ހަލުވިކަމާއެކު ޗައިނާގައި ފެތުރެމުންދާ ނުރައްކާތެރި ކޮނޯރާ ވައިރަހާއި ގުޅިގެން އެ ގައުމުގައި ތިބި ދިވެހިން އިންޑިއާއަށް ދިއުމަށް ދަތުރު ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ގައި ތިބި ހަތް ދިވެހިން އިންޑިއާއަށް ދަތުރު ކުރަމުންދަނީ އެއާ އިންޑިއާގެގެ ހާއްސަ ފްލައިޓެއްގައެވެ. މިއީ ޗައިނާގެ ވުހާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ގައުމަށް ގެނައުމަށް އިންޑިއާ ސަރުކާރުން ފޮނުވި ފްލައިޓެކެވެ.
މިނިސްޓަރު ޝާހިދު ވަނީ ވުހާންގައި ތިބި ދިވެހިން އެ ގައުމުން ގެނެސްދިނުމުގައި ވެދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. ޝާހިދު ވިދާޅުވީ ވުހާންގައި ތިބި ދިވެހިން ދަތުރު ކުރަމުންދަނީ އިންޑިއާގެ ދިއްލީއަށް ކަމަށެވެ. އަދި އެ މީހުން އެނބުރި ރާއްޖެ އަންނާނީ ދިއްލީގައި ކަރަންޓީންވެ ތިބުމަށްފަހުގައި ކަމަށެވެ.
ޝާހިދު ވަނީ ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރުން ކޮށްދިން މަސައްކަތްތަކަށްވެސް ޝުުކުރު އަދާކޮށްފައެވެ.
https://twitter.com/abdulla_shahid/status/1223799159951482880?
ޗައިނާގެ ވުހާންގައި ދިވެހިންގެ ނުވަ މީހަކު ތިއްބެވެ. ނަމަވެސް ދެ މީހަކު ރާއްޖެ އައުމަށް ބޭނުންނުވާތީ އިންޑިއާއަށް ދަތުރުކުރަމުން ދަނީ ހަތް މީހުންނެވެ. އަދި އެ ފްލައިޓްގައި އިންޑިއާގެ 323 ރައްޔިތުން އެ ފްލައިޓްގައި ދަނީ ދަތުރު ކުރަމުންނެވެ.

