ސަރުކާރަށް ލިބުނު ވަގުތާ އަޅާ ބަލާއިރު، މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައަޅުން ލަހެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލިހުގައި ބޭއްވި ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަކީ އާންމުންނާއި ވަޒީފާދޭ މީހުންގެ ވާހަކަތައް ބެލުމަށް ފަހު ދިރާސާތަކެއް ކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އަދި އެގޮތަށް އެކަން ކުރުމަކީ މުހިތްމު ކަމެއް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ވަޒީފާއާ ބެހޭ ގާނޫނުގައި މިނިމަމް ވޭޖް މިވަގުތު ވެސް ކަނޑައެޅިދާނެއެވެ. އެކަމަކު މިނިމަމް ވޭޖް ކަނޑައަޅަން ނިންމީ ވެރިކަމާ ހަވާލުވުމަށް ފަހު، ޖެހިގެން އަންނަ ދުވަހަކު އެކަންކުރާކަށް ނޫން ކަމަށާއި މިނިމަމް ވޭޖްގެ މަސައްކަތަކީ އެއް ދުވަހުން ނިންމާލެވޭނެ ކަމެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
”އެހެން ބަޔަކު މިކަމަކާ ނުވެސް އުޅޭ ނުވެސް ދައްކާ، މީގެ ފަސް އަހަރު ކުރިން ހަތް އަހަރު ކުރިން ތިބި މީހުންނަށް އަދިވެސް ކަނޑައެއް ނޭޅެ އެއް ނޫންތޯ، މިހާރު އެ ބޭފުޅުން އެބަ ވިދާޅުވޭ ލަސް ވާތީ، އަޅުގަނޑަކަށް ލަހެއް ނުވޭ، މިދެންނެވީ ލިބުނު ވަގުތާއި އަޅާ ބަލާ އިރު، މީތި ތިބޭފުޅުން ޓްވިޓާގައި ޓްވިސްޓް ނުކުރައްވައްޗޭ އަޅުގަނޑު ބުންޏޭ އަދި އެއް މާ އަވަހޭ. އެހެނެއް ނޫން މިދަންނަވަނީ“ ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ މިވަގުތު ބިދޭސީންނަށް މިނިމަމް ވޭޖް ދޭންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެގޮތަށް ޤަބޫލު ކުރައްވަނީ ރާއްޖޭގެ އިޤްތިޞާދު މިވަގުތު އޮތް ގޮތުން ކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ބިދޭސީންނާއި ދިވެހިންނާއި ތަފާތުކުރުމަކީ އިންސާނިއްޔަތަށް ބަލާނަމަ ރަނގަޅު ކަމެއް ނޫން ކަމަށާއި ނަމަވެސް ރާއްޖޭގެ އިގްތިސާދަށް ވެސް ބަލަންޖެހޭ ކަމަށެވެ.
ރާއްޖޭގައި ދެ ލައްކައަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅޭ ކަމަށާއި ވަޒީފާއެއް ނެތިގެން ވަޒީފާއެއް ހޯދަން އުޅޭ ދިވެހިންގެ އަދަދަކީ ގާތްގަނޑަކަށް 15،000 އާއި 20،000 ދިވެހިން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ގާތްގަނޑަކަށް 30،000 ދިވެހިންނަކީ ބޭނުންވާ ވަރުގެ މުސާރައެއްގައި އެ ބޭނުންވާ ވަޒީފާއެއް ލިބޭނަމަ ދާންތިބި މީހުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
”ޖުމްލަ ބަލަމާ ހިނގާ އަޅުގަނޑުމެންގެ ވަޒީފާއަދާކުރަން ބޭނުންވާ 50،000 އެއްހާ ބޭފުޅުން މިތިބީ މިސާލަކަށް. ދެލައްކަ ކޮންމެވެސް ވަރެއް އެބަތިބި ބޭރު މީހުން. އެ ދެ ލައްކަ މީހުން ފޮނުވާލިޔަސް އަދި 50،000 މީހުން ލައިގެން އަޅުގަނޑުމެންގެ އިގްތިސާދެއް ކުރިއަކަށް ނުދޭ. އިގްތިސާދު ކުރިއަށް ގެންދަން ބޭނުންވާނަމަ އިތުރަށް އަދިވެސް މީހުން އެބަ ބޭނުންވޭ، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ 6400 ރުފިޔާގެ މިނިމަމް ވޭޖެއް ކަނޑައަޅައިގެންނެއް އެ މަސައްކަތްތަކަކަށްދާކަށް މާބައިވަރު ދިވެހިންތަކެއް ލިބޭނެ ކަމަކަށް“ ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން ލަފާދީފައިވާ 6400 ރުފިޔާއަށްވުރެ ދަށުގައި ވަޒީފާ އަދާކުރަމުންދަނީ 120،000 އެއްހާ ބިދޭސީން ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ ކޮންސްޓުރަކްޝަން ދާއިރާގައި މަސައްކަތްކުރާ މީހުން ކަމަށެވެ.
މިނިމަމް ވޭޖްގެ މަސައްކަތް ކުރި އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާދިނީ މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ. ހަމަޖެއްސުމަށެވެ. މި އަދަދަކީ ވަކި ދާއިރާއެއް އިސްތިސްނާކުރުމެއް ނެތި ހުރިހާ ދާއިރާއަކަށް ހުށަހެޅި އަދަދެވެ.

