ރާއްޖޭގައި ގާނޫނުގެ ”އަލިފު“ ވެސް ނޭނގޭ ވަކީލުން އެބަތިބި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ބައެއް ޤާނޫނީ ވަކީލުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޝަރީފް އެގޮތަށް ވާހަކަ ދެއްވީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހެޅުއްވި ތައުލީމްގެ ބިލަށް ރައްޔިތުންގެ މަޖިލިހުގައި މިއަދު ބަހުސް ކުރައްވަމުންނެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގެ ގިނަ ތަންތަނުންދޭ ސަނަދުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެކަން އެކަށީގެންވާ ގޮތެއްގައި މޮނިޓަކޮށް، ހަރުދަނާ ނިޒާމެއްގެ ދަށުން އެކްރެޑިޓް ކުރެވޭނެ އުސޫލުތަކެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ތެރޭގައި ގާނޫނީ ވަކީލުކަން ނަގައިގެން އެބަތިބި ގާނޫނުގެ އަލިފު ވެސް ނޭނގޭ މީހުން. ބޭރުން ކޮންމެވެސް ޑިގްރީއެއް ނަގައިގެން. އަޅުގަނޑުމެންގެ ރާއްޖޭގެ ބައެއް ކޮލެޖްތަކުން ދޭ ޑިގްރީ، ހިތާމައާ އެކު ދަންނަވަން ޖެހެނީ މި ފެންވަރުގައި އެބަހުއްޓޭ. މިއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް. އަޅުގަނޑުމެންނާ އެބަ ދިމާވޭ މިކަހަލަ މީހުން“ ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ބޭރުގެ ގިނަ ބައެއް ގައުމުތަކުގައި ސެޓްފިކެޓް ވިއްކާ ކަމަށެވެ. އަދި ބައެއް މީހުން ހަތަރު ވަރަކަށް ހަފްތާއަށް ކޯސްތަކުގައި ބައިވެރިވެފައި 10،000 ޑޮލަރު ނުވަތަ 15،000 ޑޮލަރު ދީގެން މާސްޓާސް ޑިގްރީއެއް ހޯދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ މިންގަނޑުގެ ސަނަދުތައް އެކްރެޑިޓް ކުރާނެ އުސޫލުތަކެއް ގާއިމުކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެކަން އާންމު ރައްޔިތުންނަށް ސާފުކޮށް ފެންނަން ހުންނަން ޖެހޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ސަނަދުތައްދޭ ފެކްޓަރީއަކަށް ޔުނިވަސިޓީތަކާއި ކޮލެޖްތަކާއި ތައުލީމްދޭ ތަންތަންވުމުގެ ބަދަލުގައި ހަރުދަނާ ދަރިންތަކެއް އުފެއްދުމަށް އިސްކަންދޭ އުސޫލުތަކެއްގެ އެ ތަންތަނުގައި ހަދަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގައި ބޭނުން ކުރާ މެޑިކަލް ޑިގްރީތަކާއި އިންޖީނިއަރުކަން ކިޔަވައިގެން އަންނަ މީހުން އަތުގައި އޮންނަ ޑިގްރީތަކަކީ ގަބޫލު ކުރެވޭ ތަންތަނުގެ ޑިގްރީއެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

