ސީޕްލޭން ޓާމިނަލުން މިހާރު ބޭނުން ކުރާވަރު ޓީއެމްއޭ އަށް ދޭން ނިންމުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރި ގާނޫނީ ކުށެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ދޭނީ، މިހާރު ވެސް އެ ކުންފުނިން ބޭނުން ކުރާ ވަރުގެ ސަރަހައްދެއް ކަމަށް ސަރުކާރުން ހާމަކުރުމާއި ގުޅިގެންނެވެ.
ސަރުކާރުން ވަނީ ލީކްވެފައިވާ އޮޑިޓް ރިޕޯޓުގައިވާ ގޮތަށް ޓާމިނަލްގެ ބައެއް ޓީއެމްއޭއަށް ދޭން ނިންމާފަ އެވެ. އަދި ދެ އަހަރު ދުވަހަށް 5،383 އަކަ މީޓަރުގެ ސަރަހައްދެއް ދޭން ނިންމާފައިވަނީ އަކަ މީޓަރެއް 10.35 ޑޮލަރަށެވެ. އަދި ދެ އަހަރު ފަހުން މާކެޓު ރޭޓުގައި އެ ސަރަހައްދު ޓީއެމްއޭއިން ހިފަން ޖެހޭ ގޮތަށް ވަނީ ނިންމާފަ އެވެ.
ސަރުކާރުން މި ނިންމުމާ ބެހޭ ގޮތުން، ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ތަރައްގީ ކުރަމުން ގެންދާ ސީޕްލޭން ޓާމިނަލްއަކީ ސަރުކާރުން ގެނެންޓީ ދީގެން ތަރައްގީ ކުރާ ތަނެއް ކަމަށެވެ. އަދި މި މަޝްރޫއަކީ އެއާޕޯޓުގެ ޓްރެފިކް މެނޭޖު ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މަޝްރޫއެއް ކަމަށާ ސީޕްލޭން އޮޕަރޭޓް ކުރާ ކުންފުނިތަކަކީ ޓޫރިޒަމް ދެމެހެއްޓުމުގައި މުހިންމު ބައެއް ކަމަށްވާއިރު، ސީޕްލޭން އޮޕަރޭޓަރުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ހުރިހާ ކުންފުނިތަކަށް ބޭނުންކުރެވޭ ގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަލަށް ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ޓީއެމްއޭއަށް ދޭން އުޅޭ ކަމަށް ކުރިން އޮތީ އަޑުފެތުރިފަ އެވެ. މިކަމާ ގުޅިގެން ސަރުކާރުންނާއި އެމްއޭސީއެލް އިންވެސް ވަނީ ޓީއެމްއޭއަށް ޓާމިނަލް ދޭން ނޫޅޭ ކަމަށް ބުނެފަ އެވެ. އަދި އާ ސީޕްލޭން ޓާމިނަލްގެ ހާއްސަ އޮޑިޓެއް، އޮޑިޓަ ޖެނެރަލް އޮފީހުން ވަނީ ކޮށްފަ އެވެ.
އެ ރިޕޯޓްގައި ބުނި ގޮތުގައި ޓީއެމްއޭ އިން މިހާރު ހިންގާ ލައުންޖް ތަކަށް އާ ޓާމިނަލުން 5،382 އަކަމީޓަރުގެ ޖާގަ ދެވިދާނެ އެވެ. މި އަދަދަށް ޖާގަ ދީފިނަމަ ދައުލަތަށް 33 މިލިއަން ޑޮލަރު (508 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ނަމަވެސް ކުރިން އޮތް ގޮތަށް ޓާމިނަލް އެއްކޮށް ދީފިނަމަ ލިބޭނީ 41 މިލިއަން ޑޮލަރެވެ.
ސީޕްލޭން ޓާމިނަލުން މިހާރު ބޭނުން ކުރާވަރު ޓީއެމްއޭ އަށް ދޭން ސަރުކާރުން ނިންމުމުން އުޝާމް ކުރެއްވި ޓިވީޓުގައި ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ބޮޑު ފައިދާއެއް ލިބޭގޮތަށް ދޫކޮށްލުމަކީ ގާނޫނީ ކުށެއް ކަމަށާ އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ.
އުޝާމް ވިދާޅުވީ ދައުލަތަށް ފައިދާއެއް ލިބެން އޮތް އެއްވެސް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭ ގޮތަށް ނުވަތަ އެ ފައިދާއަށް އެއްވެސް އުނިކަމެއް ލިބޭ ގޮތަށް އަމަލު ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

