ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް އެ މަގާމުގައި ހުންނަން ނުފެންނަ ކަމަށް މޯލްޑިވްސް ޑިމަކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފި އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އިން ކުރި ޓްވީޓެއްގައި ބުނީ، އެ ޕާޓީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމަށް މިއަދު ވަޑައިގެން 45 މެމްބަރުންގެ އިއްތިފާގުން، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އިތުރަށް މަގާމުގައި ހުންނަވަން ނުފެންނަ ކަމަށް ނިމްމާފައިވާ ކަމަށެވެ.
https://twitter.com/MDPSecretariat/status/1224964455991111680
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ކުރީގެ ޑިސްއެބިލި އެމްބެސިޑަރު އަދި ދަރުމަވެރިއެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާންއަށް އެ ތުހުމަތުތައް ކުރެވޭއިރު އެމްބެސަޑަރުކަން ދިން މައްސަލާގައި އިހުމާލުވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ.
އެމައްސަލައިގެ ބަހުސް މަރުހަލާގައި އެމްޑީޕީ މެމްބަރުން ގޮވާލީ މިނިސްޓަރު ޝިދާތާ މަގާމުން އިސްތިއުފާ ދެއްވުމަށެވެ. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ މަގާމުން ވަކި ކުރާނެ ކަމަށްވެސް މެމްބަރުން މިއަދު މަޖިލީހުގައި ވަނީ ފާހަގަކޮށްފަ އެވެ.
މެމްބަރުން ބުނީ، އެކަމުގެ ޒިންމާ ނަގަންޖެހޭނީ މިނިސްޓްރީގެ ރިސެޕްޝަނުގައި އިންނަ މީހާ ނޫން ކަމަށާއި، އެ ވުޒާރާ ހިންގާ މިނިސްޓަރު ޝިދާތާ ކަމަށެވެ.

