އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުރިހާ ކަމެއްވެސް ރަނގަޅަށް ބައްލަވާނެކަން ޔަގީން ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އަމިއްލަ ގޮތުން ކުރެއްވި ދަތުރުފުޅަކަށް ރައްޔިތުންގެ މަޖިލީހުން ހަރަދުކުރިކުރި މައްސަލައަކާއި ގުޅިގެން، އެ ފައިސާ މަޖިލީހުގެ އިދާރާއަށް ދައްކަވަން އޭސީސީން އެންގުމުންނެވެ.
އޭސީސީގެ އެންގެވުމާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ އެންމެހާ ކަންކަން ވީހާވެސް ގާތުން ރަނގަޅަށް ބެއްލެވުމަކީ އޭސީސީން ކުރާ ވަރަށް ރަނގަޅު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އޭސީސީން ބަލަންޖެހޭ އެހެން ހުރިހާ ކަމެއްވެސް ވަރަށް ގާތުން ބަލާނެ ކަމަށް ޔަގީނެވެ.
”ދައުލަތުގެ އެންމެހާ ކަންކަން ވީހާވެސް ގާތުން ރަނގަޅަށް ބެއްލެވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އޭސީސީން ކުރައްވާ ވަރަށް ރަނގަޅު ކަމެއް، އަޅުގަނޑު ޔަގީން ކުރަން އެހެން ހުރިހާ ކަމެއްވެސް ރަނގަޅަށް ބައްލަވާނެ ކަމަށް“ ރައީސް ނަޝީދު ވިދާޅުވިއެވެ.
https://twitter.com/MohamedNasheed/status/1230178429586169856
އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅު ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލީހުގެ ރަސްމީ މީޑިއާ ބޭނުންކޮށްގެން ކަވަރުކުރަމުންދާކަމަށެވެ.
މި މައްސަލަ އޭސީސީން ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހަށް އަންގާފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ގއ. ވިލިނގިލީގައި ބޭއްވި ”ދެކުނު މަހާސިންތާ“ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ފުވައްމުލަކާއި އައްޑުއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން، އެ މަނިކުފާނުގެ އަރިހުގައި ދިޔަ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރުގެ ޓިކެޓަށް 444 ރުފިޔާ އިތުރުވެފައިވާތީ އެފައިސާ ދެއްކުމަށެވެ.
ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވަނީ އޭސީސީގެ އެ ނިންމުން މަޖިލީހުގެ މެންބަރުންނަށް ވިދާޅުވެ ދެއްވާފައެވެ. އަދި އޭގެ އިތުރުން މަޖިލީހުގެ އިދާރާގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ ޓްވީޓްވެސް ކޮށްފައެވެ.
އޭސީސީ ނިންމުގައި ހަށިފާރަވެރިންގެ ވާހަކަ ފާހަގަކޮށްފައިވާއިރު، ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅުތަކުގައި ހަށިފާރަވެރިންނާ ނުލާ ދަތުރު ކުރުމުގެ ފުރުސަތެއް ނޯވެއެވެ. ކުރީގެ ރައީސުންނަށް، ޤާނޫނުން ލިބިދޭ ހިމާޔަތާއި ރައްކާތެރިކަމުގެ ތެރެއިންނާއި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދަނީ، ސަލަމާތީ ޚިދުމަތްތަކުން އެކުލަވާލާފައިވާ ވަކި ޕްރޮޓޮކޯލެއްގެ ދަށުންނެވެ.
ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އޭސީސީގެ ނިންމުމަށް ގޮންޖައްސަވައި ޗެލެންޖު ކުރައްވަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ސެކިއުރިޓީން ނެތި ތަނަކަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާތީ އެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެއްކެވުމަށް އެދިވަޑައިގަތެވެ.
”އަޅުގަނޑު ގަސްދެއް ނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މި ނިންމުމަށް ޗެލެންޖް ކުރާކަށް. އިއްޒަތްތެރި މެމްބަރުން އެދިވަޑައިގަންނަވާ ނަމަ ޗެލެންޖް ކުރެވޭނެ،“ ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ އެ މައްސަލާގައި ސިޔާސީ ހުރިހާ ޕާޓީތަކުންވެސް ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދު އެގޮތަށް ވިދާޅުވުމުން ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އޭސީސީން ނިންމި ނިންމުމުގެ ޒިންމާ ނަންގަވަންޖެހޭނީ ޑިފެންސް މިނިސްޓަރު ކަމަށެވެ. އަދި އެކަން ބަޔާންކޮށް މިނިސްޓަރު މާރިޔާއަށް ސިޓީއެއް ފޮނުއްވުމަށް ވަނީ އެދިވަޑައިގަންފައެވެ.
ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ދައްކަންޖެހޭ އެއްޗެއް ދައްކަވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެ ފައިސާ އެއްކޮށް ދެއްކެވުމަށްވެސް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ. ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވީ އެކަމަކީ ކޮރަޕްޝަނުގެ ކަމަށް ނުވާނަމަ ފައިސާ ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

