ޕްރޮސިކިޔޔުޓާ ޖެނެރަލް ޕީޖީ އޮފީޙުން ބޭނުން ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ ޖިނާއީ މައްސަލަތައް ޝަރީޢަތް ފަށާތާ ހަތަރު ދުވަސް ތެރޭގައި ނިންމަން ކަމަށް ޕްރޮސިކިޔުޓާ ޖެނަރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުގެ މަސައްކަތްތަކާއި ޑްރައިވަރ ގާސިމްގެ މަރުގެ މައްސަލައާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫޟާތު ދިނުމަށް މިއަދު ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް48 ގަޑިއިރު ތެރޭގައި ނިންމުމަށް ޑިޕޯޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަންފާފައިވާ ކަމަށާއި އެގޮތުގެ މަތިން ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތކުގެ ޝަރީޢަތްައް ކުރިއަށްދާ ކަމަށެވެ.
ޕީޖީ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން ޖިނާއީ މައްސަލަތައް ކުރިއަށް ގެންދަން ޖެހޭނީ ކޮންޓިނިއުސްކޮށް ނުވަތަ މައްސަލައިގެ ޝަރީޢަތް ފަށާ ގޮތަށް މެދު ކެނޑުމެއްނެތި އެކީއެކަށް ކަމަށެވެ. އެގޮތުން ޝަރީއަތް ފަށާ ދުވަހު މައްސަލައިގެ ދައުވާ އިއްވައި ހެކި ހުށަހަޅައި ހެކިބަސް ނަގައި ގިނަވެގެން ހަތަރު ދުވަސް ތެރޭގައި މައްސަލަތައް ނިންމައި ދިނުމަކީ ޕީޖީން ކޯޓުތަކުގައި އެދޭ ގޮތް ކަމަށް ވިދާޅުވިއެވެ.
ކޯޓުތަކުގައި މިހާރު ޖިނާއީ މައްސަލަތައް ކުރިއަށް ގެންދާ ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވާ ޕީޖީ ޝަމީމް ވިދާޅުވީ މިހާރު ކޯޓުތަކުގައި މައްސަލަ ތާވަލްކޮށްގެން މައްސަލައެއްގެ ޝަރީޢަތް ކުރިއަށް ގެންދަނީ އެއް ގަޑިއިރަށް ކަމަށެވެ.
ނަމަވެސް އެއީ އެއްވެސް އެއްޗެއްގައި ލިޔެފައިވާ ގޮތެއް ނޫން ކަމަށާއި އެހެން ކަމުން އެ އުސޫލް ބަދަލުކޮށް ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ފަށާ ގޮތަށް ނިންމެންދެން އެ މައްސަލަ ކުރިއަށް ގެންދަން ޕީޖީން އެދޭ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މިހާރު ބައެއް ކޯޓުތަކުން އެގޮތަށް އަމަލު ކުރަމުންދާކަން ޕީޖީ ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ޕީޖީ ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ޖިނާއީ އެކިއެކި މައްސަލަތައް ތަހިގީގުކުރާ އިދާރާތަކާއި ގުޅިގެން މައްސަލަތައް އަވަހަށް ތަހުގީގުކޮށް ނިންމުމަށް ފަހު މައްސަލަތައް އަވަހަށް ޝަރީޢަތަށް ފޮނުވުމަށް ކަމަށެވެ. އެގޮތުން ގާނޫނުއަސާސީން ޕީޖީއާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާތަކާއި ގުޅިގެން މައްސަލަތައް ތަހިގީގު ކުރަމުންދާ ގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި މައްސަލަތައް އަވަހަސް ނިންމުމަށް ދޭން ޖެހޭ ހުރިހައި އެއްބާރުލުމެއް ޕީޖީ އޮފީޙުގެ ފަރާތުން ދެމުން ގެމްދާކަން ޕީޖީ ޝަމީމް ފާހަގަ ކުރެއްވިއެވެ.

