އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުނަށް، ވަގުތުން ކުށުގެ ރެކޯޑު ސާފުކުރެވޭނެ އިންތިޒާމު ސުޕްރީމް ކޯޓުން ހަމަޖައްސަވައިދެއްވައިފިއެވެ.
މިއަދު އެ ކޯޓުން ވަނީ އެކަން އިއުލާންކުރައްވާފައެވެ.
ސުޕްރީމް ކޯޓުން އިއުލާންކޮށްފައިވާ ގޮތުން، 10 ފެބުރުވަރީ 2020 އިން ފެށިގެން، 24 ފެބުރުވަރީ 2020 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓުން ވަގުތުން ކުށުގެ ރެކޯޑު ދޫކުރާނެއެވެ.
ސުޕްރީމް ކޯޓުގެ އިތުރުން، މި އިންތިހާބުގެ ބޭނުމަށް ރެކޯޑު ސާފުކޮށްދިނުމުގެ ހާއްސަ އިންތިޒާމުތަކެއް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވެސް ވަނީ ހަމަޖައްސާފައެވެ. އެ ގޮތުން އާދިއްތައިން ބުރާސްފަތި ދުވަހާއި ހަމައަށް ހެނދުނު 8:00 އިން 16:30 އަށް، ހުކުރު ދުވަހު 14:30 އިން 17:00 އަށް އަދި ހޮނިހިރު ދުވަހު 10:00 އިން 16:30 އަށް އެ ޑިޕާޓްމަންޓަށް ގޮސް، މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ޑީޖޭއޭ އިން ވަނީ ބުނެފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމަވާފައިވާ ތާރީހަކީ އަންނަ އޭޕްރީލް މަހު ހަތަރު ވަނަ ދުވަހެވެ.

