ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ގެއްލުނު ޑޮލަރުގެ އަދަދު ގުނަންވީ ވަގުތެއް ނޫން، މުހިންމީ މަސައްކަތްތެރީންގެ ރައްކާތެރިކަން: އަލްހާން

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ނޫސްވެރިންނާއި ބައްދަލު ކުރެއްވުން - ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ވަބާގައި، ބަލަންވީ ޑޮލަރު ވަންނާނެ އިތުރު ގޮތެއް ހޯދުމެއް ނޫންކަމަށާއި މަސައްކަތްތެރި އަތްތައް ސަލާމަތްކޮށް އެތަނެއްގެ ރައުސްމާލު ކަމަށްވާ އެ ގައުމެއްގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން މާ މުހިންމުކަމަށް އަމިއްލަ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ރާއްޖޭގައި ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ވައިރަސްއަށް ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފުންގެ އިތުރުން ބަތަލާއިން ޓެސްޓް ކުރި ދެ މީހުންނެވެ.  އެޗްޕީއޭއިން އެ މީހުންގެ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ. ރާއްޖެއިން ހަތަރު މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ ރަށަށް އަރާ ފޭބުން އޮތީ ހުއްޓުވާފަ އެވެ. މުޅި ރާއްޖެއަށް އޮތީ މިހާރު ޔެލޯ އެލާޓެވެ.

ކުރެއްދޫ އައިލޭންޑުގައި ޗުއްޓީ ހޭދަ ކުރި ފަތުރުވެރިޔާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އޭނާ އެނބުރި ގައުމަށް ދިޔަފަހުންނެވެ. އަދި އެކަން އޭނާ އެންގުމާއި އެކު ހައި ކޮންޓެކްޓާއި، ލޯ ކޮންޓެކްޓުތައް ޓްރޭސް ކުރުމުގެ މަސައްކަތް ވެސް ފެށިގެން މިހާރު ދަނީ ކުރިޔަށެވެ. އަދި އެ މީހުންނާ އެކި ގޮތް ގޮތުން ކޮންޓެކްޓް ވެފައި ތިބި ކަމަށް 173 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ. އަމީން ވިދާޅުވީ ވައިރަސްއަށް ޕޮޒިޓިވް ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފުންނާ ކޮންޓެކްޓްވި 93 މީހަކު ތިބީ ރިސޯޓްގެ ކޮޓަރިތަކުގައި ކަރަންޓީނުކޮށްފައި ކަމަށެވެ. އޭގެ އިތުރަށް 80 މީހުން ތިބި ކަމަށް އަމީން ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދިޔަ ކޮރޯނާ ވައިރަސް ރާއްޖެވެސް އެތެރެވެފައިވާއިރު، ނޫސްވެރިންނާއި ބައްދަލު ކުރައްވާ އަލްހާން ވިދާޅުވީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ލަސްވެފައިވާކަމަށެވެ. ވައިރަސްއެއް ބާރު ސްޕީޑެއްގައި ފެތުރެމުންދާން ފެށުމުން އެ ވައިރަސް ރާއްޖެވެސް އަންނާނެކަމަށް ބުނެ ތިބުން އެއީކީ ވެސް އަދި އެންމެ ރަނގަޅު ގޮތެއް ނޫންކަން އަލްހާން ވަނީ ފާހަގަކުރައްވާފައެވެ. ޗައިނާއިން މި ވައިރަސް އުފަންވެގެން އައިއިރު، އެ ގައުމަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައި ފާހަގަކުރައްވާ އަލްހާން ވިދާޅުވީ، އެ ވެސް ރާއްޖެއަށް މި ވައިރަސް އެތެރެވާން އޮތް ދޮރެއް ކަމަށެވެ. ޗައިނާއިން ރާއްޖެ އަންނަ ފްލައިޓުތައް މެދުކަނޑާލިނަމަވެސް އެ ނިންމުމާއި ހަމައަށް ވާސިލްވުމަށްޓަކާ ވަގުތުތަކެއް ނެގިކަން އެވެސް ގަބޫލު ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަލްހާން ފާހަގަކުރެއްވިއެވެ.

ކޮރޯނާ ވައިރަސް ރާއްޖެ އެތެރެވެއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތާއި ގުޅޭގޮތުން ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން

ޗައިނާއަށްފަހު އިޓަލީއަކީ ރާއްޖޭގެ އެންމެ ބޮޑު މާކެޓަށްވީއިރު، ފަތުރުވެރިން ރަނގަޅު ގޮތުގައި ޗެކް ނުކުރެވޭ ކަމުގެ އެއް ހެއްކަކީ ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާ ފަތުރުވެރިއެއް ރާއްޖެ އައިސް ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި ގައުމަށް ދިއުންކަމަށް އަލްހާން ވިދާޅުވިއެވެ. ސަރުކާރުން ކުރިޔަށް ގެންދާ ސްކްރީނިން ޕްރޮސެސްގެ ތެރެއިން ލާ ޕޮޒިޓިވެފައި ހުރި މީހަކު ރާއްޖެއެތެރެވުމަކީ އެއީ ކަންބޮޑުވުމެއްގެ ގޮތުގައި އަލްހާން ފާހަގަކުރެއްވިއެވެ. އަދި އޭނާ ގައުމަށް ދިއުމަށްފަހު އެކަން ފާހަގަކުރެވުމަކީ އެއީ މިކަން ރަނގަޅަށް ނުކުރެވޭ ކަމުގެ ހެއްކެއްގެ ގޮތުގައި އަލްހާން ވިދާޅުވިއެވެ.

”އެ މީހާ އެ ދާތަނަކަށް ދަނީ، ސްކްރީން ކުރެވިގެންތޯ ނޫންތޯ ކަށަވަރު ނުވާތީތާ މިހާލަތަށް މިއައީ. އެހެންވީމާ އަޅުގަނޑުމެންނަށް އެބައޮވޭ މިއީ ދިވެހި ރާއްޖެއިން އުފެދުނު ބައްޔަކަށް ނުވާތީ ދިވެހި ރާއްޖެއަށް އެ ބަލިއައުން އައުން ހުއްޓުވުމަށް ހުރިހާ ފިޔަވަޅުތަކެއް އަޅަން. ބައިނަލްއަގްވާމީ ހުރިހާ ފަރާތްތަކުންވެސް ބުނަމުންއެދަނީ މި ވައިރަސްއަކީ ނުރައްކާތެރި ވައިރަސްއެއްކަމާއި މި ވައިރަސްއަށް ފަރުވާއެއް ވެސް ނެތްކަމާއި މި ވައިރަސްޖެހޭ މީހުންގެ 4 އިންސައްތަ މީހުން މި ދުނިޔެ ދޫކޮށް ދާންޖެހޭކަން އެއީ ގަބޫލު ކުރަންޖެހޭ ހަގީގަތެއް.“ އަލްހާން

އަލާހާން ވިދާޅުވީ އެމެރިކާއަކީ ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރާ ދައުލަތަކުން މައި ސަރުކާރެއް އޮވެ ލާމަރުކަޒީ އުސޫލުން ޑީސެންޓްރަލައިޒްޑް ސިސްޓަމެއް އޮންނަ ގައުމެއް ކަމަށެވެ. ބޮޑު އާބާދީއެއް އޮންނަ އެ ގައުމުން ވައިރަސް ފެނުމާއި އެކު ވެރިކަން ކުރާ ސިޓީ، ނިއުޔޯކްގައި ސްޓޭޓް އޮފް އެމެޖެންސީ އިއުލާނުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ ތިންސަތޭކަ އެއްތަ މިލިއަންގެ އާބާދީއެއް އޮތް ގައުމެއް ކަމަށާއި، ދިވެހި ރާއްޖެއަކީ ތިން ލައްކައިގެ އާބާދީއެއް އޮތް ގައުމަކަށް ވުމުން ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް އަލްހާން ގޮވާލިއެވެ.

މާލެއަކީ، ތޮއްޖެހިފައިވާ ތަނަކަށްވާއިރު މި ސިޓީއަށް މިފަދަ ބައްޔެއް ފެތުރިއްޖެނަމަ އެއީ ބޮޑު ބިރުވެރިކަމެއްކަމަށް އަލްހާން ވިދާޅުވިއެވެ. އަލާހާން ވިދާޅުވީ މިއީ އެއްލައްކަ ބުކިން ކެންސަލްވެގެން އެކަމާއި ކަންބޮޑުވާންވީ ވަގުތެއް ނޫން ކަމަށެވެ. އެތެރެވާ ޑޮލަރު މަދުވާތީ އެކަމާ ވެސް ވިސްނާ ފިކުރު ކުރަންވީ ވަގުތެއް ނޫން ކަމަށެވެ.

ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ފޮޓޯ/އަވަސް

މާލެ ކައިރީ އުޅޭ އެތައް މުވައްޒަފުންނެއް މާލެ އަރާ ފައިބާ ހަދާއިރު އެ މީހުން ސްކްރީން ކުރުން ކުރިޔަށް ނުގެންދަންވީ ސަބަބެއް ނެތް ކަމަށް އަލްހާން ވިދާޅުވިއެވެ. ރިސޯޓުތަކުން މާލެ އަންނަމީހުން ބެލުމުގެ އެއްވެސް މޮނީޓަރިންއެއް ނެތްއިރު އެއީ އެކަންކަން ބެލެހެއްޓުން އެއީ މާލެސިޓީ ކައުންސިލްގެ ޒިންމާއެއްކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

އަލްހާން ވިދާޅުވީ މާލޭގެ އެކިކަންކޮޅުތަކުގައި އެތައް ބިދޭސީންނެއް އުޅޭއިރު، އެ މީހުންނަށް މައުލޫމާތު ފޯރާތޯ ނުވަތަ ނޫންތޯ ކަމާއި ބެހޭ އިދާރާތްތަކަށް ކަށަވަރު ނުކުރެވޭ ކަމަށެވެ. އަދި ބިދޭސީއެއްގެ ގަޔަށް މި ވައިރަސް އަރައިފިނަމަ އެތައް ބާރު ސްޕީޑެއްގައި ފެތުރިގެންދާނެކަމުގެ ކަންބޮޑުވުން އަލްހާން ވަނީ ފާޅުކުރައްވާފައެވެ.

އަލްހާން ވިދާޅުވީ، ރާއްޖެ ލޮކްޑައުންއެއް ނުކުރެވޭނެ ކަމަށް ބުނާއިރު އެގޮތަށް އެކަން ކުރިޔަކަށް ނުގެންދެވޭނެ ކަމަށެވެ. ރައްޔިތުންގެ ރައްކާތެރިކަމަށް ވުރެ އިތުރު އެއްވެސް ކަމެއް މުހިންމުވެގެން ނުވާނެކަން ވެސް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ކާރިސާއެއްގެ ދަނޑިވަޅުގައި ދައުލަތުން އަމަލު ކުރަންޖެހޭނީ ވަކި ގޮތަކަށް ކަމަށެވެ. އަދި ހޭދަތައް ބައްޓަންކުރަންޖެހޭނީ ރޭވުންތެރިކަމާއި އެކު ކަމަށެވެ. ފަތުރިވެރިކަމަށް އަސަރުކުރާނެ ވާހަތަށް ދައްކާއިރު ގައުމުގެ އެންމެ ބޮޑު ރައުސްމާލަކީ މަސައްކަތްތެރިކަން އަލްހާން ފާހަގަކުރެއްވިއެވެ. އަދި މި ވައިރަސްގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ ފަތުރުވެރިކަމުގެ ދާއިރާގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށް ވިދާޅުވިއެވެ.

އިޓަލީ ފްލައިޓުތައް މެދުކަނޑާލުމަށް ނިންމި ނިންމުން އެއީ ލަސް ނިންމުމެއްގެ ގޮތުގައި ބައެއް މީހުން ދަނީ ބުނަމުން

”އެހެން ވީމަ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހާއަށް ކޮރޯނާ ވައިރަސް ޖެހޭ ހިސާބުން ފެށިގެން ދިވެހި އިގްތިސޯދު ހަގީގަތުގައި ޝަޓްޑައުންވީ. ކާކުތޯ ދެން އަންނާނީ. އެހެންވީމަ މީކީއެއް މިބޭފުޅުން ކޮންމެހެން ކުރަންޖެހިވަޑައިގަންނަވާ ކަމެއް ނޫން. އިގްތިސޯދު ކޮންޓްރޯލް ކުރަނީ ދުނިޔޭގެ މާހިރުން. އިގްތިސޯދު ކޮންޓްރޯލެއް ނުކުރެވޭނެ ޓޫރިޒަމް މިނިސްޓަރަކަށް. އިގްތިސޯދު ކޮންޓްރޯލްއެއް ވެސް ނުކުރެވޭނެ، އިގްތިސޯދު ޑިފައިންއެއްވެސް ނުކުރެވޭނެ ދިވެހި ރާއްޖޭގެ ފިނޭންސް މިނިސްޓަރަކަށް. އެހެންވީމަ މިދަންނަވަނީ މިއޮތީ ބޮޑު ކްރައިސިސްއެކޭ. މިއޮތީ ބޮޑު ވަބާއެކޭ މިދުނިޔެއަށް އައިސްފައި“ އަލްހާން

https://twitter.com/AlhanFahmy/status/1236651479928156160

އަލާހާން ވިދާޅުވީ ދުނިޔޭގެ ބޮޑު ވިޔަފާރިތަކާއި، އެއާލައިންތައް ބަނގުރޫޓުވުމަށް މިސްރާބުޖަހާފައިވަނީ އެންމެގެ ލޯ ކުރިމަތީ ކަމަށެވެ. ދިވެހިރާއްޖޭގެ އެންމެ ބޮޑު ރައުސްމާލަކީ ދިވެހިންނަށްވީއިރު މަސައްކަތްތެރި އަތްތައް ރައްކާ ނުކުރެވިއްޖެ ނަމަ ގައުމެއް ނޯންނާނެކަމަށް އަލްހާން ވިދާޅުވިއެވެ.

ވައިރަސް އާއި ގުޅިގެން އަލްހާން ވަނީ އޭނާގެ ކެމްޕެއިން ލޯންޗިން ވެސް އެއްވުމެއްގެ ގޮތުގައި ނުބޭއްވުމަށް ނިންމަވާފައެވެ. އަލްހާން މިއަދު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވައި މިހާރު ކުރިޔަށްގެންދާ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން އެއްވުންތައް ނުބޭއްވުމަށް ނިންމާފައި ވަނީ ކޮރޯނާ ވައިރަސްގެ ނުރައްކަލުން ރައްކާތެރިވުމުގެ ގޮތުން ކަމަށެވެ. ކެމްޕެއިނުގެ އެއްވެސް އެއްވުމެއް ނުބޭއްވުމަށް އަލްހާން ނިންމެވިއިރު ބައެއް ސިޔާސީ ޕާޓީތަކުން ނިންމާފައިވަނީ ކެމްޕެއިން ބޮޑު ޖަލްސާ ނުބޭއްވުމާއި، ދަތުރުތައް ކެންސަލް ކުރުމަށެވެ.

އަލްހާންގެ ކެމްޕެއިން ކުރިޔަށް ގެންދާނީ ކެމްޕެއިން އޮފީހުގައެވެ. އަދި އެ ހަރަކާތްތައް މީޑިއާތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދެވޭނެއެވެ.

އަލްހާނަކީ، ވައިރަސްއާއި ގުޅިގެން މިފަދަ އެއްވުންތައް ނުބޭއްވުމަށް އިސްނެންގެވި ފުރަތަމަ ކެނޑިޑޭޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: