ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީގެ ސިއްރަކީ ކުރީގެ ރައީސް ނަޝީދު ކެންޕެއިންގައި ބައިވެރިވެވަޑައިގަތުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ޚަބަރަށްފަހު“ އިމްތިޔާޒް ވިދާޅުވީ، ރައީސް ނަޝީދު ކެންޕެއިންގައި ބައިވެރިވެވަޑައިގަތުމުން ކެންޕެއިންގެ ފޯރި އުފެދި އިތުރަށް ކެންޕެއިނެއްގެ ސިފަ ފެނިގެން ދިޔަކަމަށެވެ.
މިގޮތުން ރައީސް ނަޝީދު ކެންޕެއިންގައި އަތޮޅުތެރެއަށް ވަޑައިގަތުމުން ރަށްރަށުގައި މީހުން އެއްވެ ކުއްލި ޖޯޝަކާއި ފޯރިއެއް އައިކަމުގައި އިމްތިޔާޒު ވިދާޅުވިއެވެ. އަދި ޓީވީގެ ޒަރިއްޔާއިންވެސް ރާއްޖޭގެ އެހެނިހެން ރަށްތަކަށް އެމަންޒަރު ފެނިގެންގޮސް އެރަށްތަކަށްވެސް އިތުރު ހިތްވަރަކާއީ ޖޯޝެއްއައި ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ. މިއީ ކެންޕެއިންގައި ރައީސް ނަޝީދު އުޅުއްވީމައި ރައްޔިތުންނަށް އައި ފޯރިއެއް ކަމުގައި އޭނާ ސިފަކުރެއްވިއެވެ. އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ހަމައެކަނި ރައީސް ނަޝީދު ކެންޕެއިންނަށް ވަޑައިގަތުމުން ލިބުނު ކާމިޔާބީއެއް ކަމުގައި ދަންނަވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެ އޭނާ ވަނީ އެހެންނަމަވެސް ރައީސް ނަޝީދު ކެމްޕެއިނަށް ނިކުމެ ވަޑައިގެންނެވި ހިސާބުން އެތަފާތު ފެނިވަޑައިގެންކަމަށް ވިދާޅުވެފައެވެ.
“ އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ހަމައެކަނި ރައީސް ނަޝީދު ކެމްޕެއިންނަށް ވަޑައިގަތުމުން ލިބުނު ކާމިޔާބީއެއް ކަމުގައި ދަންނަވާކަށް ނެތިން، އެހެންނަމަވެސް ރައީށް ނަޝީދު ނިކުމެވަޑައިގަތުމުން އެތަފާތު ކުއްލިއަކަށް ފެނިގެންދިޔަ “ އިމްތިޔާޒް ފަހުމީ
އިމްތިޔާޒު ވިދާޅުވީ ކެންޕެއިނެއް ހިންގުމުގުގައި އެކެންޕެއިނެއް ހިންގާ ވައްޓަފާޅިއާއި ، ފޯރިއާއި ވޯޓުލާން ނިކުންނަ މީހުން ގިނަކުރުމާއި މިހެންގޮސް ވަރަށް ގިނަކަންތައްތަކެއް ކެންޕެއިނެއްގެ ތެރޭގައި ހިމެނޭކަމަށެވެ. ރައީސް ނަޝީދު ހަރަކާތްތެރިވެވަޑައިގެން މަދު ވަގުތުކޮޅުގެ ތެރޭގައިވެސް ޕާޓީއަށް ވަރަށް ބޮޑު ކުރިއެރުމަކާއި ކާމިޔާބީއެއް ލިބުން ކަމުގައި އޭނާ ވިދާޅުވިއެވެ. މިއާއިއެކު އޭޕްރިލްމަހުގެ ހަތަރުވަނަ ދުވަހު ނެގިގެންދިޔަ ރެފަރެންޑަމް ވޯޓާއިއެކުވެސް ސަރުކާރަށް ނުރުހޭ އެތަކެއް ބަޔަކު ނިކުމެ ނޫނެކޭ ބުނުމުންވެސް އެމްޑީޕީއަށް ލިބުނު ވޯޓު ނިސްބަތުން ގޮނަވެގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އޭޕްރިލްމަހު ބޭއްވުނު ލޯކަލް ކައުސްސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީގައި ކުރީގެ ރައީސް ނަޝީދުއާއި ޕާޓީގެ ހުރިހާ މެމްބަރުންގެ ބުރަ މަސައްކަތް ފެނިގެންދިޔަކަމަށް އޭނާ ވިދާޅުވިއެވެ.
ހަމަމިއާއިކު ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވުނު އުފާފާޅުކުރުމުގެ ހަރަކާތުގައި ރައީސް ނަޝީދުއަށް ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގެންނެވުމަކީ ވަރަށް ދެރަކޮށް ވިމާވިކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މިގޮތުން އެމަނިކުފާނު އެރޭގެ ހަފްލާގައި ވާހަކަފުޅުދައްކަވަން އެދިވަޑައިގެންފައިވަނިކޮށް ކުއްލިއަކަށް ކެންސަލް ވުމަކީ ވަރަށް ދެރކޮށް ދިމާވިކަމެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.

