މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 19 އިންސައްތަ އިތުރުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބާޒާރުގައި މުދަލަށް އޮތް ޑިމާންޑަށް ބަލާއިރު އިމްޕޯޓަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، 2024 ވަނަ އަހަރުގެ ޖަނަވަރީން މާރޗް މަހުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 13.6 ބިލިޔަން ރުފިޔާގެ މުދާ ކަމަށެވެ. ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 16.2 ބިލިޔަން ރުފިޔާއަށް އުފުލިފައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުވަމުންދާކަމުގެ ނިޝާނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މުދާ ގެނައުމުގެ މަގުތައް ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިއަށް އޮތް ތިން މަސްދުވަހަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ޝިޕްމަންޓްތަކުގެ ޝެޑިއުލް ދަތުރުތައް މިހާރު ހަމަޖެހިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. މީގެއިތުރުން، އަވަށްޓެރި ސްރީލަންކާގެ ބަނދަރުގައި ތާށިވެފައި ހުރި ކޮންޓެއިނަރުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ”ނިމިދިޔަ ހަފްތާގައި ލަންކާގައި 4,241 ކޮންޓެއިނަރު ހުރި ނަމަވެސް، މިހާރު ރާއްޖެއަށް ދަތުރުކުރަމުންދާ ބޯޓުތަކާއެކު އެ އަދަދު 1,741 އަށް ތިރިވާނެ ކަމަށް އަންދާޒާކުރެވޭ“ ކަމަށެވެ. މިއީ ބޭރުގެ ބަނދަރުތަކުގައި މުދާ ތާށިވެފައި ހުންނަ ހުރުމަށް ލިބުނު ބޮޑު ލުޔެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
މާލޭ ބަނދަރުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މިހާރުވެސް ބަނދަރުގައި އޮތް އުޅަނދެއްގައި 1,200 ކޮންޓެއިނަރުގެ މުދާ އެބަހުރި ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މުދާ ރާއްޖެއަށް ވަންނާނެކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، އޭޕްރީލް 12 ގައި 500 ކޮންޓެއިނަރު، 13 ގައި 500 ކޮންޓެއިނަރު އަދި 14 ވަނަ ދުވަހު 1,500 ކޮންޓެއިނަރު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ބަދަލުތަކާއެކު ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި މުދާ ލިބުމުގެ ދަތިކަން ހައްލުވެ، ބާޒާރުގައި ތަކެތި ލިބުމުގެ ކަންކަން އާންމު ހާލަތަކަށް ބަދަލުވަމުން އަންނަކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

