މެދުރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ 6 އަހަރުގެ ކުޑަ ކުއްޖަކާ ހަވާލުވެތިބި ފަރާތްތަކުން އިޙްމާލުވަމުންދާ މައްސަލައަކާ ގުޅިގެން އެ ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތަށް ނަގައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެ ކުއްޖާއަކީ ނުރައްކަލަށް ހުށަހެޅިފައި ހުރި ކުއްޖެއް ކަމުގައި ބެލެވޭތީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވާ ދެއްވުމަށް ދައުލަތުގެ ފަރާތުން އެދުމުން، މައްސަލައިގެ އަޑުއެހުމެއް ފެމެލީ ކޯޓުގައި ރޭ ތާވަލްކޮށް ވަގުތީ ކޯޓު އަމުރެއް ނެރެ ކުއްޖާ ދައުލަތާ ހަވާލު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
އެގޮތުން 24 ގަޑިއިރު ތެރޭގައި ކުއްޖާ ދައުލަތާ ޙަވާލުކުރުމަށް ފެމިލީ ކޯޓުން ވަގުތީ އަމުރު ނެރެފައިވާއިރު އެ ޢަމުރު ތަންފީޒު ކުރުމަށް ހުރަސްއަޅާނަމަ، އެކަން ހުއްޓުވައި އެ ކުއްޖާ ދައުލަތާ ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.
މިދުވަސްވަރު ކުޑަކުދިންނަށް އިހުމާލުވާ މައްސަލަތަކާއި ޖިންސީ ގޯނާކޮށްގެން ހުށަހެޅޭ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އަދި ކުޑަކުދިންނާ ގުޅުންހުރި ޖިންސީ ގޯނާގެ މައްސަލަތައް އަވަސް ކުރުމަށް ޑީޖޭއޭއިން ވަނީ އުސޫލެއް ކަނޑައަޅައި ކޯޓުތަކަށް އެކަން އަންގާފައެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކޯޓުތަކަށް ހުށަހަޅާފައިވާ ކުޑަކުދިންނާ ގުޅުންހުރި ޖިންސީ ގޯނާގެ މައްސަލަތައް ނިންމުނަށް ކޯޓުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

