ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނިއްޖެ ނަމަ، ދިމާވާ ކަންކަމާއި ގުޅިގެން ރާއްޖެއަށް ކާޑާއި ތެލުގެ ދަތިކަން ދިމާވެދާނެތީ އެކަމަށް ދުރާލާ ފިޔަވަޅު އެޅުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްވައިފިއެވެ.
ޝަރީފް އެގޮތަށް ގޮވާލެއްވީ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެ ތައްޔާރުވުމަށް ގޮވާލައި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްގެ މަޤާމުގައިވެސް ހުންނެވި އާދަމް ޝަރީފް، ކޮރޯނާވައިރަސްއާ ގުޅޭ ގޮތުން ކުއްލި މައްސަލައެއް ހުށަހެޅުއްވި ނަމަވެސް އެ ވައިރަސް ޖެހިފައިވާ އެއްވެސް މީހަކު މިހާތަނަށް ރާއްޖެ އަކުން ނުފެނެ އެވެ.
ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ދުނިޔޭގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުން އަންނަ ކަމާއި، އަވަށްޓެރި ގައުމުތަކުގައިވެސް ބަލި ފެތުރެމުން އަންނަކަމާއި އަދި ރާއްޖޭގައި ވެސް ބަލި ފެތުރުމުގެ ބިރު ބޮޑުކަން ފާހަގަ ކުރައްވާފައިވެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން، ކާޑުގެ ބާވަތްތަކާއި ތެޔޮ ދުރާލައި އެތެރެކުރަން ޝަރީފް ގޮވާލެއްވީ ކޮރޯނާވައިރަސްއާ ގުޅިގެން، ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުތައް ކުރަމުން ދިއުމާއި ކާޑުގެ ބާވަތްތައް ރަށްރަށް އާއްމުކޮށް ގެންދަނީ ދެ ހަފުތާ އަށް ފުދޭ މިންވަރަށް ކަމަށް ވާތީއެވެ.
ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ރާއްޖެއަކީ ތެލާއި ކާޑުގެ ބާވަތްތައް ބޭރުން އެތެރެކުރާ ގައުމެއް ކަމާއި، އެތަކެތި އަތޮޅު ތެރެއަށް ބެހިގެން ދަނީ އާންމުން ދަތުރުކުރާ އުޅަނދުތަކުގައިކަން ފާހަގަ ކުރައްވާފައިވެއެވެ.
ރާއްޖެ އިން ކޮރޯނާވައިރަސް ފެނިއްޖެ ނަމަ އާގުބޯޓުފަހަރު ދަތުރުކުރުން ހުއްޓި، ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
”ކޮރޯނާ ވައިރަސްއާ ގުޅިގެން، ރާއްޖޭގެ ރައްޔިތުންނަށް ތެލާއި ކާޑުގެ ދަތިކަން ނުފޯރާނެކަން ކަށަވަރު ކުރުމަށްޓަކައި އެ ތަކެތި ދުރާލައި އެތެރެކޮށް، ބޭނުންވާ މިންވަރަށް ރާއްޖޭގެ އެކި ހިސާބުތަކުން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލަން“ ޝަރީފް ވިދާޅުވެފައިވެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ކޮރޯނާ ވައިރަސް އަށް ރާއްޖޭގައި ޓެސްޓު ކުރެވޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ ވައިރަސް ފެތުރެން ފެށި ޗައިނާ އިން މީހުން އައުން މަނާކޮށް، ކްރޫޒްލައިނާގެ ދަތުރުތައް ވެސް ރާއްޖެ އަށް ވަނީ މެދުކަނޑާލައިފަ އެވެ.
އެޗްޕީއޭ އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ގައުމީ ފެންވަރުގައި ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާލޭގައި ޓްރެވަލް ކްލިނިކެއް ގާއިމުކުރުން ހިމެނެއެވެ. އަދި މި ކްލިނިކުން ރާއްޖޭން ބޭ ރަށް ދަތުރު ކޮށްފައި އަންނަ ފަރާތްތައް ކޮވިޑް-19 އަށް އިތުރަށް ސްކްރީން ކުރުމަށް ވަނީ ނިންމާފައެވެ.

