ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އިޖުރާއަތުގެ ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލާ މަދަނީ އިޖުރާތުގެ ބިލަށް އާންމުންނަށާއި ކަމާބެހޭ އިދާރާތަކުގެ ހިޔާލު ހޯދުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ހުޅުވާލިއެވެ. އަދި މަދަނީ އިޖުރާއަތުގެ ބިލާއި ގުޅޭގޮތުން އާއްމުންގެ ހިޔާލަށް އެދި އެޖީއިން މިދިޔަ ޑިސެމްބަރު މަހުވެސް ހުޅުވާލިއެވެ. އޭރު އެޖީއިން ބުނެފައިވަނީ ބިލުގެ ކޮމިޓީ މަރުހަލާ 2020 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ފެށުމުގެ ކުރިން ބިލާއި މެދު އާއްމުން ދެކޭ ގޮތް އޮޅުން ފިލުވުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން މި ބިލު މަޖިލީހަށް ހުށަހެޅި، މަހާރު މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން އަންނަނީ ބިލް ދިރާސާކުރަމުންނެވެ.
އެ ބިލާ ގުޅޭގޮތުން ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިމަހުގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ އީމެއިލް އެޑްރެސް (committee@majlis.gov.mv) އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވަން ވަނީ އެދިފައެވެ. އެ އިދާރާއިން ބުނެފައިވަނީ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް އޮންނާނެ ކަމަސެވެ.
މަދަނީ އިޖުރާތުގެ ބިލަކީ މަދަނީ ދައުވާތަކާބެހޭ އުސޫލުތަކާއި، ޝަރީއަތަށް މައްސަލަ ފޮނުވުމުގެ ކުރިން މައްސަލަ ހައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، ޝަރީއަތަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގެ އުސޫލުތަކާއި، ހެއްކާބެހޭ ބައެއް އުސޫލުތައް ބަޔާން ކުރާ ބިލެކެވެ. މަދަނީ މައްސަލަތަކުގައި އަމަލުކުރާނެ އިޖުރާތްތައް ނެތުމުގެ ސަަބަބުން އުފައްދާ މަދަނީ އިޖުރާތުގެ ބިލުން ދިވެހި ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމުގައު އުފެދިފައި އޮތް ހުސްކަން ފޫބެއްދި، ހަސްމުންނާމެދު ހަމަހަމަ އުސޫލަކުން އަމަލުކުރެވޭނެ އުސޫލެއް ކަނޑައެޅިގެންދާނެ އެވެ.
މީގެ އިތުރުން މި ބިލުގައި ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ހުކުމްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި، ހުކުމް ތަންފީޒު ކުރުމާގުޅޭ އުސޫލުތަކާއި، އިސްތިއުނާފު ކުރުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް މަދަނީ އިޖުރާއަތާގުޅޭ އާންމު އުސޫލުތައް، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަށާއި، ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ އުސޫލުތަކަށްވެސް ރިއާޔަތްކުރާނެއެވެ.
މަދަނީ އިޖުރާއަތުގެ ބިލުގެ މި ދެލިކޮޕީ އެކުލަވާލައްވާފައިވަނީ، އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީއާއެކު އައްޔަންކޮށްފައިވާ ކޮންސަލްޓަންޓެއް ކަމަށްވާ، އިނގިރޭސިވިލާތުގެ ނޮދަމްބްރިއާ ޔުނިވަރސިޓީގެ ލޯ ސްކޫލްގައި ސީނިއަރ ލެކްޗަރަރއެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ އިމެނުއަލް ގުއިންޝާޑު އެވެ. މިހާރު އަމަލުކުރާ ޖިނާއީ އިޖްރާއާތުގެ ގާނޫނާއި ގާނޫނުލް އުގޫބާތު ވެސް އެކުލަވާލީ ރާއްޖެއިން ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީގަ އެވެ.
