މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިތާ މިއަދު އަށް އަހަރު ފުރުނީ އެވެ. ޝުއޫރުތައް ތަފާތެެވެ. އެތައް މެމްބަރުންނެއް، އެ ހިތި މާޒީ ހަނދާން ކުރިއިރު ރައީސް ނަޝީދު ހުންނެވީ ހަނުއެވެ. ދުވަސް ނިމެން ކައިރިވެފައިވަނިކޮށް ކުރެއްވީ ޓްވީޓެކެވެ. ”މަ ޗިސްޗިސް ކޮއްލިޔަސް، މަ ފިސްފިސް ކޮއްލިޔަސް ނެތޭ ވެވޭކަށް ބާޣީއަކަށް.“
ރައީސް ނަޝީދު ވިދާޅުވާ ކޮންމެ ބަހެއްގެ ފަހަތުގައި ވަނީ އިބުރަތްތަކެކެވެ. ފުން މާނަތަކެކެވެ.
”މަ ޗިސްޗިސް ކޮއްލިޔަސް، މަ ފިސްފިސް ކޮއްލިޔަސް ނެތޭ ވެވޭކަށް ބާޣީއަކަށް“ އެއީ 2012 ވަނަ އަހަރު އެމްޑީޕީ އިން މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކޭމްޕް ކުރިއިރު މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ޝިއުޒް ހުށަހަޅައިދިން ފޯރިގަދަ ލަވައެކެވެ. މި ލަވައިގައި އެމްޑީޕީން ބާޣީން ކަމަށް ނިންމާފައިވާ ބޭފުޅުންގެ ނަންތައް ވެސް ހިމެނެއެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރު ތިއްބެވީ މިސަރުކާރަށް ތާއިދުކޮށް، މި ސަރުކާރުގެ ބައެއް މަގާމުތަކުގައެވެ.
https://twitter.com/MohamedNasheed/status/1225819019631976449
ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަން ފެށި މުޒާހަރާތައް ވަރުގަދަވެ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އެއަށްފަހު ފެބްރުއަރީ 6 ގައި އެމްޑީޕީގެ ބައެއް މެމްބަރުންނާއި، އޭރުގެ އިދިކޮޅާއި ކުރިމަތިލުން ކުރިޔަށް ދިޔައީ އާޓްފިޝަލް ބީޗުގައެވެ. މި ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެ އެންމެ ފަހުން އޭގެ ޖެހިގެން އައި ދުވަހު ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ވެސް ސަރުކާރާއި ދެކޮޅަށް ނިކުތެވެ. ޖުމްހޫރީ މައިދާނުގައި، ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާ، އާއްމުންގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީ ސަރުކާރަށް ކުރަމުން ދިޔަ ޕްރެޝަރުގެ ތެރެއިން ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީއެވެ.
ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިސްތިއުފާ ދެއްވީ އެމަނިކުފާނު އިތުރަށް ރައީސް ކަމުގެ މަގާމުގައި ދެމި ހުންނަވައިފި ނަމަ ރާއްޖޭގެ ރައްޔިތުންނަށާއި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ގަބޫލުކުރެއްވިގެން ކަމަށެވެ. ވެރިކަން ދަމަހައްޓަވަން އުޅުއްވި ނަމަ ނުހަނު ބޮޑަށް ބާރުގެ ބޭނުން ކުރަން ޖެހި ރައްޔިތުންނަށް ގެއްލުންވީސް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ވެރިކަން އިތުރަށް ދަމަހައްޓަން މަސައްކަތް ކުރައްވައިފިނަމަ ބޭރުގެ ނުފޫޒުވެސް ރާއްޖެ އައުމަކީ ގާތް ކަމެއްގެ ގޮތުގައި ރައީސް ނަޝީދު އެ ދުވަހު ވިދާޅުވިއެވެ.

އެހެން ނަމަވެސް، ރައީސް އޮފީހުގައި ލައިވްކޮށް ދައްކަމުން ދިޔަ ކަވަރޭޖްއެއްގެ ތެރެއިން އާއްމުންގެ ކުރިމަތީ އިސްތިއުފާ ދެއްވިތާ 24 ގަޑިއިރު ވެސް ނުވަނީސް ވެރިކަން ”ބަޣާވާތަކުން“ ވައްޓާލީ ކަމަށް ބުނެ ރައީސް ނަޝީދު އިސްވެ ހުންނަވާ މަގުމައްޗަށް ނުކުތެވެ.
