ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސްގެ މަރުގެ މައްސަލަ: ދައުވާ ލިބޭ ޖުނެއިހުއަށް ލިއެކިއުންތައް ލިބިފައިނުވާތީ ހެކިބަސް ނުނެގުނު!

އަނަސްއަށް ހަމަލާދީފައިވަނީ، ލިޓަސް ސާވިސް ސެންޓަރ ތެރޭ - ހަށިގަނޑުގެ 31 ތަނަކަށް ވަނީ ހަމަލާދީފައި ވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައިގެ އެތަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލަައިގައި ދައުވާ ލިބޭ ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހު ޢަބްދުﷲއަށް ލިޔެކިޔުންތައް ލިބިފައިނުވާތީ ހެކިންގެ ހެކިބަސް ނެގޭގޮތެއް ނުވެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފިއެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ، އަނަސް މަރާލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ. އެ މީހުންގެ ތެރެއިން، މުހައްމަދު ސާޒު އާއި ޖުނައިހު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާ ދިންމީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުންކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަނަސް އަށް ހަމަލާ ދީފައިވަނީ ޒަޔާނާއި އަފްރާހު އަދި އުސްމާން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެ ތިން މީހުންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ހަމަލާ ދިނުމަށް ބަޔަކު އަނަސްއަށް ފާރަލާން ފެށުމުން، ސަލާމަތްތެރިކަން ހޯދުމަށް އަނަސް ދުވެފައި އައިސް ވަނީ ލިޓަސް ސާވިސް ސެންޓަރަށެވެ. އަދި އެ މީހުން އަނަސްއަށް ހަަމަލާ ދިނީ އެ ސެންޓަރުތެރޭގައެވެ. އެ މީހުން އަނަސްއަށް ހަމަލާދީ ދުވެ ފިލާފައިވަނީ އަނަސްގެ ގައިގެ 31 ތަނަކަށް ވަޅިޖެހުމަށްފަހު އެވެ.

އަަނަސްުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

އަނަސްގެ މަރުގެ މައްސަލައިގައި އެންމެފަހުން ޝަރީއަތެއް ބާއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކިތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ވީޑިއޯ އެނަލިސިސް ރިޕޯޓާއި، ފޯނު ކޯލު ރެކޯޑިން، އަދި އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން، ޑޮކްޓަރުންގެ ހެކިބަސް ހިމެނެއެވެ. އަދި ސިއްރު ހެކި ބަސް ނެގުމަށް ވެސް ހުށަހަޅާފައިވެއެވެ. އަނަސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މީހުން ދައުވާ އަށް އިންކާރު ކުރެއެވެ.

މައްސަލައިގައި މިއަދު އަޑުއެހުމެއް ބާއްވާފައިވަނީ ހެކިންގެ ހެކިބަސް ނެގުމަށެވެ. އެހެން ނަމަވެސް، އެ އަޑުއެހުން އަންނަ މާޗު މަހުގެ 2 ވަނަ ދުވަހަށް ފަސްކޮށްފައިވަނީ ދައުވާލިބޭ ޖުނެއިހުއަށް މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިނުވާތީއެވެ. ޖުނައިހުގެ ވަކީލެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައިވަނީ ވަކީލު އިސްމާއިލް އާސިފްއެވެ. ފުރުސަތަކަށް އެދިވަޑައިގެން ވާހަކަ ދައްކަވަމުން އާސިފް ވިދާޅުވީ ޖުނެއިހުގެ ވަކީލު ބަދަލުވެފައިވާކަމަށެވެ. އަދި މައްސަލައިގެ އެއްވެސް ލިޔެކިއުމެއް ޖުނައިހުއަށް ލިބިފައިނުވާ ކަމަށެވެ.

އާސިފް އެދުނީ، ލިޔެކިޔުންތައް ވަކީލަށް ލިބިފައިނުވާތީ އަޑުއެހުން ފަސްކޮށްދެއްވައި، އިތުރަށް ތައްޔާރުވުމަށް ފުރުސަތު ދެއްވުމަށެވެ. އެ ކަމަށް ދައުވާ ލިބޭ މީހުންގެ ވަކީލުން ވެސް އިންކާރެއް ނުކުރެއެވެ. އަދި ދައުލަތުން ވެސް ވަނީ އެކަމަށް އެއްވެސް އިއުތިރާޒެއް ނެތްކަމަށް ބުނެފައެވެ. އާސިފް ވަނީ، ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލައިގައިވެސް ޝަރީއަތް އެހެން ދުވަހަކަށް ފަސްކުރީ ދިފާއީ ވަކީލަށް ލިޔެކިޔުން ލިބިފައިނުވާތީކަމަށެވެ. އެހެން ކަމުން އެ މައްސަލައަށް ރިއާޔަތްކޮށްދެއްވައި އޭނާއަށް ވެސް ލިޔެކިޔުންތައް ފޯރުކޮށްދިނުމަށްފަހު ވަގުތުދީ ޝަރީއަތް ކުރިޔަށް ގެންދިއުމަށް އޭނާ އެދުނެވެ.

މައްސަލައިގައި ދައުވާ ލިބޭ، ސިމާހް އަދި ޝާޒުގެ ވަކީލު މިފްރާޒް ވިދާޅުވީ މައްސަލައިގައި ރިޕޯޓު ތައްޔާރު ކުރި އޮފިސަރާއި، އަދި ވީޑިއޯ އެނާލިސިސް ރިޕޯޓު ތައްޔާރުކުރި އޮފިސަރު ހާޒިރުވެތިބި ނަމަވެސް ދިފާއީ ލިޔުންތައް އެއް ފަރާތަށް ލިބިފައިނުވުމަކީ ދިފާއުގެ ހައްގަށް އުނިކަން އަންނަ ކަމެއް ކަމަށެވެ.

