ކޮވިޑް-19 ފެތުރި، ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ހާލަތަށް ވެސް ސަރުކާރުން އޮތީ ތައްޔާރުވެފައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ނުރައްކާތެރި ރޯގާ ކޮވިޑް-19 ރާއްޖެ ނާންނާނެ ކަމަށް ބެލުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ.
އަމީން ވިދާޅުވީ ފެތުރެމުން އަންނަ ރޯގާގެ އެންމެ ނުރައްކާތެރި ހާލަތަށް ވެސް ރާއްޖެ އޮތީ ތައްޔާރުވެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް، ފަރުވާ ދޭން ބޭނުންވާ ސާމާނު މިހާރުގެ ހާލަތާ އެކަށީގެންވާ ވަރަށް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.
މުޅި ރާއްޖޭގެ ހާލަތު ބެލުމަށްޓަކައި އެކި ސަރަހައްދުތަކުގައި ރޯގާ އާއި ނިއުމޯނިއާ ފަދަ ބަލިތައް ފެތުރޭ މިންވަރު ބަލަމުން އަންނަ ކަމަށާއި ރާއްޖޭގެ އެއްވެސް ރަށަކުން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ ނަމަ އެ ރަށަކަށް އަރައި ފޭބުން މެދުކަނޑާލުމަކީ މިހާރު ހަމަޖައްސައިފައި އޮތް ގޮތް ކަމަށް އަމީން ވިދާޅުވިއެވެ.
”މިއީ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ގޮންޖެހުން ބޮޑު ހާލަތެއް. ރާއްޖެ ވެސް، ރާއްޖެއަށް ވައިރަސް ނާންނާނެ ކަމަށް ބަލައިގެން ތިބުމަކީ ބުއްދިވެރި ކަމެއް ނޫން، ގޮންޖެހުންތަކާ އެކު ވެސް ރަނގަޅަށް ތައްޔާރުވެވިފައިވާ ކަމަށް ގަބޫލުކުރަން“ މިނިސްޓަރު ވިދާޅުވި އެވެ.
ހަލުވިކަމާ އެކު، ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން އެލާޓް ނެރޭނެ ލެވެލްތަކެއް ކަނޑައަޅާފައި ވާއިރު، ރާއްޖެ އަދި އޮތީ ”ވައިޓް އެލާޓް“ ގައި ކަމަށް ހެލްތު މިނިސްޓްރީން ކުރިންވެސް ވަނީ ބުނެފައެވެ.
އެގޮތުން މި ވަގުތު ”ވައިޓް އެލާޓް“ ކަނޑައަޅާފައި އޮތީ ރޯގާ ޖެހިފައިވާ މީހަކު އަދި ނުފެންނާތީ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮރޯނާވައިރަހުން ސަމާލުވުމަށް ”ވައިޓް އެލާޓް“ ގައި ކުރަންޖެހޭ ކަންތައްތަކަކީ ބައްޔާ މެދު މީހުން ހޭލުންތެރި ކުރުވުމާއި ސިއްހީ ކަމާ ބެހޭ ފަރާތްތައް ތަމްރީނުކޮށް، ތައްޔާރީ ހާލަތުގައި ތިބުމެވެ. އަދި ބައްޔާ ގުޅިގެން މީހަކު ކަރަންޓީނު ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ކަން ކުރާނެ ތަންތަން ތައްޔާރަށް ބެހެއްޓުމާއި އެކަހެރިކޮށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ.
ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިއްޖެ ނަމަ ހާލަތު ”ޔެލޯ އެލާޓް“ އަށް ބަދަލުވާނެ އެވެ. ތިން ވަނަ ލެވެލް ކަމަށްވާ ”އޮރެންޖް އެލާޓް“ ނެރޭނީ ރޯގާ އުޅޭ ސަރަހައްދަކަށް ދަތުރު ކޮށްގެން، ރޯގާ ޖެހޭ މީހެއްގެ ފަރާތުން އެހެން ބައެއްގެ ގަޔަށް ރޯގާ އަރާ ހިސާބުންނެވެ.
ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ކަމަށް ނިންމައި ”ރެޑް އެލާޓް“ ނެރޭނީ އެހެން ގައުމަަކުން ރޯގާ ޖެހުނު މީހަކާ ގުޅުމެއް ނެތް ގޮތެއްގައި ރޯގާ ގައިންގަޔަށް އަރާ ހާލަތުގަ އެވެ.