އެ ހާދިސާއަށް 8 އަހަރުވީއެވެ. ފެބްރުއަރީ 7 އަދި 8 އެއީ ދިވެހި ރާއްޖެގެ ތާރީހުގައި ވެސް ކަޅު ދުވަހެކެވެ. ގުޅިފައިވާ ސަރުކާރެއް މިއަދު އުފެދިފައިވާއިރު، ފެބްރުއަރީ 7 އަދި ފެބްރުއަރީ 8 ގެ ހަނދާންތައް މި ސަރުކާރުގެ އެކި ބޭފުޅުންނަށް ކުރެއްވޭނީ އެކި ގޮތަކަށެވެ. ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އޭރު އެމްޑީޕީން ކުރަން ޖެހުނީ އުނދަގޫ މަސައްކަތެކެވެ.
ފެބްރުއަރީ ހަތެއް ގެނައުމަށް އިސްކޮށް އުޅުނު ބައެއް ލީޑަރުންގެ ހިއްސާ މި ވެރިކަމުގައި އެބައޮތެވެ. މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންއެއް އުފެދިގެން އައުމާއި ހަމައަށް ”ބަޣާވާތް“ ކުރި ދުވަސް އެމްޑީޕީން މިއީ ކަޅު ދުވަހެއްގެ ގޮތުގައި ފާހަގަކުރިއެވެ. އެ ދުވަހުގެ ހަނދާންތައް އާ ކުރަމުން ދިޔައީ އަނިޔާވެރި ދުވަސްތަކެއްގެ ގޮތުގައެވެ. އަނިޔާ ތަހައްމަލު ކުރަންޖެހުނު ދުވަސްތަކެއްގެ ގޮތުގައެވެ. ޕާޓީގެ ލީޑަރުންނަށް ހަދާނެ ގޮތެއް ހަދާ، ދަމާ މަގުމަތީ ކޫތާ ގެންދިޔައެވެ. މޫނުމަތީ، ޖަހާ އަނގަމަތި ފަޅާލިއެވެ. މިހެން ގޮސް އަނިޔާއެއްގެ އެތައް އަމަލުތަކެކެވެ.
އެހެން ނަމަވެސް އެމްޑީޕީއަށް އެނބުރި ވެރިކަމަށް އާދެވުނީ އެެހެން ބައެއްގެ ކޮންމެވެސް ވަރެއްގެ އެހީތެރިކަމާއި އެކުއެވެ. ސަރުކާރުގެ ތެރޭގައި، އެކި މަގާމުތަކާއި ސަރުކާރު ހިއްސާވާ ކޯލިޝަންގައި ހިމެނެނީ އެ ދުވަހު ރައީސް ނަޝީދު ސިޔާސީ މައިދާނުން ވައްޓާލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި މީހުންނެވެ. އިސްތިއުފާ އާއި އެކު، އެކަކު އަނެކެއްގެ ގައި ބައްދާ އުފާ ފާޅު ކުރި މީހުންނާއި އެކު އެވެ.

މި ދުވަސް އެމްޑީޕީގެ އެތައް މެމްބަރުން ހަނދާނަށް މިއަދު ގެނައި، އިބުރަތުން ފުރިގެންވާ ދުވަހެއްގެ ގޮތުގައެވެ. އެހެން ނަމަވެސް، ސަރުކާރު ކޯލިޝަންގައި ތިއްބެވި ބޭފުޅުން އެ ގެންދަވަނީ ނުސީދާގޮތެއްގައި މި ދުވަސް އެއީ ”ނަސްރު“ ލިބުނު ދުވަހުގެ ގޮތުގައި ސިފަ ކުރަމުންނެވެ. އެކަމުގެ ނުރުހުންވެސް އެ ބޭފުޅުންނަށް ސޯޝަލް މީޑިއާއިން އާއްމުވިއެވެ.
