ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ކުރީގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ޢަމަލުކުރެއްވި ގޮތުންނާއި އަދި މަޖިލީހަށް ދޮގު މައުލޫޟާތު ދިން ކަމަށް ބުނެ ޑރ މުއިއްޒުގެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީޙުން ފާސްކޮށްފިއެވެ.
މިގޮތަށް މަޖިލީހުން ފާސްކުރީ މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މަޖިލީހުން މިގޮތަށް ފާސްކުރިއިރު ނޫމަޑި މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ އެދިފައެވެ.
ހައުސިން ޔުނިޓުތަކެއް އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާއެކުގައި ވެފައިވާ އެއްބަސްވުންތައް ކުރީގެ ސަރުކާރުން އުވާލުމުން ބަދަލުގެ ގޮތުގައި ދައުލަތުން ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހުމުގެ މައްސަލާގައި މާލިއްޔަތު ކޮމިޓީ އަށް މުއިއްޒު ވަނީ ހާޒިރުކޮށްފައެވެ.
މާލިއްޔަތު ކޮމިޓީއަށް މުއިއްޒު ހާޒިރުކުރީ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެ މައްސަލާގައި ނޫމަޑިއާ އެއްކޮޅަށް އާބިޓްރޭޝަންގައި ބަޔާން ދިން ކަމަށް ބުނެއެވެ. ނަމަވެސް ކޮމިޓީގައި ވާހަކަދައްކަމުން މުއިއްޒު ވަނީ އޭނާ އެއްވެސް ބަޔަކާ އެއްކޮޅަށްވެސް އަދި ދެކޮޅަށްވެސް ބަޔާން ދީފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.
އެއްބަސްވުން އުވައިލި މައްސަލައިގައި ނޫމަޑިން، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަނިކޮށް، ނޫމަޑިއާ ވާހަކަ ދައްކައި މި ސަރުކާރުން ވަނީ 55 މިލިއަން ޑޮލަރު (849،750،000ރ.) ބަދަލުގެ ގޮތުގައި ދޭން ނިންމައިފަ އެވެ. ކޯޓުން ބޭރުގައި ވެސް މިހާ ބޮޑު ބަދަލެއް ދޭން ޖެހުނު އެއް ސަބަބަކީ، ދައުލަތާ ދެކޮޅަށް އާބިޓްރޭޝަންގައި މުއިއްޒު ހެކިބަސް ދެއްވުން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
މި މައްސަލައިގައި އޭޖީ އޮފީޙުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާއިރު، ވަޒީރުކަމުގައި އޭނާ ވަނީ އެ މައްސަލާގައި ދައުލަތް ދިފާޢު ކުރައްވާފައެވެ.
އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެންބަރު 2017ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށްދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ހައިސިއްޔަތުން މުޢިއްޒުގެ ބައިވެރިވުމާއެކުގައެވެ.
ވަޒީރުކަމުގެ މަޤާމުން ވަކިވެވަޑައިގަންނަވަންދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން މުޢިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތެވެ.
ނަމަވެސް 17 ނޮވެންބަރު 2018 ގައި މިނިސްޓަރ ކަމުގެ މަޤާމުން ވަކިވެވަޑައިގަތުމަފަހު 14 ޖޫން 2019 ގައި ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުޢިއްޒު ދެއްވި ބަޔާނުގައި ކުރިން ޢަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާކަމަށްއޭޖީގެބަޔާނުގައި ވަނީ ބުނެފައެވެ.

