ރަހުމް ކުޑަކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ އަދުހަމް މުހައްމަދު ގާސިމް މަރާލިކަމަށް އިއުތިރާފުވުމަށްފަހު، މައްސަލައިގެ އަވަސް ނިޔާ ޝަރީއަތުގައި އެ ދައުވާއަށް އިންކާރުކޮށްފިއެވެ.
އަނިޔާވެރިގޮތަކަށް، ގާސިމް މަރާލާފައި އޮއްވާ ފެނިފައިވަނީ ޑިސެމްބަރު 4 ވަނަ ދުވަހުގެ ރޭގަނޑެވެ. ޒަހަމްތަކާއި އެކު، މަގުމައްޗަށް ވެއްޓިފައިއޮއްވާ ގާސިމް ފެނިފައިވަނީ ހުޅުމާލޭގެ، ވެހިކަލްތަކާއި މީހުން މަދު އަނދިރި ސަރަހައްދެއް ކަމަށްވާ ރީތިގަސްމަގުންނެވެ. ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމްގެ މަައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މި މަހުގެ 18 ގައި ބޭއްވިއިރު، އެ ޝަރީއަތުގައި އަދުހަމް ވަނީ ކުށަށް އިއުތިރާފްވެފައެވެ. އަދި ދައުލަތުން އިއްވި ބަޔާންނުގައި އެއްވެސް ގޯހެއް ނެތް ކަމަށް އޭނާ ބުނެފައިވެއެވެ.
މައްސަލައިގައި މިއަދު ބޭއްވި އަވަސް ނިޔާގެ ޝަރީއަތުގައި، ގާޒީ އެންމެ ފުރަތަމަ އަދުހަމް އާއި ސުވާލު ކުރީ ދައުވާއާއި ގުޅޭގޮތުންނެވެ. އަދި ދައުވާ އިތުރަށް ސާފު ކުރުމަށް ބޭނުންވޭތޯ ގާޒީ ސުވާލު ކުރެއްވިއެވެ. ޖަވާބުގައި އަދުހަމް ބުނީ، އެނާއަށް ދައުވާ ސާފު ނުވާ ކަމަށެވެ.
އެއަށްފަހު ދައުލަތުން ދައުވާ އިއްވުމުން އަދުހަމް ބުނީ، އާނޭ ގަސްތުގައި މީހަކު މަރާލާފައި ނުވާނެ ކަމަށާއި ގާސިމްގެ މަރުގެ މައްސަލައަކީ އޭނާ ދެނަހުރި ކަމެއްވެސް ނޫން ކަމަށެވެ. އަދި ދައުވާއަށް އިންކާރު ކުރިއެވެ. ދައުވާއަށް އިންކާރު ކުރަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އަދުހަމް ބުނީ، އޭނާ ކުށަށް އިއުތިރާފުވެފައިވަނީ މަސްތުގެ ހާލުގައި ހުރެގެން ކަމަށެވެ. އަދުހަމް ބުނިގޮތުން ފުލުހުން އޭނާ ކޯޓަށް ހާޒިރު ކުރަނީ މަސްތު ކުރުމަށްފަހުއެވެ. އަދި އޭނާ ފުލުހުންގެ މައްޗަށް ތުހުމަތުތަކެއް ކުރިއެވެ.
އިތުރަށް ވާހަކަ ދައްކަމުން އަދުހަމް ބުނީ، ފުލުހުން އެންމެ ފުރަތަމަ ދިނީ އޭނާ ތަނެއްގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށެވެ. އެއަށްފަހު އެތަކެތި ހުސްވުމުން ދެން މަސްތުވާތަކެތި ގެނެސްދިނީ ފުލުހުންގެ އަމިއްލަ ހަރަދުގައި ކަމަށެވެ. އަދުހަމް ބުނީ އޭނާ ކުށަށް އިއުތިރާފުވީ ހަމަ ބުއްދީގައި ހުރެގެންނެއް ނޫން ކަމަށެވެ. އަދި ކޯޓުގައި ކިޔޭ ނުކިޔޭއެއް ވެސް ނުވިސްނެކަމަށް ބުންޏެވެ.
އަދުހަމް ބުނިގޮތުން މުއްދަތު މަޖިލީހުގައި ވެސް އިންވެސްޓިގޭޓިވް އޮފިސަރަކު އޭނާ ބަހައްޓާނީ ހާއްސަ އިނާޔަތްތަކަކާއި އެކު އެކަހެރިކޮށްފައިކަމަށް ވަކިން ބުނާތީ އަޑުއިވުނު ކަމަށަށެވެ. އެބުނާ ހާއްސަ އިނާޔަތުގެ ދަށުން މަސްތުވާތަކެތި އާއި، ސިނގިރޭޓު އަދި ސުޕާރީވެސް ގޮޅިއަށް ވައްދަ ދިންކަމަށް އަދުހަމް ބުންޏެވެ.
އަދުހަމްގެ ވާހަކަތަކަށްފަހު، އޭނާގެ ވަކީލު ބުނީ އަދުހަމްއާއި އޭނާއާއި ބައްދަލު ނުވާކަމަށާއި އަދި އަދުހަމް އެ ދައްކަނީ ކޮން ވާހަކަތަކެއްކަން އޭނާއަކަށް ނޭނގޭ ކަމަށެވެ. އެހެން ކަމުން، އެކަން ސާފު ކުރުމަށް ވަގުތު ބޭނުންވާކަމަށް ވަކީލު ބުންޏެވެ.
މައްސަލައިގައި އަވަސް ނިޔާގެ ގޮތުގައި ނިންމަން ތާވަލުކުރީވެސް އަދުހަމް ދައުވާއަށް އިއުތިރާފު ވުމުންނެވެ. އަދުހަމްގެ ވާހަކަތައް ބަދަލުވުމުން ދައުލަތުން ބުނީ ބޭނުންވަނީ މައްސަލަ ކުރިޔަށް ގެންދިއުމަށް ކަމަށެވެ. އަދި އަދުހަމް ގާސިމް މަރާލިކަން ސާބިތުވާ ވަރަށް ހެކި އެބަހުރި ކަމަށެވެ.
މި މައްސަލައިގައި ދެން އޮންނާނީ އިބްތިދާއީ އަޑުއެހުމެވެ.

