ބަންދުގައި ތިބޭ މީހުން ބަރަހަނާ ކޮށްގެން ބަލައި ފާސް ކުރުމުގެ ކުރިން ކޯޓު އަމުރެއް ހޯދަންޖެހޭ ގޮތަށް ގާނޫނުގައި މިހާރު ބަޔާން ކޮށްފައިވާ މާއްދާ އިސްލާހު ކުރުމަށް މިއަދުގެ ސަރުކާރުން ހުށަހެޅުމަކީ ކަންބުޑުވާން ޖެހޭ ކަމެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ފުލުހުންނާއި ތަހުގީގީ އިދާރާތަކަށް އިތުރު ބާރުތަކެއް ލިބޭ ގޮތަށާއި ހައްޔަރުކުރުމާއި ބަންދު ކުރުމުގެ ބައެއް އިޖްރާއާތުތަކަށް ބަދަލު ގެންނަން ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހު ހުށަހަޅާފައެވެ.
ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށަހެޅުއްވި އެ ބިލުގައި، ތަންތަނަށް ވަނުމާއި ހައްޔަރު ކުރުމާއި ބަލައި ފާސްކުރުމުގައި އިތުރު ބާރުތަކެއް ތަހުގީގީ އިދާރާތަކަށް ދިނުމުގެ އިތުރުން ހައްޔަރު ކުރުމަށް ފަހު އަމަލުކުރަން ޖެހޭ އިޖްރާއާތުތަކަށް ވެސް ބަދަލު ގެންނަން ހުށަހަޅާފައިވެ އެވެ. އެ ބިލް ހުށަހެޅި ސަބަބެއް ކަމަށް އެ ބިލްގައިވަނީ ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތައް ހައްލު ކުރުމާއި އެ ނޫން ބައެއް ކަންކަން އިތުރަށް ފުރިހަމަ ކުރުމެވެ.
އެގޮތުން ބަންދުގައި ތިބޭ މީހުން ބަރަހަނާ ކޮށްގެން ބަލައި ފާސް ކުރުމުގެ ކުރިން ކޯޓު އަމުރެއް ހޯދަންޖެހޭ ގޮތަށް ގާނޫނުގައި މިހާރު އޮތަސް، އެ ބިލްގައި ހުށަހަޅާފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެއްޖެ ނަމަ ކޯޓު އަމުރެއް ނެތި ވެސް ބަރަހަނާ ކޮށްގެން ފާސްކުރެވޭ ގޮތަށެވެ. އެކަމަކު ބިލްގައިވާ ގޮތުން، ޖިންސީ ގުނަވަނެއްގެ އެތެރެ ބަލައި ފާސް ކުރެވޭނީ ކޯޓު އަމުރަކުން ހުއްދަ ލިބިގެންނެވެ.
މި އިސްލާހާ ގުޅިގެން ހައިލަމް ކަންބުޑުވުން ފާޅުކުރައްވައި ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ބަންދުގައި ހުންނަ ފަރާތްތަކުގެ ޖިންސީ ގުނަވަން ބަލައި ފާސްކުރުމާއި، ފޮޓޯ ނެގުމުގައި ކޯޓު އަމުރު ނަގަން ޖެހޭ ގޮތަށް ޖިނާއި އިޖުރާއަތުގެ ގާނޫނުގެ55 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ އެކަށީގެންވާ ސަބަބަކާނުލައި މުޒާހަރާތަކުގެ ތެރެއިން ހައްޔަރު ކުރެވޭ އުމރުން ދުވަސްވީ އަންހެނުންގެ ވެސް ޖިންސީ ގުނަވަން ބަލައި ފާސްކުރަމުން ގޮސްފައިވާތީ ކަމަށެވެ.
ހަމައެހެންމެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މިހާރު ބަޔާންކޮށްފައިވާ މާއްދާއިން ލިބިދޭ ރައްކާތެރިކަން ދިފާއެއްގެ ގޮތުގައި ބޭނުންކުރި ފަރާތްތަކުން މިއަދު އެ މާއްދާ އެހެން ގޮތަކަށް ބަދަލުކުރަން ހުށަހެޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގައި ބަންދުގައި ބެހެއްޓުމާއި ދައުވާ އުފުލުމުގެ އުސޫލުތަކަށް ވެސް ބަދަލު ގެންނަން އެ ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ކޮންމެ ދުވަހަކުން ރިވިއު ކުރަންޖެހޭ ގޮތަށް ހެދުމުގެ އިތުރުން ދައުވާކުރުމުގެ މުއްދަތު އިތުރުކުރަން ވެސް އެ އިސްލާހުގައި ހުށަހަޅާފައިވެ އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ބަންދުގައި ތިބޭ މީހުންގެ މައްސަލައިގެ ތަހުގީގު 30 ދުވަސް ތެރޭގައި ނިންމައި، އެ މުއްދަތު ހަމަވުމުގެ ކުރިން ދައުވާ އުފުލަން ލާޒިމް ވިޔަސް އެ ބިލްގައި ހުށަހަޅާފައިވަނީ ތަހުގީގު ނިންމަން 30 ދުވަސް ދިނުމުގެ އިތުރަށް ދައުވާ ކުރުމާ މެދު ގޮތެއް އިތުރު 15 ދުވަސް ދިނުމަށެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން އާންމު ތަންތަނަށް ކޯޓު އަމުރަކާ ނުލައި ވަނުމުގެ ބާރު އޮންނަނީ ފުލުހުންނަށް އެކަނި ކަމަށް ވިޔަސް، އެ ބިލްގައި އިސްލާހު ހުށަހަޅާފައިވަނީ ޖިނާއީ ތަހުގީގު ކުރުމުގެ ބާރު އޮންނަ ކޮންމެ އިދާރާއަކަށް ވެސް އެފަދަ ތަންތަނަށް ކޯޓު އަމުރެއް ނެތި ވަދެވޭ ގޮތަށެވެ. އަދި މީހުންގެ އަމިއްލަ ތަންތަނުގެ ތެރެއިން ފަޅުކޮށް ދޫކޮށްލާފައިވާ ތަންތަނުގައި ކުށް ކުރާ ކަމަށް ބެލެވޭ ނަމަ ނުވަތަ ކުށެއް ކުރާ މީހަކު އެފަދަ ތަނެއްގައި ހުރި ނަމަ ކޯޓު އަމުރެއް ނެތި ވަދެވޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.