ގައުމީ ސަލާމް ހިމެނޭ ޔޫޓިއުބް ލިންކަކާއި އެކު ހާމަކަން ބޮޑު ގޮތެއްގައި އެންމެ ފުރަތަމަ ޓްވީޓު ކުރެއްވި ބޭފުޅަކަށް ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވާނެއެވެ. އެ ދުވަހުގެ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއި އެކު މަލީހު ހުންނެވިއެވެ. މަލީހް ވިދާޅުވީ، އިސްލާމް ދީނާއި މިގައުމުގެ މިނިވަންކަމާއި ސުލްހަ މަސަލަސްކަމާއި ހަމަޖެހުމާއި އަދުލު އިންސާފާއި ޑިމޮކްރަސީގެ އަސާސްތަކަށް ބުރޫއަރާ ކޮންމެ ފަހަރަކު އެކަން ދިފާއު ކުރަން ނިކުންނަވާނެ ކަމަށެވެ. އެއަށްފަހު މިއަދުގެ ތާރީހު ޖެއްސެވިއެވެ.
މި ޓްވީޓުން ދޭހަވީ އެއީ އުފާ ފާޅުކުރުން ގޮތުގައެވެ. އެމްޑީޕިގެ މެމްބަރުންގެ ނުރުހުންވެސް އައެވެ. ކޯލީޝަންއަކަށް ބަލަން ނުތިބުމަށް ގޮވާލިއެވެ. ސަރުކާރަށް ޖެއްސުން ކުރާނަމަ މަގާމުން ދުރުކުރުމަށް ވެސް ގޮވާލިއެވެ.
ފެބްރުއަރީ 7 ތަހުގީގު ކުރުމަށް އެމްޑީޕީން ބޭނުންވެއެވެ. އަދި އެކަމަށް މިއަދުވެސް ގޮވާލިއެވެ. ރައީސް ނަޝީދު ކުށްލިގޮތަކަށް އިސްތިއުފާ ދެއްވަން ޖެހުނު ސަބަބާއި، ފުލުހުންނާއި ސިފައިންގެ މެދުގައި ކުރިޔަށްދިޔަ ކުރިމަތިލުން އަދި އެ މީހުން ރައްޔިތުންނަށް ކުރި އަނިޔާތަކެވެ. އެކަމަށް އޯޑަރ ކުރި ކޮންމެވެސް މީހަކު ހުންނާނެ ކަމަށް އެމްޑީޕީން ގަބޫލު ކުރެއެވެ.

ހަތެއް ފެބްރުއަރީ ހިނގަން މެދުވެރިވީ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި މަދަނީ ބައެއް ޖަމިއްޔާތަކުން ނިކުމެ އެމްޑީޕީއަކީ ލާދީނީ ފިކުރުގެ ބަޔެއް ކަމާއި އަދި ދީނަށާއި ރަސޫލާއައް ނިސްބަތްވާގޮތައް ނޭދެވޭ ވާހަކަތަށް އޭރުގެ ރައީސް ނަޝީދު ދައްކާކަމައް ބުނެ ބޭއްވި ބޮޑު އެއްވުމެއްގެ ނަތީޖާއެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރަކަށް ހުންނެވި އިމްރާން އަބްދުﷲ ހިމެނެއެވެ. އެހެން ނަމަވެސް، އިމްރާން އެ ވާހަކަ ”ދައްކަން“ ބޭނުމެއް ނުވެއެވެ. ”މަސްލަހަތާއި“ ”ރައްޓެހި“ ކަމުގެ ގުޅުން ގެއްލިދާނެތީއެވެ.
ފެބްރުއަރީ 7، 2012 އާއި ފެބްރުއަރީ 8، 2012 ގައި ހިނގި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސުވާލު ކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ވެސް ކުރިއެވެ. ފެބްރުއަރީ 7 ތަކުރާރުވިޔަ ނުދިނުމަށް އެޅި ފިޔަވަޅުތައް ބަލަން އެޅި ފިޔަވަޅުތަކައި ގުޅޭގޮތުން ސުވާލު ކުރުމުން އިމްރާން ވިދާޅުވެފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އަށް އެނބުރި ގޮސް، އެ ދުވަހުގެ ”ފަސްބައި ނަގައި ކޮނެ ހަދާ ނަމަ“ ގައުމަށް ގެއްލުން ލިބިދާނެ ކަމަށެވެ. އޭރު އެމްޑީޕީ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ، މުޒާހަރާތަކުގެ އިސް އެއް ބޭފުޅަކީ ވެސް އިމްރާނެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ”ބަޣާވާތަކުން“ ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން ތުހުމަތުކުރާތީ އޭރުގެ ރައީސް މުހައްމަދު ވަހީދުގެ ގަރާރަކުން ހަމަ އެ އަހަރު ކޮމިޝަނެއް އުފައްދައި ތަހުގީގުކުރި އެވެ. އެ ކޮމިޝަންގައި ނަޝީދުގެ ފަރާތްޕުޅުން ވެސް ބޭފުޅަކު ހިމެނުނެވެ.
ނަޝީދުގެ ވެރިކަން ”ބަޣާވާތަކުން“ ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން ތުހުމަތުކުރާތީ ހަ މަސްދުވަހުގެ މަސައްކަތަށް އޭރުގެ ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ވެސް ނެތް ކަމަށެވެ. އޭރުގެ ނައިބު ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީން މައިގަނޑު ހަތަރު ކަމެއް ބަލާފައިވެ އެވެ. އެއީ ޖެނުއަރީ 14، 2012 އިން ފެށިގެން ފެބްރުއަރީ 8 އާ ދެމެދު ރާއްޖޭގައި ސިޔާށީ ކަންކަމާއި ވެރިކަން ބަދަލުވި ގޮތުގެ އިތުރުން ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރުކުރުމުގެ ތެރެއިންތޯ އާއި ވެރިކަން ބަދަލުވީ ގާނޫނާ އެއްގޮތައްތޯ ވެސް އެކޮމިޝަނުން ބެލި އެވެ.
ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތް ކަމަށެވެ. އަދި ރައީސްކަމާ މުހައްމަދު ވަހީދު ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ރިޕޯޓު އެ ދުވަހުވެސް އަދި މިއަދުވެސް އެމްޑީޕީން ބަލައެއް ނުގަނެއެވެ.

ދެން އޮތީ އިންތިގާލީ ކޮމިޝަންގެ ވާހަކައެވެ. ރިޔާސީ އިންތިޚާބުގެ އިތުރުން މަޖިލީހުގެ 65 ގޮނޑިއާ އެކު އެމްޑީޕީއިން މިސްރާބު ޖެހީ ”އިންތިގާލީ އަދާލަތު ކޮމިޝަން“ އުފެއްދުމަށެވެ. މި ކޮމިޝަންގެ މަގްސަދަކީ އެމްޑީޕީގެ ވެރިކަން ބަދަލުވާން ޖެހުނު ތަހުގީގުކޮށް، އެއީ ބަޢާވާތެއް ކަމުގައި ކަނޑައެޅުމެވެ. މިއީ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އުފައްދާ ކޮމިޝަންއެކެވެ.
ބިލްގައިވާ ގޮތުން ކޮމިޝަނުން ތަހުގީގުކުރަން ޖެހޭނީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި ހިނގި މައްސަލަތަކެވެ. ބިލަށް އަމަލު ކުރަން ފެށުމާއެކު އިންތިގާލީ އަދާލަތުގެ ކޮމިޝަނެއް ރައީސްގެ ގަރާރަކުން އުފައްދަން ޖެހެ އެވެ. ކޮމިޝަން އެކުލެވިގެން ވަނީ ރައީސް އައްޔަންކުރާ ފަސް މެމްބަރުންގެ މައްޗަށެވެ. އަދި ކޮމިޝަނަށް ޗެއާޕާސަނަކު އައްޔަން ކުރާނީ ވެސް ރައީސެވެ.
ބަޣާވާތުގެ ބައިވެރިންގެ ގޮތުގައި އެމްޑީޕީން ލިސްޓެއް ތައްޔާރު ކުރިއެވެ. އޭގެ ތެރޭގައި ލިސްޓުގެ އެންމެ ކުރީގައި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދައިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އަދި އިމްރާނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަން ހިމެނެއެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށްފައިވަނީ ބަޣާވާތަކުން ކަމަށް އެމްޑީޕީން ގަބޫލު ކުރެއެވެ. އަދި އެކަމުގައި ޝާމިލްވީ މީހުންނަށް އެމްޑީޕީގެ މެމްބަރުންގެ ހިތުގައި އޮތް ނަފްރަތު ކުޑައެއްވެސް ނުވާނެއެވެ.

