ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް މަހުގެ ތެރޭގައި ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ލަންކާގެ މީޑިއާތަކުން މިކަން ހާމަކޮށްފައިވީ ނަމަވެސް، ރައީސް އެ ގައުމަށް ވަޑައިގަންނަވާނެ ސީދާ ތާރީޚެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި މި ދަތުރުފުޅާ ގުޅޭގޮތުން ދިވެހި ސަރުކާރުން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި، ރައީސް ޑރ. މުއިއްޒު ލަންކާއަށް ވަޑައިގަތުމަށް ތައްޔާރުވަމުންދާއިރު، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދަނީ ގިނަ މަޝްވަރާތަކެއް ކުރެވެމުންނެވެ. ހާއްސަގޮތެއްގައި މަސްވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މިހާރު ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ދަތުރުފުޅުގެ ތައްޔާރީތަކާ ގުޅޭގޮތުން، ދާދި ފަހުން ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ އެ ގައުމުގެ މަސްވެރިކަމާ ބެހޭ ވަޒީރާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސްގެ ދަތުރުފުޅުގެ ތައްޔާރީތަކާއި ދެ ގައުމުގެ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސްރީލަންކާގެ ގިނަ އުފެއްދުންތަކެއް މިހާރު ވެސް ރާއްޖެއަށް އެކްސްޕޯޓް ކުރަމުންދާއިރު، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަކީ މި ދަތުރުފުޅުގެ އެއް ބޭނުން ކަމަށް ބެލެވެއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުއެވެ. އެއީ ރާއްޖެއަށް މިނިވަންކަން ލިބުނު އަހަރެވެ. އޭގެ ފަހުން ދެ ގައުމަކީ އަބަދުވެސް ގާތް، އެކުވެރި ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ.