އާންމު އުސޫލުން ރޭގަނޑުގެ ވަގުތުތަކުގައި އަމިއްލަ ތަންތަން ފާސްކުރަން ކޯޓުން ހުއްދަ ނުދެވޭ ގޮތަށް އޮތް އޮތުން ވެސް ބަދަލުކުރަން އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އެ އިސްލާހުގައިވާ ގޮތުން ހެނދުނު 6 އިން ފެށިގެން ރޭގަނޑު 10:00 އަކީ ބަލައި ފާސްކުރަން އެކަށީގެންވާ ވަގުތެއް ކަމަށް އާންމު އުސޫލުން ބެލެވޭނެ އެވެ. އަދި އެއަށް ވުރެ ލަސް ވަގުތެއްގައި ބަލައި ފާސްކުރަން ކޮންމެހެން ޖެހޭ ހާލަތުގައި އެކަމަށް ވެސް ކޯޓުން ހުއްދަ ދެވިދާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަންތަނަށް ވަނުމުގެ ކުރިން އެތަނެއްގައި ތިބި ބަޔަކަށް އެކަން އަންގަންޖެހޭ ގޮތަށް އޮތަސް، ބައެއް ހާލަތްތަކުގައި އެކަން އެންގުމެއް ނެތި އެތަނަށް ވަނުމުގެ ބާރު ފުލުހުންނަށް ދޭން ވެސް އެ އިސްލާހުގައި ހުށަހަޅާފައިވެ އެވެ. އަދި އެކަށީގެންވާ ހެކި ނެތަސް، އެކަށީގެންވާ ސަބަބެއް އޮވެއްޖެ ނަމަ އުޅަނދުތައް ވެސް ކޯޓު އަމުރެއް ނެތި ފާސްކުރެވޭ ގޮތަށް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.
އާންމު އުސޫލުން ތަންތަން ފާސްކޮށް، ތަކެތި ހިފެހެއްޓެނީ ކޯޓު އަމުރަކުން ހުއްދަ ލިބިގެން ކަމަށް ވިޔަސް، އެ އިސްލާހުގައިވާ ގޮތުން މީހަކާ ސުވާލު ކުރުމުގައި ނުވަތަ ތަނަކަށް ވަނުމުގައި ނުވަތަ ފަހާ ދިއުމުގެ ތެރޭގައި ގާނޫނާ ޚިލާފް އެއްޗެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެއް ހާމަ އަށް ފެންނަން އޮވެއްޖެ ނަމަ، ކޯޓު އަމުރެއް ނެތި ވެސް އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު ލިބޭނެ އެވެ.
ހައްޔަރު ކުރެވޭ މީހާ ދެކޮޅު ނަހަދާ ނަމަ، ބިޑި އަޅުވައިގެން ނުވާނެ ކަމަށް ގާނޫނުގައި މިހާރު އޮތަސް، އެ އިސްލާހުގައިވާ ގޮތުން އެހެން ގާނޫނަކުން މަނާ ނުކުރާހާ ހިިނދަކު ކޮންމެ މީހަކު ވެސް ހައްޔަރު ކުރާއިރު ބިޑި އަޅުވަން ޖެހޭނެ އެވެ.
މީގެ އިތުރުން ހައްޔަރު ކުރުމަށް ފަހު އެންމެ ކައިރީގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް ގެންދަންޖެހޭ ގޮތަށް އޮތްއޮތުން އުވާލައި ފުލުހުންގެ ކޮންމެ މަރުކަޒަކަށް ވެސް ގެންދެވޭ ގޮތަށް އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އަދި ހައްޔަރު ކުރެވޭ މީހާ އަށް ވަކީލުން އައްޔަން ކުރަން ދޭންޖެހޭ ވަގުތު 24 ގަޑިއިރަށް އިތުރު ކުރަން ވެސް އެ އިސްލާހުގައިވެ އެވެ.

