުޅުން ޖަލްސާ ބޮއިކޮޓްކޮށް، އެކަން މީޑިއާތަކަށް ތިލަކުރި އެވެ.
ޖަލްސާ ފެށިއިރު ރައީސް ނަޝީދަށް ހާއްސަކުރި ގޮނޑި ވެސް ހުއްޓެވެ.
ޕާޓީގެ އެކި މަސްދަރުތަކުން މިހާރު މައުލޫމާތު ލިބޭ ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ކުރެއްވި މަޝްވަރާތަކަށް ފަހު މިހާރު ވަނީ ހިޔާލުތަފާތުވުންތަކަށް ހައްލެއް ގެނެސްފައެވެ. މިކަން އެ ދެ ބޭފުޅުން ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އެނގިފައިވާ ގޮތުގައި މަޝްވަރާތަކުން ކަންކަން ހައްލުވުމާ ގުޅިގެން ގަފޫރު ވަކިކުރުމަށް ގައުމީ މަޖިލީހަށް ހުށަހެޅި މައްސަލަ މިހާރު ވަނީ އަނބުރާ ގެންދަން ނިންމާފައެވެ. ޣަފޫރު ވަކިކުރުމަށް މިދިޔަ ބުދަ ދުވަހު ހުށަހަޅާފައި ވަނީ 55 މެންބަރުންގެ ސޮޔާއެކުގައެވެ. އަދި މައްސަލަ އަނބުރާ ގެންދިއުމުން އިބްރޭއާއި، މައުރޫފްގެ މަގާމު އިޔާދަކުރުމަށް ނިންމާފައިވާކަން ވަނީ އެނގިފަ އެވެ.
މީގެކުރިން ހަމަޖެހިފައި އޮތީ ހޯމަ ދުވަހު ޣަފޫރު މަގާމުން ވަކިކުރުމުގެ މައްސަލައިގައި ގައުމީ މަޖިލިސް ބައްދަލުވުމެއް ބޭއްވުމަށެވެ. ނަމަވެސް އެ ބައްދަލުވުން ކެންސަލްކޮށް މިރޭ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

