ސަރުކާރުން އަލަށް ފެށި ޓެކްސީލައިންގެ ޚިދުމަތާ ގުޅިގެން ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް ކާރާއެކު މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.
އެމްޓީސީސީން ނިންމާފައިވަނީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އާންމުންގެ ޚިޔާލު ހޯދުމުގެ މަގުސަދުގައި، ފުރަތަމަ ހަފްތާގައި އެއްވެސް ފީއަކާ ނުލައި ހިލޭ ދަތުރުތައް ކޮށްދިނުމަށެވެ. ނަމަވެސް މި ނިންމުމަކީ އަމިއްލަ ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ޑްރައިވާސް އެސޯސިއޭޝަނުން ވަނީ ސިފަކޮށްފައެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެކްސީ ދާއިރާއަކީ އެތައް ސަތޭކަ ދިވެހި އާއިލާއެއްގެ ދިރިއުޅުމާ ގުޅިފައިވާ ދާއިރާއަކަށްވާއިރު، ސަރުކާރުގެ ކުންފުންޏަކުން މި ދާއިރާއަށް ވަނުމަކީ އިންސާފުވެރިކަމާއި ހަމަހަމަކަން ގެއްލިގެންދާނެ ކަމެއް ކަމަށެވެ.
”ސަރުކާރުގެ ކުންފުންޏަކުން މި ދާއިރާއަށް ވަނުމަކީ، އިންސާފުވެރިކަމާއި ހަމަހަމަކަން ގެއްލި، ރެގިއުލޭޓް ކުރުމުގެ ނިޒާމަށް ބުރޫއަރާނެ ކަމެއް ކަމަށް މީގެ ކުރިން ވެސް އަޅުގަނޑުމެން ވާނީ ތަކުރާރުކޮށް ދަންނަވާފަ“ ބަޔާނުގައި ބުނެފައިވެއެވެ.
ޑްރައިވާސް އެސޯސިއޭޝަނުން ތުހުމަތުކުރާ ގޮތުގައި، އަމިއްލަ ޓެކްސީތަކަށް ހަރުކަށި އުސޫލުތައް ކަނޑައަޅައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާއިރު، ސަރުކާރުގެ ޓެކްސީތަކުން ދަނީ ގަވާއިދާ ހިލާފަށް ޚިދުމަތް ދެމުންނެވެ. އެގޮތުން ޓެކްސީ ގަވާއިދުގެ 7 ވަނަ މާއްދާ އާއި 11 ވަނަ މާއްދާގެ އެކި އަކުރުތަކާ ކަނޑައެޅިގެން ހިލާފަށް މި ޚިދުމަތް ކުރިއަށްގެންދާކަން ހާމަވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
މީގެ އިތުރުން، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މާކެޓަށް ސަރުކާރުން ވަނުމަކީ ވާދަވެރިކަން ދެމެހެއްޓުމުގެ ގާނޫނާ ހިލާފު ކަމެއް ކަމަށްވެސް އެސޯސިއޭޝަނުން ފާހަގަކުރެއެވެ. ވަކިން ހާއްސަކޮށް، ސަރުކާރުގެ އަމިއްލަ އެޕްލިކޭޝަނެއް ތައްޔާރުވަންދެން ޚިދުމަތް ހިލޭ ދިނުމަކީ އިގްތިސާދީ ގޮތުން ދަތި މި ދަނޑިވަޅުގައި ޑްރައިވަރުންނަށް ލިބޭ ފޫނުބެއްދޭނެ ގެއްލުމެއް ކަމަށް ބަޔާނުގައިވެއެވެ.
ޑްރައިވާސް އެސޯސިއޭޝަނުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުން ހިމެނޭހެން ކަމާބެހޭ ހުރިހާ އިދާރާތަކުން، އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ޓެކްސީތަކާމެދުވެސް ހަމަހަމަ އުސޫލަކުން ގަވާއިދުތައް ތަންފީޒު ކުރުމަށް ގޮވާލާފައެވެ. އަދި ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީއަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން ސީދާ ގޮތުން ވިޔަފާރީގެ ވާދަވެރިކަމުގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށްވެސް އެ ޖަމިއްޔާއިން ގަބޫލުކުރެއެވެ.