މަދަނީ އިޖުރާއަތުގެ ބިލްގައި ހިމެނޭ މައިގަނޑު ބައިތައް:
• ކޯޓަށް މައްސަލަ ހުށަހަޅާނެ ގޮތާއި، ދައުވާ ފޯމާއި، ޖަވާބު ފޯމާއި، ބަޔާންތަކާއި އަދި މިނޫންވެސް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނެ ގޮތާއި، ދައުވާއަށް ރައްދުދެވޭނެ ގޮތްތަކާއި، ދައުވާއެއް އިސްލާޙުކުރާނެ ގޮތް ބަޔާންކުރުން.
• އެކި ބާވަތުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މުއްދަތުތަކެއް ކަނޑައެޅުން.
• ހަސްމުންނާގުޅޭ އުސޫލުތައް ކަނޑައެޅުން.
• މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރުތަކާއި ޒިންމާތައް ކަނޑައެޅުން.
• ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައާ މެދު ކޯޓުން އަމަލުކުރަންޖެހޭ ގޮތާއި، އެގޮތުން މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދާއި އުފެދިފައިވާ ޚުޞޫމާތުގެ ކުޑަބޮޑުމިނާއި މައްސަލައިގެ މުހިންމުކަމުގެ މައްޗަށް ބަލައި މައްސަލަތައް 3 ޓްރެކަކަށް ބަހާލައިގެން ކުރިއަށްގެންދާނެ އިޖުރާއަތު ކަނޑައެޅުމާއި، ވާގިއާތަކުގައި އިޚްތިލާފެއްނުވާ މައްސަލަތަކުގައި ޚާއްސަ އުސޫލަކުން މައްސަލައާމެދު ގޮތެއް ނިންމޭނެ ގޮތް ކަނޑައެޅުމާއި، ގައިރު ހާޒިރުގައި ހުކުމްކުރުމާއި ޝަރީއަތް ހިންގުމަކާ ނުލައި މައްސަލަތަކުގައި ހުކުމް ކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުން.
• މައްސަލައާގުޅޭ ލިޔުންތައް ހާމަކުރުމާއި ކިތާބީ ހެއްކާއި ޝަފަހީ ހެކި އަދި ޚަބީރުންގެ ހެކިބަސް ނެގުމާއި އެނޫން ހެކިންގެ ހެކިބަސް ނެގުމުގައި އަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން.
• ޝަރީއަތާ ގުޅިގެން ހިނގާ ޚަރަދު ޚަސްމުންގެ މެދުގައި އުފުލަންޖެހޭ ގޮތްތައް ކަނޑައެޅުން.
• ކޯޓު އަމުރަށް އެދޭނެ ގޮތާއި، ވަގުތީ އަމުރަށް އެދުމާއި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން.
• ހުކުމުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، މައްސަލަ އިސްތިއުނާފުކުރުމާއި، ޚާއްސަ ހާލަތްތަކުގައި މައްސަލަ މުރާޖައާކުރުމުގެ އުސޫލުތައް ބަޔާންކުރުން.
• ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުން.
• ރާއްޖެއިން ބޭރުގެ ކޯޓުތަކުން ކުރާ ޙުކުމްތައް ރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރެވޭނެ ހާލަތްތައް ކަނޑައެޅުން.
މަދަނީ އިޖުރާއަތުގެ ބިލު ފަރުމާކޮށްފައިވަނީ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ޢަދަދާއި އުފެދިފައިވާ ޚުޞޫމާތުގެ ކުޑަބޮޑުމިނަށާއި، ޚަޞްމުންގެ މާލީ ޙާލަތަށް ރިޢާޔަތްކޮށް، އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ބެލި އެ މައްސަލަތަކާމެދު ގޮތެއް ނިންމޭނެ އުޞޫލުތަކެއް ކަނޑައަޅައިދީ، ތަހުޒީބީ މުޖުތަމަޢުތަކުގައި ބަލައިގަނެފައިވާ ފަދަ ލުއިފަސޭހަ އަދި ހަރުދަނާ ނިޒާމުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ބައްޓަންކުރުމަށްޓަކައެވެ.