އަނަސްގެ މަރަށް އިންސާފު ހޯއްދަވައިދެއްވާނެކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވޭ

އެކަމާއި ގުޅޭގޮތުން ދައުލަތުން ދެކޭ ގޮތަކީ ކޮބައިތޯ ގާޒީ ސުވާލު ކުރުމުން، ދައުލަތުން ބުނެފައިވަނީ މިއީ ޖިނާއީ ބޮޑު މައްސަލައެއް ކަމަށާއި، ދައުލަތުންވެސް ބޭނުންވަނީ ލިޔެކިޔުންތައް ފުރިހަމަވެގެން ކުރިޔަށް ދިއުމަށްކަމަށެވެ. ހެކިންނާއި ގުޅޭގޮތުން ސުވާލު ކުރުމުން ދައުލަތުން ބުނެފައިވަނީ ރިޕޯޓު ތައްޔާރު ކުރި ޑޮކްޓަރު މަސައްކަތް ކުރަނީ މިހާރު ރާއްޖޭގައި ނޫން ކަމަށެވެ. އަދި އެތަނުން އެއް ޑޮކްޓަރަކު ވަނީ ތައުލީމު އިތުރަށް ފުރިހަމަކުރުމަށް ރާއްޖެއިން ބޭރަށް ގޮސްފައި ކަމަށެވެ.

ދައުލަތުގެ ވާހަކައަށްފަހު ވަކީލު މިފްރާޒު ވަނީ، އެކްސްޕާޓް އެވިޑެންސް ހުށަހަޅަނީ ކޮންކަމެއް ސާބިތު ކުރުމަށްތޯ ސުވާލު ކުރައްވާފައެވެ. އަދި ޑޮކްޓަރުންނާއި ގުޅޭގޮތުން އޭނާ ސުވާލު ކުރިއެވެ. ޖަވާބުގައި ދައުލަތުން ބުނީ، އެއް ޑޮކްޓަރުގެ ނަމެއް ރިޕޯޓުގައި ނޯންނާނެ ކަމަށާއި، އެހެން ނަމަވެސް އެނަލިސިސް ރިޕޯޓުގައި އެ ޑޮކްޓަރުގެ ސޮއި ހިމެނޭ ކަަމަށެވެ. އަދި އެއީ ރިޕޯޓު ހެދިކަން ކަށަވަރު ކުރާ ހެއްކެއްކަމަށް ދައުލަތުން ބުންޏެވެ. އެއަށްފަހު ދައުލަތުން ވަނީ ޖުވެނައިލް ކޯޓުގެ ޝަރީއަތްވެސް ފާހަގަކޮށްފައެވެ.

އަނަސްއަށް ހަމަލާދީފައިވަނީ، ލިޓަސް ސާވިސް ސެންޓަރ ތެރޭ – ހަށިގަނޑުގެ 31 ތަނަކަށް ވަނީ ހަމަލާދީފައި

ގާޒީ ވަނީ ވަކީލު އާސިފްއާއި، މިވަގުތުން ވަގުތަށް ލިޔެކިޔުން ދީފިނަމަ ހެކިބަސް ނެގުމަށް ދެކޭގޮތަށް ސުވާލުކޮށްފައެވެ. ސަބަބަކީ މިއަދު ހެކިންގެ ހެކިބަސް ނަގާ ނިންމާލުމަށް ގާޒީ ގަސްތުކުރައްވާތީއެވެ. އެހެން ނަމަވެސް އާސިފް ވިދާޅުވީ، މައްސަލައިގައި ހިމެނޭ ކުލަ ސީސީޓީވީއާއި، ކުލަ ނޫން ސީސީޓީވީ ވީޑިއޯ ވަރަށް ނުސާފު ކަމަށެވެ. އަދި ވީޑިއޯގައިވާ މީހުންގެ މޫނުވެސް ސާފެއް ނޫން ކަމަށެވެ. އެހެން ކަމުން އެނަލައިޒްކޮށް ތައްޔާރުވުމަށް ވަގުތު ބޭނުންވާނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

އަޑުއެހުން މިއަދަށް ނިންމާލާފައިވަނީ، ދައުލަތުގެ ފަރާތުންވެސް ފާހަގަކުރުމަށް ބޭނުންވާ މާބޮޑު ކަމެއް ނެތުމުންނެވެ. މައްސަލައިގައި ހިމެނޭ ސިއްރުނޫން 4 ހެކިންގެ ހެކިބަސް ނެގުމަށް އެ ދުވަހު މަސައްކަތް ކުރާނެކަން ދައުލަތުންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އަޑުއެހުން ނިންމާލީ އަންނަ މާޗްމަހުގެ 2 ގައި ޝަރީއަތެއް ބާއްވާނެކަން އިއުލާނު ކުރުމަށްފަހުއެވެ.

މި މައްސަލައިގައި ދައުވާލިބޭ 7 މީހުންވެސް ދައުވާއަށް އިންކާރު ކުރާއިރު، އަނަސްގެ މަރާއި ގުޅިގެން ޢާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގްރޫޕަކުން ތޫނު ހަތިޔާރާއެކު ލިޓަސް ސަވިސް ސެންޓަރު ތެރެއަށް ވަދެ އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަށް ޙަމަލާދީފައިވެއެވެ. ލިޓަސް ސަވިސް ސެންޓަރަށް އަނަސް ދުވެފައި ގޮސް ވަދެފައިވަނީ އެމީހުން އޭނާގެ ފަހަތުން ދުވެފައި ދިއުމުން ކަން ވީޑިއޯއިން ފެނެއެވެ. އަދި އަނަސް އަށް ޙަމަލާދިން އެންމެން ވެސް ތިބީ މޫނު ފޮރުވައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: