ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ ދިވެހި އަންހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ އަލްޔާ ޝަރްސާ ނަސީރު (ގ. މުތީގެއާގެ) އާއި 29 އަހަރުގެ އާމިނަތު ރޫނާ (ބިޖިލީއުފާ، ކ. ތުލުސްދޫ) އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ދެ މީހުންގެ ތެރެއިން އަލްޔާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރީ ކަސްޓަމްސްއިން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެންނެވެ. އަދި އާމިނަތު ރޫނާ ހައްޔަރުކޮށްފައިވަނީ އެ މައްސަލައާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މި ދެ މީހުންގެ މައްޗަށް ކުރެވެނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ގެންގުޅެ، ބޭނުންކޮށް، އޭގެ ވިޔަފާރިކޮށް އަދި ޓްރެފިކް ކުރި ކަމުގެ ތުހުމަތެވެ. ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި، މި މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުއްޓެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ކޯޓަށް ހާޒިރުކުރުމުން، އެ މީހުންގެ ބަންދަށް މިއަދު ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

