ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ދަންނަ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތަކަށް ފިޔަވަޅު ނޭޅި މައްސަލައާއި ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމަށް ތުހުމަތުތަކެއް ކޮށްފިއެވެ.
ހިޝާނުގެ މައްސަލައިގައި ނައިބު ރައީސް މައްޗަށް ތުހުމަތުތަކެއް ކޮށްފައިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މެންބަރުންނެވެ.
ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި، ބައެއް މެންބަރުން ތުހުމަތު ކުރެއްވި ގޮތުގައި ހިޝާނާއި މެދު ފިޔަވަޅު ނޭޅި އޮތީ އޭނާއާ ނައިބު ރައީސް ފައިސަލް ނަސީމާއި ދެމެދު އޮންނަ ގުޅުމުގެ ސަބަބުންނެވެ.
ކުއްލި މައްސަލައިގެ ބަހުސްގައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވީ ހިޝާނާއި މެދު ބޮޑު ތުހުމަތުތަކެއް ކުރެވެމުންދިޔައިރުވެސް މި ސަރުކާރުން އޭނާ އެމްބެސެޑަރުކަން ދިނީ ކޮންމެވެސް ފަރާތެއްދެކެ ބިރުންހެން ހީވާ ކަމަށެވެ.
ރާއީ ވިދާޅުވީ ހިޝާނާއި ނައިބު ރައީސް ފައިސަލް ނަސީމަކީ ގާތް ދެބޭފުޅުން ކަމުގައި މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ ހިޝާންގެ މައްސަލައަށް އަޅާނުލާ އޮތީ ނައިބު ރައީސާއި ގާތް ބޭފުޅެއްވީމާތޯ ސުވާލުކުރައްވަން ބޭނުންފުޅުވާ ކަމަށްވެސް ރާއީ ވިދާޅުވިއެވެ.
ރާއީގެ އިތުރުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްވެސް ވަނީ އެކަމާއި ސުވާލު އުފައްދަވާފައެވެ. ހަލީމް ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށާއި، މުދިމުންނާއި، ގުރުއާން ޓީޗަރުން އަދި ޕްރިންސިޕަލުންގެ ފަރާތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަމުން އަންނަ ކަމަށެވެ.
ހަލީމް ވިދާޅުވި ގޮތުގައި ރުގްޔާ ކިޔެވުމުގެ ނަމުގައި ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަމުން އަންނަ ކަމަށެވެ.
ޖެންޑާ މިނިސްޓްރީއަށް ފިޔަވަޅު ނޭޅިގެން އުޅެނީ ކީއްވެތޯ ސުވާލު އުފައްދަން ބޭނުން ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި ހިޝާނަށް އެމްބެސެޑަރުކަން ދިނީ ގައުމުގެ ނައިބް ރައީސްގެ އެދުމުގެ މަތިން ތޯ އާއި ފިޔަވަޅު ނޭޅިގެން އުޅެނީ ނައިބް ރައީސާއި އޮތް ގުޅުމުގެ ސަބަބުންތޯ ހަލީމު ސުވާލު ކުރެއްވިއެވެ.

