ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދާއި ފައްޔާޒްގެ ”ބޮޑު ބަދަަލަށް“ މީކާއިލް: ހުށަހެޅުންތައް އައީ މަތިން ތިރިޔަށް، ފުރަތަމަ މަޝްވަރާ ކުރަން ޖެހޭނީ ގައުމީ މަޖިލީހާއި!

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިޒާމީ ބޮޑު ބަދަލުތަކެއް ހިމެނޭ ގޮތަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާންމު ކުރެއްވި ހުށަހެޅުންތައް އެންމެ ފުރަތަމަ މަޝްވަރާ ކުރަން ޖެހޭނީ ޕާޓީގެ ގައުމީ މަޖިލީހާއިކަމަށް ގަބޫލު ކުރައްވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ، މީކާއިލްގެ ފަރާތުން ރަސްމީކޮށް އެކަން އިއުލާނުކޮށް މިއަދު މީޑިއާތަކާއި ވަނީ ބައްދަލު ކުރައްވާފަ އެވެ.

މީގެ ދެ ދުވަސް ކުރިން ރައީސް ނަޝީދާއި، ފައްޔާޒް ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ފަހު ނިޒާމީ ބަދަލުތަކެއް ގެނައުމާއި ގުޅޭ ހުށަހެޅުންތަކެއް އާންމު ކުރެއްވި އެވެ. ޗެއާޕާސަންކަމަށް ވާދަކުރައްވާކަމަށް އިއުލާނުކޮށް މި ޕްރެސްގައި ރައީސް ނަޝީދު ވަނީ 2028 ގެ ރިޔާސީ ކެންޑިޑޭޓަކަށް ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފަ އެވެ.

މި ހުށަހެޅުންތައް މިއީ ޕާޓީގެ އެތެރޭގައި އެއްވެސް މިންވަރަކަށް މަޝްވަރާ ކުރެވިފައި ހުރި ކަމެއްތޯ ”ސަންގު“ އިން ސުވާލު ކުރުމުން މީކާއިލް ވިދާޅުވީ ގައުމީ މަޖިލީހާއި ހަމަައަށް އެ ހުށަހެޅުންތައް ލިބިފައި ނުވާކަމަށެވެ.

މީކާއިލް ވިދާޅުވީ އިންތިހާބުގައި ރައީސް ވާދަކުރެއްވުމަކީ އެމަނިކުފާނަށް އޮތް ހައްގެއްކަމަށާއި، އެމަނިކުފާނުގެ އެ ނިންމެވުމަށް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް، ޕާޓީގެ ތެރޭގައި ކަންކަން ނިންމުމުގައި ގެންގުޅޭ އުސޫލުތަކާ މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މީކާއިލް ވިދާޅުވީ އެމްޑީޕީއަކީ އެހެން ސިޔާސީ ޕާޓީތަކާ ތަފާތުކޮށް ”ތިރިން މައްޗަށް“ ހިނގާ ޕާޓީއެއް ކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ޕާޓީގެ ހުށަހެޅުންތައް އަންނަންވާނީ މެންބަރުންނާ މަޝްވަރާ ކުރެވި، އޮންނަ އުސޫލުގެ ތެރެއިން ގައުމީ މަޖިލީހަށެވެ.

ރައީސް ނަޝީދާއި، ފައްޔާޒްގެ ”ބޮޑު ބަދަލު“ މީކާއިލް ސިފަ ކުރެއްވީ އޭގެ ބަދަލުގައި ”މަތިން ތިރިއަށް“ އަންނަ ނިންމުންތަކެއްގެ ގޮތުގަ އެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއިންތިހާބުގައި ރައީސް ނަޝީދު ވާދަ ކުރުމަކީ ވެސް ހަމަ އެމަނިކުފާނަށް އޮތް ހައްގެއް. މި ޑިމޮކްރެޓިކް ޕާޓީއަށް އަޅުގަނޑު އެމަނިކުފާނުގެ ނިންމުމަށް މަރުހަބާ ކިޔަން. އެހެންނަމަވެސް ހަމަ ދަންނަވާލަން ބޭނުން އެންމެ ފުރަތަމަ ތިކުރެއްވި ސުވާލު. އިނގޭތޯ؟ އެ ހުށަހެޅުއްވި ކަންކަމަށް އަޅުގަނޑު ތާއީދު ކުރަންތޯ؟ ފުރަތަމަކަމަކަށް އަޅުގަނޑު ގަބޫލުކުރަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ އެހެން ސިޔާސީ ޕާޓީތަކާ ތަފާތުކޮށް ތިރިން މައްޗަށް ހިނގާ ޕާޓީއެއް. އަޅުގަނޑުމެންގެ ކަންކަން، އަޅުގަނޑުމެންގެ ހުށަހެޅުންތައް އަންނަންވާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ އާދައިގެ މި ޕާޓީގެ މެންބަރާ މަޝްވަރާ ކުރެވިގެން އެބޭފުޅުންގެ ފަރާތުން އަންނަ އެއްޗެއްގެ ގޮތުގަ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިހާރު ހުށަހެޅިފައިވާ ބައެއް ހުށަހެޅުންތައް ފެންނަނީ ވަރަށް ބޮޑަށް މަތިން ތިރިއަށް އަންނަ ހުށަހެޅުންތަކެއްގެ ގޮތުގަ. އެހެންވީމަ އެ ޕްރޮސެސް އެ އިޖުރާއަތް ރަނގަޅު ނޫން ކަމަށް އަޅުގަނޑު ދެކެން.

އެހެންކަމުން މިފަދަ ބޮޑެތި ނިންމުންތައް ނިންމަންވާނީ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި މަޝްވަރާކުރެވި، ގައުމީ މަޖިލީހުގައި އެކަމަށް ބަހުސްކުރެވިގެންކަމަށް މީކާއިލް ތަކުރާރު ކުރެއްވި އެވެ. އަދި ވިދާޅުވީ ޕާޓީގެ ކަނޑައެޅިފައިވާ ހުރިހާ ގުނަވަންތަކެއްގައި އެ މަޝްވަރާތައް ވަރަށް ރަނގަޅަށް ހިންގި، ރޭވިފައިވާ ނިޒާމެއްގެ ތެރެއިން ކަންކަން ނިންމުމަކީ ޕާޓީގެ ކުރިމަގަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: