ނޮވެލް ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވެސް ލޮޅުންއަރާނެ ކަމަށް ފިނޭންސް މިނިސްޓަރު މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ލޮޅުންތަކުގެ ގެއްލުންތައް ފެންނަން ފަށާނީ ދެތިން މަސް ފަހުން ކަމަށެވެ.
އަމީރު ވިދާޅުވީ، ކޮރޯނާ ވައިރަސްއާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާ ކުރައްވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދަށް ސީދާ ކުރާނެ އަސަރު ބުނަން އަދި އަވަސް ކަމަށް އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމިޔަސް، ޕީއެސްއައިޕީގެ އެއްވެސް މަޝްރޫއެއް މަޑުޖައްސައެއް ނުލާނެ އެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރައްވަނީ، ވީހާވެސް ބޮޑަށް ރިކަރެންޓް ހަރަދު ކުޑަ ކުރުމަށް ކަމަށް އަމީރު ވިދާޅުވި އެވެ.
”އަޅުގަނޑަށް ލަފާ ކުރެވޭ މިއަހަރު ދައުލަތަށް ލިބެން އޮތް އާމްދަނީ ކުޑަކޮށް ދަށްވެގެން ދާނެ. އަދި އެކަމަކު އޭގެ މަންޒަރު، ޓެކްސް ފައިސާތަކުން ފެންނަން ފަށާނީ އަދި ދެތިން ހަތަރު މަސް ފަހުން، މިހާތަނަށް ޕީއެސްއައިޕީ ޕްރޮގްރާމްގެ ދަށުން ޕަބްލިކް ސާވިސް އިންވެސްޓްމަންޓް އެއްވެސް ވަރަކަށް ހުއްޓާލުމަށް އެކަހަލަ އެއްވެސް ކަހަލަ ވިސްނުމެއް ނެތް. އިރާދަކުރެއްވިއްޔާ ބަޖެޓްގައި ހިމެނިފައިވާ ގޮތަށް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ.“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ ހަރަދު ކުޑަ ކުރަން ފިޔަވަޅުތަކެއް އެޅި ނަމަވެސް އިތުރު ގަޑި ކަނޑާލާފައި ނުވާނެ ކަމަށެވެ. މިހާރު ވެސް ކުރަންހުރި މަސައްކަތް ތަކަކީ މުހިންމު ކަމެއް ކަމަށް ފާހަގަވާނަމަ އެ މަސައްކަތް ކުރެވޭ ގޮތަށް، އިތުރު ގަޑީގެ އެލަވަންސް ވެސް ލިބިގެން ދާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން ފަތުރުވެރިކަމުގެ ގިނަ ބުކިންސްތަކެއް ވަނީ ކެންސެލްވެފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ކެންސެލް ކުރި ބުކިންގެ އަދަދު 24،000 އަށް އަރަ އެވެ. ބުކިން ކެންސެލޭޝަން އިތުރުވިނަމަވެސް މިއަހަރުވެސް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ގެނެވޭނެ ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

