އަންނަމަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް އެދި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްއާރްއެމްގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ، ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އިން، ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް އެދިވަޑައިގަންނަވާކަމަށާއި، އިންތިޚާބު ފަސްކުރަން އިލެކްޝަން ކޮމިޝަނަށް ގޮވާލައްވާކަމަށެވެ.
https://twitter.com/maumoonagayoom/status/1237240345139662848?s=20
ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން ދިވެހިރާއްޖެއަށް ވެސް އިތުރުވަމުންދާ މި ފަދަ ދަނޑިވަޅެއްގައި، ރައީސް މައުމޫން މި ފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީންނާއި، ޕީޕީއެމްއިންވަނީ ލޯކަލްކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތްތަށް ވެސް ހުއްޓާލާފައެވެ. މީގެ އިތުރުން، ކައުންސިލް އިންތިހާބު ފަސް ކުރުމަށް އެދި ޢާންމުންނާއި ބައެއް ސިޔާސީ ބޭފުޅުން ވެސް ދަނީ އެދެމުންނެވެ.
ނަމަވެސް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ސަރުކާރުގެ ވާހަތަކަށް ބަލާއިރު، އިންތިޚާބު ބޭއްވުން ފަސްކުރަންޖެހޭ އެއްވެސްކަމެއް އޮތްކަމުގައި ފެނިވަޑައިނުގަންނަވާކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމާއިބެހޭގޮތުން، ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މަޝްވަރާތައްކުރަން ފަށާފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރާނީ، ފަސް ކުރަން ޖެހޭފަދަ މާހައުލެއް އުފެދިއްޖެކަމަށް ކަމާބެހޭ ފަރާތްތަކުން އެ އިދާރާއަށް އެންގުމުންކަމަށޤ އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

