ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ރުކުރުވާލާފައިވާ އެންމެ ބިޔަ އަދި އެންމެ ގާބިލް ލަޝްކަރަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ލޮބުވެތި ދިވެހި ސިފައިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މީސްމީޑިއާ މެދުވެރިކޮށް ދެއްވި ހާއްސަ މެސެޖެއްގައެވެ.
އެމަނިކުފާނުގެ މެސެޖުގައި، ދިވެހި ސިފައިންގެ 134 އަހަރުގެ ފަޚުރުވެރި މާޒީއަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ސިފައިންގެ ތާރީހުގައި ރަންއަކުރުން ނަން ފަވާލެވިފައިވަނީ ޤައުމަށްޓަކައި ޝަހީދުވި ބޭފުޅުންނާއި، މުޖާހިދުންގެ ނަންފުޅުތައް ކަމަށެވެ. އަދި ޤައުމަށް ދިމާވި އެކި ނުރައްކާތެރި ދަނޑިވަޅުތަކުގައި، ދިވެހި ރައްޔިތުންގެ ހިމާޔަތުގައި ސާބިތުކަމާއެކު ތިއްބެވި ހިތްވަރުގަދަ އެތައް ދަރީންނެއްގެ ޚިދުމަތް ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހި ސިފައިން ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމުގައި ވަމުންދާ މަތިވެރި ޤުރުބާނީއާއި، ރައްޔިތުންގެ ސަލާމަތަށްޓަކައި ކުރައްވަމުންގެންދަވާ އަގުހުރި މަސައްކަތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން، ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހި ސިފައިންގެ ސަފުތަކުގައި ޚިދުމަތް ކުރައްވާ އެންމެހާ ފަރާތްތަކަށާއި، އެ ފަރާތްތަކުގެ ޢާއިލާތަކަށް އެމަނިކުފާނު ވަނީ ރައްދުކުރައްވާފައެވެ.
ދިވެހި ސިފައިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.
މި ދުވަހަކީ ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙް ކުރެވުނު ތާރީޚީ ދުވަހެވެ.

