މިހާރު އޮތް ސަރުކާރު ބަދަލުކުރުމަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހޭ މަސައްކަތްތައް ފަށަންޖެހޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓް މީކާއީލް ނަސީމްގެ ކެމްޕެއިންގެ ތެރެއިން އެ މަނިކުފާންގެ އުފަން ރަށް ޅ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މިދިޔަ ހުކުރުދުވަހުގެރޭ އެމަނިކުފާނާއި ރައީސް ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގުޅިވަޑައިގެން ’ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓް‘ ނަމަކަށް ކިޔާ އިއްތިހާދެއް އުފައްދަވާފައިވާ ކަމަށެވެ. އަދި މި ތިން ބޭފުޅުން ވެސް މަސައްކަތް ކުރަންވީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރު ބަދަލުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ، ”އަޅުގަނޑުމެން ކުރަންވީ ކަމަކީ މި ސަރުކާރު ބަދަލު ކުރުމަށް މިހާރުން މިހާރަށް ކުރަންވީ ކަންތައް ކުރުން. ޕާޓީގެ ލީޑަޝިޕަށް އާ ބަޔަކު ގެނެސް އަޅުގަނޑުމެންނަށް ކުރެވުނު ތަޖުރިބާ އާއި އިހްސާސްތަކާއި ކުރެވުނު ދަތިތަކާއެކުގައި ގައުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެކުގައި ކަންތައްތައް ކުރަންވީ،“ ކަމަށެވެ.
އެމްޑީޕީން ޤައުމަށް ކޮށްދީފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، މިހާރު އަމަލުކުރަމުން އަންނަ ފެހި ޤާނޫނުއަސާސީ ވުޖޫދުވުމުގައާއި، އޭގައި ހިމެނޭ މުހިންމު އަސާސްތައް އަމަލީ ސިފައަށް ގެނައުމުގައި އެމްޑީޕީން ކޮށްފައިވާ މަސައްކަތްތަކަކީ ފާހަގަކޮށްލަންޖެހޭ މުހިންމު މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް، މާޒީގެ 30 އަހަރުގެ ދިގު ވެރިކަމުގެ ތަޖުރިބާއަށް ބަލައި، ވެރިކަން ކުރެވޭނީ 5 އަހަރުގެ ދެ ދައުރަށް ކަމަށް ކަނޑައެޅުމަކީ އެމްޑީޕީން ގެނައި އެންމެ ބޮޑު އެއް ބަދަލު ކަމުގައި ވިދާޅުވިއެވެ.
ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައި އެމްޑީޕީން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާ ކަމަށާއި، އިޖުތިމާއީ އަދި ތައުލީމީ ދާއިރާއިން ގިނަ ފުރުސަތުތަކެއް ހޯދައިދީފައިވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް ލީޑަރުން އުފައްދާ ޕާޓީއެއްކަން ފާހަގަކުރައްވައި، މިވަގުތަކީ ޕާޓީގެ އާ ލީޑަރުންނަށް ފުރުސަތު ދޭންވީ ވަގުތު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

