ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުށަހެޅީ ސިޔާސީ ޖަލްސާއެއް ނޫން! ސަނާއެއް ވެސް ނުކިޔަން، އަދާ ކުރީ އެމްސީއެއްގެ ޒިންމާ: މަރީ

ޓޫރިޒަމް މިނިސްޓްރީގެ ޖަލްސާ ހުށަހެޅި މައްސަލައިގައި މަރީ ކޮމިޓީއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ”ބުރަބި“ ޖަލްސާ ހުށަހަޅައިދެއްވިއިރު ވަކި އަތަކަށް ބުރަވެ ވާހަކަ ދައްކާފައިނުވާނެ ކަމަށާއި، އަދާކުރީ އެމްސީއެއްގެ ޒިންމާކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ (މަރީ) ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން އެއް އަހަރު ތެރޭގައި މި ސަރުކާރަށް ހާސިލް ކުރެވުނު ކަންކަން ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ބޭއްވި ހަފުލާއެއް މަރީ ހުށަހަޅުއްވައި ދެއްވައި ސަރުކާރަށް ތައުރީފުކޮށް ވާހަކަ ދެއްކިކަމަށް ބުނެ މައްސަލަ ވަރަށް ބޮޑަށް ހޫނުވިއެވެ. ކުރީ ސަރުކާރުގައި ބްރޯޑްކޮމްގެ މެންބަރުގެ ގޮތުގައި އޭރު ހުންނެވި ފާތިމަތު ޒައިނާ ސަރުކާރުން ބޭއްވި ބޮޑު ޖަލްސާއެއްގައި ގޮނޑި ޖަަހަން ހުއްޓާ ފެންނަ ވީޑިއޯތަކެއް އާންމުވުމުން އޭރު އިދިކޮޅުގައި ތިއްބަވައިގެން މިއަދުގެ ސަރުކާރު މެމްބަރުން ވަރަށް ބޮޑަށް ޒޭނާއަށް ފާޑުކިޔާފައި ވެއެވެ.

މަރީ އަކީ، ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އަދި ތަޖުރިބާކާރު ޕްރެޒެންޓަރެކެވެ. ބޮޑެތި ހަފްލާތަކާއި ބޮޑެތި ޖަލްސާތައް މަރީ އަބަދުވެސް ހުށަހަޅައިދެއްވައެވެ. އެހެން ނަމަވެސް، މައްސަލަ ފެންމަތިވީ، ބްރޯޑްކޮޕްގެ ރައީސް ކަމާއި ހަވާލުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ސަރުކާރުގެ ޖަލްސާއެއް މަރީ ހުށަހެޅުމުންނެވެ. ޖަލްސާގައި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ވާހަކަ އަށް މަރީ ތައުރީފް ކުރެއްވިއެވެ.

މައްސަލައިގައި، މަރީ ހާޒިރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށެވެ. ސުވާލުތަކަށް ދިއުމުގެ ކުރިން މަރީއަށް ދިން ފުރުސަތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދައުލަތާއި، ތަފާތު އެތައް ޖަލްސާއެއް ހުށަހެޅުމަށް އޭނާއަށް ދައުވަތު ލިބޭ ކަމަށެވެ. އަދި ބްރޯޑްކޮމްއާއި ހަވާލުވުމަށްފަހު ވެސް ލިބުނު ދައުވަތުތަކަށް އިންކާރުކޮށްފައިވާނެކަމަށް ވިދާޅުވިއެވެ. އަދި އޭގެ ކުރިން ލިބުނު ދައުވަތުތަކަށް ވެސް އިންކާރުކޮށްފައި ހުންނާނެ ކަމަށް މަރީ ވިދާޅުވިއެވެ.

ޖަލްސާ ހުށަހެޅި މައްސަލައިގައި މަރީ ކޮމިޓީއަށް

ޓޫރިޒަމް މިނިސްޓްރީގެ ޖަލްސާއަކީ އެއްވެސް ގޮތެއްގައި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުދެކޭކަމަށް މަރީ ވިދާޅުވިއެވެ. ހުށަހެޅި ޖަލްސާއަކީ ދައުލަތުގެ ޖަލްސާއެއްގެ ގޮތުގައި މަރީ ވިދާޅުވިއެވެ.

ބްރޯޑްކޮމްގެ ގާނޫނުގައިވާ ގޮތުން، އެ ކޮމިޝަންގެ މެންބަރުންނަށް ބައިވެރި ނުވެވެނީ ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތަކުގަ އެވެ. ސަރުކާރާއި ސަރުކާރުގެ ވުޒާރާތަކުން ބާއްވާ އެއްވެސް ހަފުލާއެއް އިންތިޒާމު ކުރުމާއި ހުށަހަޅުއްވާ ދެއްވުމާ ގުޅޭ ގޮތުން ގާނޫނުގައި ވަކި އެއްޗެއް ބަޔާން ކޮށްފައެއް ނެތެވެ. އެކަމަށް އިޝާރާތް ކުރައްވާ މަރީ ވާހަކަ ދެއްކެވިއެވެ. އަދި ވިދާޅުވީ ބުރަބި ހަފްލާ ހުށަހެޅުމަށް އެއްބަސްވީ އެކަން ކުރުމަކީ ގާނޫނުގައި ހުރަސްއަޅާ ކަމަކަށް ނުވާތީ ކަމަށެވެ. މަރީ ވަނީ އެ ޖަލްސާގައި ސަރުކާރުގެ މަސައްކަތްތަކަށާއި، އަދި ވަކި ފަރާތަކަށް ސަނާކިޔައި ވާހަކަ ނުދައްކަވާކަމަށެވެ.

