އެމްޑީޕީގެ އެތެރޭގައި އުފެދުނު ބޮޑު ހިޔާލުތަފާތުވުންތަކަށް ފަހު، ޕާޓީގެ ލީޑަރުން ސުލްހަވެ ޕާޓީގެ ޗެއާޕާސަންކަމުން އަބްދުލްޣަފޫރު މޫސާ ވަކިކުރުމަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސް ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރަކަށް ހުންނެވި އަހުމަދު މައުރޫފްގެ މަގާމު އިޔާދަކޮށްފި އެވެ.
މައްސަލަތައް ހައްލުކޮށް ކުރި މަޝްވަރާތަކުގެ ދަށުން، ވަގުތީ ޗެއާޕާސަން ޣަފޫރު މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ އަނބުރާ ގެނައުމަށާއި، މަގާމުން ވަކިކުރި އިސް ދެ ބޭފުޅުންގެ މަގާމު އިއާދަކުރުމަށް ވަނީ ނިންމާފައެވެ.
އެމްޑީޕީން ރޭ ބޭއްވި ސިއްރު ގައުމީ މަޖިލިސް ބައްދަލުވުމުގައި، ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެޑްވައިޒަރަކަށް ހަމަޖައްސައި ގައުމީ މަޖިލީހުގެ މެމްބަރުކަމަށް ފުރުސަތު ދިނުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. އަދި ޕާޓީގެ ހިންގުން ވަގުތީ ކޮމިޓީއަކާއި ހަވާލުކުރުމަށް ވަނީ ފާސްކޮށްފަ އެވެ.
ޕާޓީގެ ހިންގުމާއި ގުޅޭ ކަންކަމުގައި، ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއަށް ލަފާ ދިނުމަށް ނެގި ކޮމިޓީގައި ހިމެނެނީ ރައީސް ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ރައީސް އަބްދުﷲ ޝާހިދާއި، ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް އެވެ.
މިދޔަ ހޮނިހިރު ދުވަހު އޮތް ކައުންސިލް އިންތިހާބަށް ފަހު، އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ގޯސްވެ، ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް އޮތީ ހުށަހަޅާފަ އެވެ. އަދި އިންތިހާބުގެ ކާމިޔާބީއަކީ ވަކި މީހެއް ނުވަތަ ވަކި ބައެއްގެ މަސައްކަތެއް ނޫންކަމަށް ބުނެ ވެސް ބަހުގެ ހަމަލާތައް ރައްދު ކުރި އެވެ. އެ މައްސަލައިގެ ތެރެއިން އިބްރޭއާއި، މައުރޫފް މަގާމުން ވަކިކުރީ ކުއްލި ގޮތަކަށެވެ.
މަގާމުން ވަކިކުރުމުން އިބްރޭ އެކަމަށް ނުރުހުންފާޅުކޮށް ބުނީ، ރައީސް ނަޝީދު އެނބުރި ޕާޓީއަށް އައުން ބަލަައިގަތުމަށް ބައެއް ބޭފުޅުންނަށް އުނދަގޫ ކަމަށެވެ. އަދި އިންތިހާބުތަކުގެ ކާމިޔާބީއަކީ ރައީސް ނަޝީދުގެ މަސައްކަތްކަމަށް އާންމު މެމްބަރުން ބުނަމުން ދާތީ، އެކަން ލީޑާޝިޕްގެ ބޭފުޅުންނަށް ހަޖަމް ނުކުރެވޭކަމަށް ތުހުމަތު ކުރެއްވި އެވެ.
އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން އާޓިފިޝަލް ބީޝުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ނަޝީދާއި، ފައްޔާޒަށް ވާހަކަ ދެއްކުމުގެ ފުރުސަތުދީ، ފަހު ވަގުތު އެޖެންޑާއަށް ބަދަލުތައް ގެނައެވެ. އެކަމާ ހިތްހަމަނުޖެހިގެން ދެ ބޭފުޅުން ޖަލްސާ ބޮއިކޮޓްކޮށް، އެކަން މީޑިއާތަކަށް ތިލަކުރި އެވެ.
ޖަލްސާ ފެށިއިރު ރައީސް ނަޝީދަށް ހާއްސަކުރި ގޮނޑި ވެސް ހުއްޓެވެ.

