ސަރުކާރުގެ ހިއްސާ އޮތް ނަމަވެސް އެމްޓީސީސީ އަކީ ދައުލަތުގެ އިދާރާއެއް ނޫން ކަމަށާއި މައުލޫމާތު ހާމަކުރުމުގެ ގާނޫނުގެ ދަށުން ހުރިހާ މައުލޫމާތެއް ހާމަކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށަހަޅާފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އެމްޓީސީސީން ބުނީ އާންމު ފަރާތަކުން ބޭނުންވެގެން އުޅެނީ އެކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ މައުލޫމާތު ކަމަށެވެ.
އެމައުލޫމާތަކީ ހިއްސާކޮށްފި ނަމަ ކުންފުންޏަށް ގެއްލުން ވެދާނެ މައުލޫމާތެއް ކަމަށް އެމްޓީސީސީން މިއަދުގެ އަޑު އެހުމުގައި ބުނެފައިވެއެވެ. އަދި އެގޮތަށް އެހެންވާނީ އެ މައުލޫމާތު ހާމަކުރަނީ ވިޔަފާރީގެ ވާދަވެރި މާހައުލެއްގައި ކަމަށް ވާތީ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
އައިކޮމްގައި އޮތް އަޑު އެހުމުގައި އެމްޓީސީސީގެ ވަކީލު މޫސާ އާލިމް ވިދާޅުވި ގޮތުގައި މި މައްސަލާގައި އައިކޮމް ވަނީ ވަކި ކޮޅަކަށް ޖެހިފައެވެ. އެގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެފައިވަނިކޮށް، އެ މައުލޫމާތު ފޯރުކޮށްދޭން ކޮމިޝަނަރުގެ ނަމުގައި އެމްޓީސީސީއަށް ލިއުމުން އެންގިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ގާނޫނުގައި ދައުލަތުގެ އިދާރާއެއްގެ ގޮތުގައި ބުނެފައި އޮތް އެއްވެސް ޝަރުތެއް އެމްޓީސީސީގައި ނުހިމެނޭ ކަމަށާއި އެހެންވެ އައިކޮމްއަށް ހުށަހަޅާފައިވާ މައްސަލަ ބާތިލުކޮށް ދިނުމަށް އާލިމް ވިދާޅުވިއެވެ.
އެމްޓީސީސީގެ ވާހަކަތަކަށްފަހު އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް ވިދާޅުވީ އެމްޓީސީސީއަކީ ވެސް ސަރުކާރުގެ ހިއްސާ އޮންނަ އެހެން ކުންފުނިތަކާ އެއްގޮތަށް ދައުލަތުގެ އިދާރާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ފިޔާޒު ވިދާޅުވި ގޮތުގައި ވަކި ކޮޅަކަށް އައިކޮމް ތާއީދުކުރާ ކަމަށް އެމްޓީސީސީން ބުނާ ބުނުމަކީ މުއައްސަސާގެ އަގު ވައްޓާލުމެވެ.
އައިކޮމް އިން މަސައްކަތް ކުރަނީ ދައުލަތަކީ ހާމަކަން ބޮޑު، ނަޒާހަތްތެރިކަމާއެކު ދެ ފުށް ފެންނަ ގޮތަށް ހިންގާ ނިޒާމަކަށް ހެދުން ކަމަށް ފިޔާޒް ވިދާޅުވިއެވެ.
އާހިދު ރަޝީދު ހުށައެޅި އެމްޓީސީސީގެ މައްސަލާގައި އައިކޮމް އިން މިއަދު ވަކި ގޮތެއް ނުނިންމަ އެވެ.