”އެމްސީއަށް މި އޮންނަނީ ހަމައެކަނި މީހުނަށް ގޮވައި ޝުކުރު އަދާ ކުރަން. ތި ޖަލްސާގައި ވެސް އަޅުގަނޑު ނޯންނާނެ ވަކި އަތަކަށް ބުރަވެ ވާހަކަ ދައްކާފައެއް. އަދި ސިޔާސީ ބަސްތަކެއް ވެސް ބޭނުންކޮށްފައެއް. ހަމައެކަނި ޝުކުރިއްޔާ. މާ ގިނަ ވާހަކަތަކެއް އެ ޕްރެޒެންޓޭޝަންގައި ނުވެސް ދައްކާނެ،“ މަރީ

މަރީ ވަނީ، އޭނާއަކީ ޝޯތައް ހޯސްޓުކޮށްދޭ ފަރާތަކަށް ވުމާއި އެކު އިޖްތިމާއީ ޖަލްސާތަކާއި ހަފްލާތައް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް ގާނޫނު ހުރަހެއް ނާޅާކަމަށް ވެސް ވިދާޅުވިއެވެ. އާއްމުންގެ އެކި ހަފްލާތައް ހުށަހަޅާނެކަމަށް މަރީ ވިދާޅުވުމުން ކޮމިޓީގެ މެމްބަރުން އެކަމާ ކަންބޮޑުވުން ފާޅުކުރިއެވެ. އެގޮތުން، ކުރީގެ ޑެޕިއުޓީ އޭޖީކަން ކުރައްވާފައިވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ބްރޯޑްކާސްޓު ކުރާ ހުރިހާ ފަރާތެއްވެސް ރެގިއުލޭޓު ކުރުމަށް އޮންނަ މުވައްސަސާއަކީ ބްރޯޑްކޮމްކަމަށެވެ. އަދި ގާނޫނުގައި މަނާކޮށްފައި ނެތް ނަމަވެސް، ބްރޯޑްކާސްޓް ކުރާ އެއްވެސް ޖަލްސާއެއްގައި ބްރޯޑްކޮމްގެ މެންބަރަކު އެހެން ހައިސިއްޔަތަކުން އެފަދަ ގޮތަކަށް ބައިވެރިވެވަޑައިގަތުމާ ގުޅޭ ގޮތުން އަމިއްލައަށް ވިސްނާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

”މީގަ މައްސަލައަކަށް ދިމާ މި ވަނީ، ބްރޯޑްކާސްޓް ކުރާ ކޮންޓެންޓެއްގެ މައްސަލަ ދިމާވާ ފަހަރެއްގައި މި ކަންކަން ބެލުމުގެ ޒިންމާ ހަވާލު ވެފައި މި އޮންނަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް، އެހެން އޮއްވަ ބްރޯޑްކާސްޓް ކުރާ ޖަލްސާއެއްގައި ބްރޯޑްކޮމްގެ މެންބަރަކު ހުންނަނަމަ މަސްލަހަތު ފުށުއަރާ ކަމެއް ވެސް މީގަ ހިނގާ ދާނެ،“ އުޝާމް

އުޝާމްގެ އެ ނުކުތާއަަށްފަހު ހުރިހާ މެމްބަރުންވެސް އުޝާމްގެ ވާހަކައަށް ތާއީދުކޮށް ވާހަކަ ދެއްކިއެވެ. އަދި ބްރޯޑްކާސްޓް ކުރާ އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ހުށަނޭޅުއްވުމަށް ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުން އެދިވަޑައިގެންނެވި އެވެ. އެއަށްފަހު މަރީ ވަނީ އެކަން ގަބޫލު ކުރައްވާ، ކުރިއަށް އޮތް ތަނުގައި ވެސް ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިގަންނަވާ ތަނެއް އަދި ސަރުކާރުގެ އެފަދަ ހަފުލާއެއް ހުށަހަޅުއްވާ ދެނިކޮށް ވެސް ނުފެންނާނެ ކަމުގެ ޔަގީން ކަން ދެއްވާފައެވެ.

