މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން އަލަށް ގާއިމުކުރުމަށް ނިންމާފައިވާ ”އޯޕަން ޕްރިޒަން އައިލެންޑް“ އާއި އެހެނިހެން ޖަލުތަކުގައި މަސައްކަތް ކުރާނެ ޕްރިޒަން އޮފިސަރުން ހޯދުމަށް އެ މުއައްސަސާއިން އިއުލާނުކޮށްފިއެވެ.
ކަރެކްޝަންސް އިން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން، މި ފުރުސަތު ހުޅުވާލާފައިވަނީ ޕަބްލިކް ރޭންކިން 3 ގެ މަގާމަށް ދާއިމީ އޮފިސަރުން ހޯދުމަށެވެ. މި މަގާމަށް ބޭނުންވާ މީހުންގެ ސީދާ އަދަދެއް ކަރެކްޝަންސް އިން ހާމަކޮށްފައެއް ނުވެއެވެ.
މި މަގާމަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި 6,050 ރުފިޔާ ލިބޭއިރު، އެލަވަންސްގެ ގޮތުގައި 5,555 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. މި އޮފިސަރުން މަސައްކަތް ކުރަން ޖެހޭނީ މާފުށީ ޖަލާއި، އައްސޭރި ޖަލުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަރައްގީ ކުރެއްވުމަށް ނިންމަވާފައިވާ އޯޕަން ޕްރިޒަން އައިލެންޑްގައެވެ. މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި:
- އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން.
- ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށްވުން.
ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް އަންނަ މެއި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ކަރެކްޝަންސް އިން ވަނީ އެދިފައެވެ. އަދި އިންޓަވިއުއަށް ކިޔާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަނި ކަމަށްވެސް އެ މުއައްސަސާއިން ބުނެއެވެ.
އޯޕަން ޕްރިޒަން އައިލެންޑަކީ މުޅި ރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅައި، ގައިދީންނަށް މިނިވަންކަމާއެކު އެ ރަށުގައި އުޅެ، މަސައްކަތްތައް ކުރެވޭ ގޮތަށް ރީހެބިލިޓޭޝަނަށް އިސްކަންދީގެން ތަރައްގީކުރާ ރަށެކެވެ.
ރައީސް މުއިއްޒު ވަނީ މި މަޝްރޫއުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވައި، ގައިދީން އެ ރަށަށް ބަދަލުކުރުމުގެ މަސައްކަތްވެސް މި އަހަރު ފައްޓަވާނެ ކަމަށް އިއުލާނު ކުރައްވާފައެވެ.
މި އައު ކޮންސެޕްޓާއެކު ޖަލުތަކުގެ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވޭއިރު، މިއީ ގައިދީން އަނބުރާ މުޖުތަމައަށް ނެރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

