ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ އާ ރައީސްއަކަށް، ޔޫއައި ހޮޓެލްސްގެ ވެރިޔާ، އަލްފާޟިލް މޫސާ ނާސިހު ހަމަޖައްސަވައިފިއެވެ.
ދިވެހިރާއްޖޭގެ ގެސްޓު ހައުސްތައް ތަމްސީލުކުރާ ޖަމްޢިއްޔާކަމަށްވާ، ގޭމްއިން ބޭއްވި އަހަރީ ޢާންމު ޖަލްސާގައި، ރައީސްގެ މަޤާމަށް ހަމަޖައްސަވައިފައިވަނީ، ރައީސްކަމުގެ މަޤާމަށް ކުރިމަތިލާން ފުރުޞަތު ހުޅުވައިލުމުން އެ މަޤާމަށް އިތުރު ފަރާތެއް ކުރިމަތިލައިފައިނުވާތީ އޮޓަމެޓިކުންނެވެ.
ގޭމްގެ ރައީސްކަމުގެ މަޤާމުގެ އިތުރުން، އެ ޖަމްޢިއްޔާގެ އެހެނިހެން މަޤާމުތަކަށް ވެސް ބޭފުޅުން ޢައްޔަންކޮށްފައިވެއެވެ. މި ގޮތުން، އެ ޖަމްޢިއްޔާގެ ނައިބު ރައީސްކަމުގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ، ނ.ފެހެންދޫ/ވައިޓް ލެގޫން، އަލްފާޟިލް މުހައްމަދު އިމްތިޔާޒާއި، އއ.އުކުޅަސް/ގުންބަރު، ޢަބްދުﷲ ސަމީހު އިސްމާޢީލްއެވެ. ކޯޕަރޭޓް އެފެއާރޒްގެ މަޤާމަށް، ހުޅުމާލެ/ ތުރީ އިން، އަލްފާޟިލް ސަޢުދުﷲ ޢަބްދުލް ޙަސަން ދީދީ ޢައްޔަންކޮށްފައިވާއިރު، ފައިނޭންޝަލް ކޮންޓްރޯލާގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ، ހުޅުމާލެ/ ކޮކްނަޓް ޓްރީ، އަލްފާޟިލް ޙަސަން މަނިކުއެވެ.
މީގެ އިތުރުން، އެ ޖަމްޢިއްޔާގެ، ޕީއާރު އެންޑް މާކެޓިންގއަށް ހަމަޖައްސަވާފައިވަނީ، ހދ.ހަނިމާދޫ، ފަންހާ ގެސްޓުހައުސްއެވެ.
ގޭމްގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވީ، އެ ޖަމްޢިއްޔާއަށް ގިނަ ދުވަސްތަކެއްވަންދަން ޚިދުމަތްކުރެއްވި އަޙްމަދު ކަރަމްއެވެ.

