ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
2026 ވަނަ އަހަރުގެ ސިފައިންގެ ދުވަހާ ގުޅުވައިގެން، އޭޕްރީލް 21 ވީ އާދީއްތަ ދުވަހުގެ ހެނދުނު 06:00 ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވަޒީރު، ހަސަން ރަޝީދެވެ.
މި ރަސްމިއްޔާތުގައި ދިފާއީ ވަޒީރު ވަނީ މިއަހަރުގެ ސިފައިންގެ ދުވަހުގެ ޝިއާރު ކަމުގައިވާ ”އަސްކަރީ އަހުލާގު – ސިފައިންގެ ކުރިއެރުން“ ރަސްމީކޮށް ހާމަކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޣިޔާޘާއި، ސިފައިންގެ ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަދުނާން އަލީއާއި، އެކި ރޭންކުތަކުގެ އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
މާލޭގެ އިތުރުން، ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ގާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް މިއަދު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތުތައް ނިމިގެން ދިޔައީ ސިފައިންގެ ބަދަހިކަމާއި ގައުމީ ލޯބި ރަމްޒުކޮށްދޭ ޚާއްސަ ދުއާއަކާއި ސިފައިންގެ ލަވައިންނެވެ.
ސިފައިންގެ ދުވަހަކީ ދިވެހިރާއްޖޭގައި ގައުމީ ސިފައެއްގައި ސިފައިންގެ ޚިދުމަތް ފެށުނު ދުވަހުގެ ހަނދާން އާކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަ މުހިންމު ދުވަހެކެވެ. މިއަހަރު މިއީ ދިވެހި ސިފައިންގެ ޚިދުމަތަށް 134 އަހަރު ފުރުނު މުނާސަބަތެވެ.

