އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގު ހެޔޮ ކުރަން އެ ކުންފުނިން ނިންމައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ، 10.89 ރުފިޔާއަށެވެ. އެއީ ކުރިން ޑީސަލް ވިއްކަމުން އައި އަގަށްވުރެ 30 ލާރި ހެޔޮކޮށެވެ.
މިއީ މި އަހަރުގެ ތެރޭގައި އެސްޓީއޯ އިން ޑީސަލްގެ އަގު ހެޔޮކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މިދިޔަ އަހަރު އެކުންފުނިން ތިން ފަރަހެއްގެ މަތިން ޑީސަލްގެ އަގު ހެޔޮކޮށްފަ އެވެ.
ތެލުގެ ބާވަތްތައް ހެޔޮ އަގެއްގައި، މެދުކެނޑުމެއް ނެތި ރާއްޖޭގެ ބާޒާރުން ފޯރުކޮށްދިނުމަކީ އެސްޓީއޯގެ މައިގަނޑު އަމާޒު ކަމަށް އެކުންފުނިންބުނެއެވެ.
މިދިޔަ އަހަރު ސައޫދީ އަރަބިއްޔާގައި ތެޔޮ އުފައްދާ މަރުކަޒަށް މިދިޔަ ދިން ހަމަލާ އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުނެވެ.
އޭގެ އިތުރުން މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލިގެންދިޔައިރު، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލެއް ނުގެނެސް އެސްޓީއޯއިން ވަނީ ތެލުގެ އަގު އެއްވަރެއްގައި ހިފެހައްޓާފައެވެ.
ޑީސަލް އަގު ހެޔޮ ކުރިނަމަވެސް އެސްޓީއޯ އިން ވިއްކަމުން އަންނަ ޕެޓްރޯލްގެ އަގަށް މިއަހަރު އަދި އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގު އެންމެ ފަހުން ހެޔޮކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭގެ ފަހުން ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 10.13ރ. އަށެވެ.

