އިލެކްޝަން ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ފޮނުއްވަވާފައިވާ ފަރާތްތަކާމެދު ޢާންމުންގެ ޚިޔާލް ހުށަހެޅުމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން ފުރުޞަތު ހުޅުވައިލައިފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާއިން މިއަދު ނެރުއްވައިފައިވާ ޢިއުލާނުގައި ވާގޮތުން، ޤާނޫނޫ ނަންބަރު 8/2008 (އިލެކްޝަން ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ)ގައި ވާގޮތުގެ މަތިން، އިލެކްޝަން ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި، 2 މާޗް 2020ގައި ބޭއްވުނު މަޖިލީހުގެ 13 ވަނަ ޖަލްސާގައި މިނިވަން މުޢައްސަސާތަކުގެ ކޮމިޓީއަށް، އެ މައްސަލަ ފޮނުއްވައި އެކަންވަނީ ޢިއުލާނުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ހިމެނެނީ ހއ.ހޯރަފުށީ ފަރީދީނޫރު އަލްފާޟިލް އަޙްމަދު އަކްރަމާއި، މ.ހަޒާރީވިލާ އަލްފާޟިލް އަޙްމަދު ފަޔާޟު ޙަސަންއާއި، ހއ.ކެލާ އަނބުގަސްދޮށުގޭ އަލްއުސްތާޛާ މަރްޔަމް ޙަނީފާ ޚާލިދާއި، ވ.ރިވެތި އަލްފާޟިލް އަޙްމަދު މަންޞޫރެވެ.
އިލެކްޝަން ކޮމިޝަންގެ މަޤާމު ހުސްވުމުގެ ތާރީޚު ކައިރިވެފައިވާއިރު، ކުރީގެ އިލެކްޝަންގެ މެންބަރު އަޙްމަދު ޝަރީފްއަށްދަނީ އެކިއެކި ތުހުމަތުތައް ކުރެވެމުންނެވެ.