”ހުރިހާ މެންބަރުން ވެސް ތި ފާހަގަ ކުރެއްވީ ގާތްގަނޑަކަށް އެއް މައްސަލަތަކެއް، އެއަށް އަޅުގަނޑު ވަރަށް ބޮޑަށް އިހުތިރާމު ވެސް ކުރަން، އަދި ތި އިލްތިމާސްތައް ވެސް ބަލައިގަންނަން، ކުރިއަށް އޮތް ތަނުގައި ހަމަ ގައިމު ވެސް އަޅުގަނޑުގެ އެއްވެސް ސިޔާސީ އިންވޯލްމެންޓެއް ނުފެންނާނެ،“ މަރީ

ކޮމިޓީގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، މި ސަރުކާރު އުފެދުނީ މުވައްސަސާތަކުގެ މިނިވަންކަން އަލުން އަނބުރާ އިޔާދަކުރަނެ ކަމުގެ ވައުދާއި އެކުކަމަށެވެ. އަދި މަރީ އެ ޖަލްސާ ހުށަހެޅިފަހުން މަރީ އާއި ޒޭނާއާއި އަޅާކިޔާ ފާޑުކިޔުންތައް ވެސް އައިކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި ކޮމިޓީއަށް ބަސްތައް އަމާޒުކޮށް މަރީގެ މައްސަލަ ނުބަލާނެކަމަށް ބައެއް މީހުން ބުނެފައިވާކަމަށެވެ. އަދި ކުރިން ކަންތައް ހިނގާފައި ހުރިގޮތުން ބައެއް މީޑިއާތަކާއި، ނޫސްވެރިންގެ ކަންބޮޑުވުން ވެސް މި މައްސަލައިގައި އުފެދުނުކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

”މިވެނި ބޭފުޅަކު މިވެނި އިވެންޓެއްގައި ގޮނޑި ޖެހީމަ މައްސަލައަކަށް ވެއްޖޭ، އެކަމަކު މިވެނި ބޭފުޅަކު ސަރުކާރުގެ އިވެންޓެއްގައި އެމްސީ ކަން ކުރެއްވީމަ، މިހާރު ދެން ނުވެސް ބަލާނެއޭ، އަޅައެއް ވެސް ނުލާނެއޭ މި ކޮމިޓީއަކުން، މިއީ އަޅުގަނޑުމެންނާ ދިމާއަށް އައި ބަސްތަކަކީ،“ ރޮޒައިނާ

ޓޫރިޒަމް މިނިސްޓްރީގެ ޖަލްސާ ހުށަހެޅި މައްސަލައިގައި މަރީ ކޮމިޓީއަށް

މި މައްސަލައިގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަރީގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. އަލީ ވަހީދު ވިދާޅުވެފައި ވަނީ، ސަރުކާރުން ބާއްވާ ހަފުލާތަކުގައި ބައިވެރިވުމަކީ ބްރޯޑްކޮމްގެ މެންބަރެއްގެ އުސޫލީ މިންގަނޑާ ހިލާފު ކަމެއް ނޫން ކަމަށާއި އެއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީއާ އެކު 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުނު ފަހުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ބްރޯޑްކޮމްގެ މެންބަރުން ހާޒިރު ކުރިއިރު، ޒައިނާއަށް އެ ސުވާލުތައް ވަނީ އެމްޑީޕީގެ މެންބަރުން އަމާޒު ކުރައްވައިފަ އެވެ. ހަމަ އެ މައްސަލާގައި ޒައިނާ ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމުން މަޖިލީހުން ވަކިކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މެންބަރުން މަޝްވަރާ ކުރެއްވި އެވެ. މަޝްވަރާތަކަށް ފަހުގައި، ކޮމިޓީގެ މެންބަރުން ނިންމެވީ ބްރޯޑްކޮމްގެ އެއްވެސް މެންބަރަކު ކޮމިޝަންގެ މަގާމުގެ ހައިސިއްޔަތުން ފިޔަވައި އެ ނޫން އެއްވެސް ގޮތަކަށް ބްރޯޑްކާސްޓް ކުރާ އެއްވެސް ޖަލްސާއެއްގައި ބައިވެރިނުވެވޭ ގޮތަށް ބްރޯޑްކޮމްގެ ގަވާއިދުގައި ލިޔަން އެ ކޮމިޝަނަށް މަޖިލީހުގެ ކޮމިޓީން ސިޓީއެއް ފޮނުވުމަށެވެ. މީގެ އިތުރުން ބްރޯޑްކޮމްގެ ގާނޫނުގައި އެ ކޮމިޝަންގެ މެންބަރުން ބްރޯޑްކާސްޓް ކުރާ ޖަލްސާތަކާއި ހަފުލާތަކާއި ބައިވެރިވެވަޑައިތުމާ ގުޅޭ ގޮތުން ބްރޯޑްކޮމްގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށުމަށް ވެސް ކޮމިޓީން ނިންމި އެވެ.

މަރީ އަކީ، ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އަދި ތަޖުރިބާކާރު ޕްރެޒެންޓަރެކެވެ. ބޮޑެތި ހަފްލާތަކާއި ބޮޑެތި ޖަލްސާތައް މަރީ އަބަދުވެސް ހުށަހަޅައިދެއްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: