ދުނިޔޭގެ އެކި ގައުމުތަކުގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ޝައްކުވާ ބައެއް ރާއްޖެއިން ފެނި އެކަހެރި ކުރުމާއި ގުޅޮގެން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗިންއަށް ބޭއްވުމަށް އިއުލާނު ކުރި ޖަލްސާ ފަސް ކުރުމަށް ނިންމާފައިވާކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.
ކޮރޯނާގެ އަލާމާތްތަކާއި އެކު، ބައެއް މީހުން ވަނީ ކަރަންޓީނު ކުރެވިފައެވެ. އެގޮތުން، ވ. ތިނަދޫއިން ފަރުކޮޅުފުއްޓަށް ގެންގޮސް ކަރަންޓީން ކުރި މީހާ ހިމެނެއެވެ. އެމީހާގެ ޓެސްޓުތައް ނެގެޓިވްކަމަށް ދެއްކިނަމަވެސް، ބަލީގެ އަލާމާތްތައް ވަރުގަދަކަމަށް ދައްކާތީވެ 24 ގަޑިިއިރަށްފަހު އިތުރު ޓެސްޓެއް ހެދުމަށް ނިންމާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.
ކުރެއްދޫ ރިސޯޓާއި ސަމާ އައިލެންޑް ރިސޯޓް ވެސް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި އެ ދެ ރިސޯޓްގެ ވެސް ޑޮކްޓަރުންގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އޭގެ އިތުރުން ސަމާ އައިލެންޑްގައި ތިބި ދެ ފްރާންސްގެ ޓޫރިސްޓަކު ވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ. އެ މީހުންނާއި އެކު، ރިސޯޓުގެ ސްޓާފުންތަކެއް ވެސް ވަނީ އައިސޮލޭޓު ކުރެވިފައެވެ.
ޖޭޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ރާއްޖެއަށް ވެސް ފޯރާފާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް އޮތް މިފަދަ ވަގުތެއްގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ އުޅުމަކީ އެހާ ރައްކާތެރި ކަމެއް ކަމުގައި އެ ޕާޓީން ނުދެކޭ ކަމަށެވެ. އަދި ސިޔާސީ ފައިދާއަކަށްވުރެ ރައްޔިތުންގެ ރައްކާތެރިކަން މުހިއްމު ކަމަށެވެ. އެހެން ކަމުން އަންނަ ހުކުރު ދުވަހުގެ ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައިވާ އެ ޕާޓީގެ ޖަލްސާ ވަކި މުއްދަތެއް ނެތް ގޮތަށް ފަސް ކުރުމަށް ނިންމާފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ޖޭޕީއިން ބުނެފައިވަނީ، ގައުމުގެ ހާލަތު ރަނގަޅުވުމުން އެ ޕާޓީގެ ޖަލްސާ ބާއްވާނެ ކަމަށެވެ. ކޮރޯނާ ވައިރަސް އާއި ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ކެމްޕޭން ދަތުރުތައް ވެސް ވަނީ މެދުކަނޑާލާފަ އެވެ.
ބައެއް ސިޔާސީ ޕާޓީތަކުން މަަސައްކަތްތައް ހުއްޓާލިއިރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން މިއަދާއި މާދަމާއަށް ވެސް އެ ޕާޓީގެ ކެމްޕޭން ހަރަކާތްތަކެއް ކުރިޔަށް ގެންދާނެއެވެ. އެގޮތުން، އެ ޕާޓީން ވަނީ މިއަދު އަންހެނުންގެ މަހާސިންތާއެއް ވެސް ވިލިމާލޭގައި ކުރިޔަށް ގެންގޮސްފައެވެ.

