ހުޅުމާލޭގައި ބޮޑު ކޯޓް ކޮމްޕްލެކްސްއެއް ގާއިމްކުރެވިގެން ދިއުމުން މިހާރު މާލޭގެ ކޯޓުތަކަސް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ޑީޖޭއޭއިން މިހެން ބުނެފައި މިވަނީ މާލޭގައި ހިނގަމުންދާ ކޯޓުތައް ހިންގާނެ ކޯޓް ކޮމްޕްލެކްސްއެއް އެޅުމަށް އެޗްޑީސީގެ ފަރާތުން ހުޅުމާލެއިން ބިމެއް ދޫކޮށް އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހުގައެވެ.
ޑީޖޭއޭ ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބިން ދޫކުރުމުގެ އެއްބަސްވުމުގައި ޑީޖޭއޭގެ ފަރާތުން ސޮއި ކުރެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.
ރަސްމިއްޔާތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. ނަޒީރު ވިދާޅުވީ މިހާރު މާލޭގައި ހިނގަމުންދާ ކޯޓުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަން ކަމަށާއި އާ ކޮމްޕްލެކްސް ގާއިމް ކުރުމުން އެކަންކަން ހައްލު ވެގެންދާނެ ކަމަށެވެ. އަދި 38،000 އަކަފޫޓަށް ވުރެ ބޮޑު އެ ބިމުގައި ފުރަތަމަ ފިޔަވަހީގައި އަޅާނީ 10 ބުރީގެ އިމާރާތެއް ކަމަށާއި އެތަނަށް ބަދަލު ކުރާނީ ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ އިތުރުން ޖުވެނައިލް ކޯޓު ކަމަށް އޭނާ ވިދާޅުވި އެވެ. އެ އިމާރާތުގެ ބިންގާ އަންނަ ހަފުތާގައި އަޅާނެ ކަމަށާއި ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަކީ އަމާޒެއް ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.
މީގެއިތުރުން ދެވަނަ ފިޔަވަހީގެ ދަށުން އަޅާ އިމާރާތަށް ބަދަލު ކުރާނީ ކްރިމިނަލް ކޯޓު ކަމަށާއި އަދި މުޅި އެ މަޝްރޫއު ނިމޭއިރު، މާލޭގައި ހިންގާ ހުރިހާ ދަށު ކޯޓުތަކާއި ހައި ކޯޓު ވެސް އެ ކޮމްޕްލެކްސް އަށް ބަދަލު ކުރެވޭނެ ކަމަށް ޑރ ނަޒީރު ވިދާޅުވި އެވެ. އަދި އެތަން އިމާރާތް ކުރާނީ ޝަރީއަތްތައް ވެސް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހިންގޭ ގޮތަށް އަދި ޒަމާނީ ފެންވަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އައްޑޫގައި ވެސް މި އަހަރު އާ ކޯޓް ކޮމްޕެލްސްއެއް ގާއިމް ކުރާނެ ކަމަށާއި އިތުރު އެހެން ބައެއް ރަށްރަށުގައި ވެސް ޑިސްޓްރިކްޓް ކޯޓުތައް ގާއިމް ކުރަން ހަމަޖައްސާފައިވާ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.

