މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކޯލިޝަން ހަދައިގެން ޕީޕީއެމަށް ލިބުނު ގެއްލުން ތަކުރާރުވިޔަ ނުދޭން، ސަރުކާރަށް ވާގިވެރިވާ އެއްވެސް ޕާޓީއަކާ އެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކޯލިޝަން ނުހަދަން އިދިކޮޅު ޕީޕީއެމުން ރޭ ގަރާރެއް ފާސްކޮށްފި އެވެ.
އިދިކޮޅު ކޯލިޝަނުން މިގޮތަށް ނިންމީ ރޭ ދަރުބާރުގޭގައި އެ ޕާޓީން ބޭއްވި ކައުންސިލް ބައްދަލްވުމުގައެވެ.
ދެ ޕާޓީގެ 47 މެންބަރުން ބައިވެރިވި މި ބައްދަލްވުމުގައި ވަނީ އެއްވެސް ސިޔާސީ ޕާޓީއަކާއެކު ޕްރޮގްރެސިވް ކޯލިޝަނުން އިއްތިހާދުވާނަމަ އެ ސިޔާސީ ޕާޓީއެއްގައި ހުންނަންޖެހޭ ޝަރުތުތަކެއް ހުށައަޅާފައެވެ.
އެގޮތުން ޕްރޮގްރެސިވް ކޯލިޝަނާއެކު އިއްތިހާދުވާ ސިޔާސީ ޕާޓީއަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ފާޅުގައި މަސައްކަތްކުރާ ޕާޓީއަކަށްވުމާއި، ރައީސް ޔާމީންގެ ސިޔާސީ ފިކުރާއި، ތަރައްގީގެ ސިޔާސަތު އަދި ދީނީ ސިޔާސަތުތަކަށް ތާއީދު ކުރާ ޕާޓީއަކަށް ވާންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
އަންނަ އެޕްރީލް ހަތަރެއްގައި ގައި އޮންނަ ކައުންސިލްތަކުގެ އިންތިޚާބާ ގުޅުވައި، ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލަށް ގަރާރެއް ހުށަހެޅީ މަޖިލީސް އިންތިޚާބުގައި ކަން ހިނގި ގޮތް ތަކުރާރު ނުކުރަން ފާސްކުރުމަށެވެ.
އެ ގަރާރު ފުރަތަމަ ހުށަހެޅީ ކޯލިޝަން ހެދުމުގެ ފުރުސަތު މުޅިން ބަންދުނުކޮށް، ޝަރުތުތަކަކާ އެކު އެކުގައި މަސައްކަތް ކުރުމުގެ މަގު ފަހިވާ ގޮތަށެވެ. ޝަރުތަކީ މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި ފާޅުގައި މަސައްކަތް ކުރާ ޕާޓީ އަކަށް ވުމެވެ. ދެ ވަނަ ކަމެއްގެ ގޮތުގައި ޔާމީންގެ ފިކުރަށް ތާއީދު ކުރުމާއި އެމަނިކުފާނުގެ ވެރިކަމުގައި ގެންނެވި ތަރައްގީ އާއި ދީނީ ސިޔާސަތަށް ތާއީދުކުރާ ޕާޓީއަކަށް ވުމެވެ.
މީގެ އިތުރުން، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކަށް ނުވުން ގަރާރުގައި ލާޒިމްކޮށްފައިވެ އެވެ. ގަރާރަށް ބަހުސްކޮށް ނިމުނު އިރު، ގިނަ މެމްބަރުންގެ ހިޔާލު ހުރީ އެއްވެސް ޕާޓީއަކާ އެކު މި އިންތިޚާބަށް ކޯލިޝަން ނުހެދުމަށެވެ.

