ރައްޔިތުންގެ މަޖިލީހުގެ އެންމެ ނުފޫޒުގަދަ އަދި ބާރުގަދަ ދެ ކޮމިޓީކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކޮށްފިއެވެ.
މަޖިލީހުގެ ރަސްމީ ވެބްސައިޓުގައިވާ މައުލޫމާތުތައް ދައްކާގޮތުން، މިހާރު އެ ދެ ކޮމިޓީ އެކުލެވިގެންވަނީ ނާޒިމް ނުހިމެނޭ ގޮތަށެވެ. މީގެ ކުރިން މި ދެ ކޮމިޓީގައި އިސް ދައުރެއް އަދާކުރެއްވި ނާޒިމްގެ ނަމާއި، ތަފްސީލު މިހާރު ފެންނަން ހުރީ ކޮމިޓީގައި ކުރިން މަސައްކަތް ކުރެއްވި މެންބަރުންގެ ސެކްޝަނުގަ އެވެ.
މި ބަދަލާ ގުޅޭގޮތުން ޕީއެންސީ ނުވަތަ މަޖިލީހުގެ އިދާރާގެ ފަރާތުން ރަސްމީ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ނާޒިމް ވަކިކޮށް، އެ ކޮމިޓީއަށް އައްޔަނު ކުރި މެމްބަރުގެ ތަފްސީލެއް އަދި ނޭނގެ އެވެ.
ނާޒިމް ކޮމިޓީތަކުން ވަކިކުރިއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ ނާޒިމެވެ. ކޮމިޓީތަކަށް ގެންނަ ބަދަލުތައް ރިޔާސީ މޭޒުން އަންގާ އެންގުންތަކެއްގެ ގޮތުގައި، އިއުލާނު ކުރާނީ ޖަލްސާ އިއުލާނު ކުރުމުގެ ކުރިންނެވެ. އެހެންކަމުން މާދަމާ ވެސް އެކަން ރަސްމީކޮށް އިއުލާނު ކުރުމުގެ ފުރުސަތު އެބައޮތެވެ.
ނާޒިމް ކޮމިޓީތަކުން ވަކިކޮށްފައިވާއިރު މާލިއްޔަތު ކޮމިޓީގައި ހުންނަވައިގެން ރާއްޖޭގެ މާލީ ހާލަތާއި ގުޅޭ ގޮތުންނާއި، އެކި މައްސަލަތަކާއި ގުޅޭގޮތުން އޭނާ ވާހަކަ ދައްކަވާފައި ވެއެވެ.

