ސަމާ އައިލެންޑް ރިސޯޓްގައި ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިއެއްގައިން ކޮރޯނާ ވައިރަސްގެ އަލާމާތްތަކެއް ފެނި އޭނާ މޮނީޓާރ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެޗްފީއޭއިން ބުނި ގޮތުގައި އެ ދެ މީހުންނަކީ ފްރާންސްގެ ދެ މީހުންނެވެ. ދެ މީހުން ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެ ރިސޯޓަށް އަރާ ފޭބުން ވެސް ވަނީ މަނާކޮށް ލޮކްޑައުންކޮށްފައެވެ. ސަމާ އައިލެންޑަށް މީހުން ނޭރޭ ގޮތަށް މަނާކޮށްފައިވަނީ މިހާރު އަމަލު ކުރަމުންދާ އުސޫލުގެ މަތިންނެވެ. މިހާރު އެޗްޕީއޭއިން އަމަލު ކުރަނީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހަކު ފެންނަ ރަށެއް ލޮކްޑައުން ކުރުމެވެ. އަދި ޝައްކުވާ މީހާގެ ނަތީޖާ ލިބުމުން ދެން އަމަލު ކުރެވޭނީ ތަފާތުކޮށެވެ. ނަތީޖާ ނެގެޓިވް ވެއްޖެނަމަ ރަށް އަލުން ހުޅުވާލެވޭނެއެވެ.
ވ. ތިނަދޫ އާއި ކުރެއްދޫ އައިލެންޑް ރިސޯޓް މިހާރުވެސް ލޮކްކޮށްފައިވާއިރު، އެ ރަށުން ކަރަންޓީން ކުރި މީހުންގެ ނަތީޖާ މިއަދު މެންދުރު ލިބޭނެއެވެ. ތިނަދޫ ލޮކްޑައުންކޮށްފައިވަނީ އެ ރަށުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުން ކޮރޯނާ ވައިރަހުގެ އަލާމަތްތައް ފެނިފައިވާތީ އެވެ. އޭނާ މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓް ލޮކްޑައުން ކޮށްފައިވަނީ އެ ރިސޯޓުގައި ހުރި ޓޫރިސްޓަކު އަނބުރާ އިޓަލީއަށް ދިޔުމަށް ފަހު އޭނާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި އެ ރިސޯޓް ޑޮކްޓަރުގެ ފަރާތުން ކޮރޯނާގެ އަލާމަތްތައް ވަނީ ފެނިފަ އެވެ. އެހެންވެ އޭނާ ވެސް މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. ކޮރޯނާއަށް ޕޮޒިޓިވްވެފައިވާ ޓޫރިސްޓް، ކުރެއްދޫގައި ކޮންޓެކްޓްވި މީހުން ހޯދައި އިތުރަށް ބަލަން ޖެހޭ ކަންކަން ދަނީ ކުރަމުންނެވެ. އެ ރަށް ހުޅުވާލާނީ އޭގެ ފަހުންނެވެ.
ކޮރޯނާއާއި ގުޅުވާ ސޯޝަލް މީޑިއާގައި ތަފާތު އެކި ވާހަކަތަކެއް ފަތުރަމުން އަންނައިރު، ނޫސްވެރިން ވަނީ އެފަދަ ވާހަކަތަކަގުގައި އެއްވެސް ހަގީގަތެއް ނެތްނަމަ އެކަންވެސް މީޑިއާތަކާއި ހިއްސާކޮށްދިނުމަށް އެދިފައެވެ. އަދި ކޮރޯނާއަށް ޝައްކުވާ މީހަކު އެކަހެރި ކުރެއްވިއްޖެ ހާލަތެއްގައި އެ ވާހަކަތައް ވެސް ވީހާވެސް އަވަހަށް މީޑިއާތަކާއި ހިއްސާކުރުމަށް ނޫސްވެރިން ވަނީ އެދިފައެވެ.

